މިފްކޯ

ދާއިމީކޮށް މިފްކޯއަށް މަސްކިރުވާ ދޯނިތަކަށް ހިލޭ އައިސް

ދާއިމީކޮށް މިފްކޯއަށް މަސްކިރުވާ ދޯނިތަކަށް ހިލޭ އައިސް ދޫކުރަން ނިންމައިފި ކަމަށް މިފްކޯއިން ބުނެފި އެވެ. އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދާއިމީކޮށް އެކުންފުންޏަށް މަސް ކިރުވާނަމަ އެ ދޯންޏަކަށް ހަފުތާއަކު ތިން ޓަނުގެ އައިސް ދޭނެ ކަމަށެވެ. އަދި ބުނީ މިއީ މަސްވެރިންނާ ގުޅުން ބަދަހިކޮށް މަސްވެރިކަން ކުރިއެރުވަން ގެނައި ބަދަލެއް ކަމަށާއި މީގެ ސަބަބުން މަސްވެރިކަން ދަށްވި ނަަމަވެސް މަސްވެރިކަން ކުރާ ފަރާތްތަކަށް ހިތްވަރު ލިބޭނެ ކަމަށެވެ.

"އެންމެ އެކުވެރި މަސްވެރިޔާ" ގެ ނަމުގައި މިފްކޯއިން މިހާރު ވަނީ ކާޑެއް ތައާރަފް ކޮށްފަ އެވެ. އެކާޑަކީ މިފްކޯ އަށް މަސްކިރުވާ ދޯނިތަކުގެ ތެރެއިން 250 ޓަނަށް ވުރެ ގިނައިން ކިރުވި ދޯނިތަކަށް ދޭ ކާޑެކެވެ. އެކާޑަކީ މިފްކޯގެ ފިހާރަތަކުގެ އައިޓަމްތަކުން ޑިސްކައުންޓާއި އެހެން ހިދުމަތްތައް ހޯދަން ފަހިކޮށްދޭ ކާޑެކެވެ.

ފާއިތުވެދިޔަ ދެ އަހަރު ދުނިޔޭގެ ބާޒާރުގައި މހުގެ އަގު އާދަޔާ ހިލާފަށް ދަށްވެފައި ވާކަން ފާހަގަ ކުރަމުން މިފްކޯއިން ބުނީ މަހުގެ އަގު މިހާރު އުޅެނީ ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ދަށަށް ނުދާ ވަރަށް ދަށުގައި ކަމަށެވެ.