ލައިފްސްޓައިލް

ދަރިފުޅު ސަލާމަތްކުރަން ނަރުދަމާ ވަޅުގަނޑަކަށް ފުންމާލައިފި

ކުޑަ ދަރިފުޅުގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ވިހި ފޫޓު ފުން ނަރުދަމާ ވަޅުގަނޑަކަށް އަންހެނަކު ފުންމާލާ މަންޒަރުގެ ވީޑިއޯއެއް އިންޓަނެޓުގައި އިއްޔެ ވަނީ ދައުރުވެފަ އެވެ.

އިނގިރޭސިވިލާތުގެ ކެންޓުގައި މިދިޔަ އާދިއްތަ ދުވަހު ހިނގި މިހާދިސާގެ މަންޒަރު ފެންނަ ވީޑިއޯއިން ފެންނަނީ 23 އަހަރުގެ އެމީ ބްލީތު އޭނާގެ 18 މަހުގެ ފިރިހެން ދަރިފުޅު ތިއޯ ޕިރޯ ގޮވައިގެން ހިނގާލަން ގޮސް އުޅެނިކޮށެވެ.

އެހިސާބުގައި ހުރި އަވަށްޓެރި ގެއެއްގައި ހުރި ސީސީޓީވީ ކެމެރާއަކުން ރެކޯޑް ކޮށްފައިވާ މި ވީޑިއޯގައި ދެން ފެންނަނީ ނަރުދަމާ ވަޅުގަނޑެއް ކައިރިން އެމީ އޭނާގެ ދަރިފުޅުގެ އަތުގައި ހިފައިގެން ދާ ތަނެވެ. ކުއްލިއަކަށް އެ ކުއްޖާ އެމީހާގެ އަތުން ދޫކޮށްލާފައި އެނބުރި ގޮސް އޭނާގެ އަތު ނުޖެހި އެ ވަޅުގަނޑާ އަރާ ހަމަވިތަން ދެން ފެނެ އެވެ.

އެ ވަޅުގަނޑުގައި މަތި ޖަހާފައި ހުރުމުން އެއީ ކޯޗެއްތޯ ބަލާލަން ކުއްޖާ ބޭނުންވީ ކަމަށް ބެލެވެ އެވެ. އެމީގެ އަތު ޖެހުމުގެ ކުރިން ކުއްޖާ ގޮސް އެ މަތިގަނޑަށް އެރުމާއެކު މަތިގަނޑުގެ އެއްފަރާތް ހިއްލި ކުއްޖާ ވަޅުގަނޑު ތެރެއަށް ވެއްޓެނީ އެވެ. ބަލާކަށް ނުހުރެ އެމީ ދިޔަގޮތަށް ގޮސް ވަޅުގަނޑުގެ މަތިގަނޑު ނަގާ ހޫރާލާފައި ވަގުތުން ވަޅުގަނޑަށް ފުންމާލަ އެވެ. އޭރު ވަޅުގަނޑު ތެރޭގައި ކުޑަ ކުއްޖާގެ އުނަގަނޑާ ހަމަޔަށް ނަޖިސް ހުއްޓެވެ.

އޭގެން ދުވާ ވަހަކަށް އަދި އޭގައި ހުރި ނަޖިހަށް ބެލުމެއް ނެތި އެމީ ވަނީ ވަޅުގަނޑަށް ފުންމާލައި އޭނާގެ ދަރިފުޅު ސަލާމަތްކޮށްފަ އެވެ.

ވެއްޓި ޖެހުނު ބުރައިގައި ބޮލަށް ކޮންމެވެސް ވަރަކަށް އަނިޔާވުމުން އެނބުރުން އަރާ ކަހަލަ ގޮތެއް ކުއްޖާއަށް ވެފައި އޮތަސް ނަސީބަކުން ވަޅުގަނޑަށް ވެއްޓުމުން ކުއްޖާއަށް މާބޮޑު އަނިޔާއެއް ނުލިބެ އެވެ. ނަމަވެސް މި ހާދިސާ ދިމާވުމުގެ ސަބަބުން ކުއްޖާގެ މަންމައަށް ވަނީ ފުން އަސަރުތަކެއް ކޮށްފަ އެވެ.

އެމީ ބުނި ގޮތުގައި ދަރިފުޅު ވެއްޓުނުތަން ފެނިފައި އޭނާގެ ހޭ ބުއްދި ފިލި އެވެ. އަދި އެ ވަޅުގަނޑުގައި އަޅާފައިވާ މަތިގަނޑު ނަގާ ދުރަށް އެއްލާލެވުނު ގޮތެއް އަދި އޭގެ ތެރެއަށް އޭނާއަށް ފުންމާލެވުނު ގޮތެއް ބުނާކަށް ވެސް ނޭނގެ އެވެ.

"އަހަރެން އެންމެ ފުރަތަމަ ވެސް ހިތަށް އެރީ ޔާރައްބީއޭ މަގޭ ދަރިފުޅު މަރުވިއްޔޭ އެ. އަހަރެން މަތިގަނޑު ނަގާފައި އެތެރެ ބަލާލިއިރު ދަރިފުޅު ބާރަށް މަށަށް ގޮވަ ގޮވާފައި ރޮނީ. އޭރު އޭނާގެ ކަކުލާ ހަމަޔަށް ނަޖިސް ހުރި. އަހަރެން ވަޅުގަނޑު ތެރެއަށް ފޭބިޔަސް އޭނާގެ ގައިގައި ހިފައި ނެގޭ ވަރަށް ވުރެ ވަޅުގަނޑު ފުން. އެހެންވެ ވަކި ހިސާބަކަށް ފައިބައިގެން ހުރެ ވަރަށް ބޮޑަށް ގުދުވެގެން ދަރިފުޅު ގައިގައި ހިފައި ނެގުނީ،" އެމީ ބުންޏެވެ.

މި ވީޑީއޯ ބަލާފައި ވަރަށް ގިނަ ބަޔަކު ވަނީ އެމިލީގެ ހިތްވަރުގަދަކަމަށް ތައުރީފުކޮށްފަ އެވެ. ވިސްނާލުމެއް ވެސް ނެތި އެ ވަޅުގަނޑަށް އޭނާ އެރުނު ގޮތް ގިނަ މީހުން ސިފަކުރީ މައިވަންތަކަމުގެ ލޯބީގެ ނަމޫނާއެއްގެ ގޮތުގަ އެވެ.

މިހާރު ކެންޓުގެ ކަމާ ބެހޭ އިދާރާތަކުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ. އާންމުން ގޮސް އުޅޭ ތަނެއްގައި ހުރި ފާޚާނާ ވަޅުގަނޑެއްގެ މަތިގަނޑު ދޫވެ އެހާ ފަސޭހައިން މީހުން ވެއްޓޭ ގޮތަށް ހުރީ ކިހިނެއްތޯ ބަލައި ދެން އެފަދަކަމެއް ތަކުރާރު ނުވޭތޯ ޔަގީން ކުރާނެކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެފައި ވެއެވެ.