ރިޕޯޓް

ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަނީ ސިޔާސީ ބޭނުމަށް، އިސްލާމްދީނާ ދެކޮޅަށް!

ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ރާއްޖެއަށާއި އާންމުންނަށާއި ރާއްޖޭގެ ހުރިހާ ކަމަކަށް ވަރަށް ބޮޑަށް ކުރެއެވެ. ސަބަބަކީ ބައެއް ގައުމުތަކާއި އެއްފަދައިން ރާއްޖޭގެ ވެސް އިގްތިސޯދީ ހުންގާނު ހިފަހައްޓާނީ އެގައުމެއްގެ ސިޔާސީ މީހުން ކަމަށްވާތީ އެވެ. އެހެން ކަމުން ރާއްޖެއަށް އަންނަ ސިޔާސީ ހަލަބޮލި ކަމުގެ ތެރޭގައި އިގްތިސޯދަށް ބުރޫ އަރައި އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ރައްޔިތުންނަށް ކުރަނީ އެވެ.

ރާއްޖެ އިގްތިސޯދު ބަރޯސާ ވެފައި އޮންނަނީ ޓޫރިޒަމުން ލިބޭ އާމްދަނީގެ މައްޗަށެވެ. އެހެންވާން ޖެހުނީ ރާއްޖޭގެ އުފެއްދުންތައް މަދުކަމާއި އެކްސްޕޯޓުކުރާނެ ގިނަ ބާވަތްތަކެއް ނެތުމެވެ. އޭގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ނަގައި އަބަދުވެސް ކޮޅަށް ބާއްވަން އެންމެ މުހިންމު ކަމަކީ ބޭރުގައުމުތަކަށް ރާއްޖެ، އަދި ދިވެހި ޓޫރިޒަމް ޕްރޮމޯޓް ކުރުމެވެ. ނަމަވެސް ރާއްޖޭގެ މިހާރުގެ ހާލަތައް ބަލާ އިރު ފެންނަނީ މީގެ އިދިކޮޅެވެ.

ބައެއް ފަރާތްތަކުން ސިޔާސީ ބޭނުމަށް ނުވަތަ އެނޫންވެސް ބޭނުންތަކުގައި ރާއްޖޭގެ އިގްތިސޯދަށް ވަރަށް ބޮޑެތި ގެއްލުންތައް ދޭމަންޒަރެވެ. މުޅި ގައުމު އެކަމަކަށް ބަރޯސާ ވެފައި އޮންނަ ޓޫރިޒަމް ބޮއިކޮޓް ކުރަން ރާއްޖެއިން ބޭރުގައި ތިބޭ ބައެއް ދިވެހިންނާއި ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ތިބި ބަޔަކުވެސް އެހީތެރިވާ މަންޒަރެވެ. ރާއްޖޭގެ އަގު ވައްޓާލުމުގެ މަސައްކަތް ކުރާތަނެވެ.

ބޮއިކޮޓް ކުރަން ގޮވާލަނީ ކޮންބައެއް؟

ރާއްޖޭގެ ޓޫރިޒަމް ހުއްޓުވުމަށް ނުވަތަ ރިސޯޓްތައް ބޮއިކޮޓް ކުރަން ބޭރުގެ އެކި ދިމަ ދިމާއިން ރާއްޖޭގެ ބައެއް ފަރާތްތަކާ ގުޅި، މަސައްކަތް ކުރަމުންދަނީ ފުރަތަމަ ފޮރުވިގެން 2003 ވަނަ އަހަރުން ފެށިގެންނެވެ. އޭގެ ފަހުން ފާޅުގައި 2008 އިން ފެށިގެނެވެ. އެކަމުގައި ހިމެނޭ ދިވެހިންގެ ބޭނުމަމީ ބޭނުމަކީ އެއިން ނުކުންނަ ނަތީޖާއިން ރާއްޖެ އިނދަ ޖައްސާލުން ނޫން ކަމަށް ވެދާނެ އެވެ. އެކަމަކު ބޭނުމަކީ ސިޔާސީ ގޮތުން ސަރުކާރަށް ފިއްތުން ކުރިމަތި ކުރުވައި ކަރުހިއްކައިގެންފައިވާ ސިޔާސީ ބޭނުން ހާސިލު ކުރުމެވެ.

"ރައީސް މައުމޫނުގެ ވެރިކަމުގަ އާއި ރައީސް ވަހީދުގެ ވެރިކަމުގެ ދުވަސްތަކުގައި ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމުގެ ބޮޑުބައެއް ދިޔައީ. މިހާރު ރައީސް ޔާމީންގެ ސަރުކާރަށްވީ ދެ އަހަރަކީ މުޅިން ބޮއިކޮޓް ކުރުމަށް ގޮވާލާ ދުވަސްތައް. ރައީސް މުހައްމަދު ނަޝީދުގެ ވެރި ކަމުގައި އެކަމެއް ނެތް. އެހެންވީމާ މީ ކޮން މަގުސަދެއްގައި ކޮން ދިމާއަކުން ހިނގާ ކަމެއްކަން ވަރަށް ރަނގަޅަށް އެނގޭ،" ޕީޕީއެމްފެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވި އެވެ.

އަބަދުވެސް ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުން ގޮސް ޖެހެނީ އިދިކޮޅު އެމްޑީޕީގަ އެވެ. ރާއްޖެއިން ބޭރުގައި ތިބި އެ ޕާޓީގެ އިސް ބައެއް ވެރިންނާއި އެ ޕާޓީގެ ހިމާޔަތުގައި ބޭރު ދުނިޔޭގައި އަޑު އުފުލާ މީހުންނާއި އެފަާރާތްތަކާ ގާތް ގުޅުން އޮންނަ ބޭރުގެ ދިމަދިމާއިންނާއި އެފަރާތަކުން ބޭރު ދުނިޔޭގައި "މަންޒަރު ބަދަލުކޮށްގެން" ކުރާ މަސައްކަތްތަކުގެ ނަތީޖާއިންނެވެ.

"އެމްޑީޕީގެ ވާހަކާގައި ރާއްޖޭގެ ޓޫރިޒަމަށް ގެއްލުންވާނެ އެއްވެސް އެ ޕާޓީން ނުކުރޭ. އެކަމަށް ތާއީދެއްވެސް ނުކުރޭ. އެކަމަކު ރާއްޖޭގެ ޓޫޒިޒަމް ހަލާކުކޮށް ބޮއިކޮޓް ކުރުމަށް މިހާތަނަށް ގޮވާލާ ކޮންމެ ދިމާއެއްގައި ހުންނަނީ އަދި އެކަންކަމަށް ވާގިވެރިވަނީ އެމްޑީޕީގެ ކޮންމެވެސް ބަޔަކު މި ހަގީގަތް ސާފު، އެހްންވީމާ ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް މަސައްކަތްކުރަނީ އެމްޑީޕީން. އަދި ބަކި މަގުސަދެއް ހާސިލު ކުރުމަށް އެމްޑީޕީއާއެކު މަސައްކަތް ކުރާ ހުޅަނގުގެ މީހުން،" ނިހާން ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލިސް ހުޅުވުމާއެކު މަޖިލީހުގައި ޕީޕީއެމްގެ ޕީޖ ގްރޫޕާއި އެ ގްރޫޕާ ގުޅިފައިވާ ޕީޖީ ގްރޫޕްތަކުން ކުރާނެ އެންމެ ބޮޑު މަސައްކަތަކަށްވާނީ ރާއްޖޭގެ ޓޫރިޒަމް ހަލާކުކޮށް އިގްތިސޯދު ފުނޑުފުނޑު ކުރަން މަސައްކަރް ކުރާ މީހުންނަށް ހަރުކަށި އަދަބު ދޭން ފުރިހަމަ ގާނޫނީ ހަމަތަކެއް ގެނައުމުގެ މަސައްކަތެވެ. މަޖިލިސް ފެށުމާއެކު އެކަން ކާމިޔާބުވާނެ އެވެ.

"މިކަން ކުރާ ފަރާތްތަކަށް އަޅުގަނޑު ދަންނަވާނީ ސަމާލުވެތިބެއްޗޭ، އަޅުގަނޑުމެންގެ އަތުގައި މަޖިލީހުގެ މެޖޯރިޓީވެސް އެބަޮއޮތޭ. މިކަން ކުރާ މީހުންނަށް އަދަބު ދޭނެ ގާނޫނީ ނިޒާމެއް ގެންނާނަމޭ،" ނިހާން ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކާއި ގުޅި ބޮއިކޮޓް ކެމްޕޭންތައް ހިންގައި ރާއްޖެ އަންނަން މަނާ ކުރާ ތަފާތު ވެބްސައިޓްތައް ހަދައިގެން ބޭރު ފަރާތްތަކުން ރާއްޖޭގެ ޓޫރިޒަމް އަށް ހުރަސް އަޅަން މަސައްކަތް ކުރެ އެވެ. މިއީ ހަގީގަތެކެވެ. އެމީހުން ކުރަމުން އަންނަ މަސައްކަތައް އިތުރު ހިއްވަރެއް އަބަދުވެސް އަބަދުވެސް ސަރުކާރާ އިދިކޮޅުގައި އޮތް އެމްޑީޕީގެ ކިބައިންނެވެ.

ރައީސް މުހައްމަދު ނަޝީދުގެ މައްސަލައާއި އެއާއ ގުޅިގެން އައި ޝަރީއަތާއި ޖަލު ހުކުމުގެ ކަންކަމާމެދު ހިތްހަމަ ނުޖެހުމުން އެ މައްސަލަ ގާނޫނުގެ ތެރެއިން ހައްލު ކުރުމުގެ ބަދަލުގައި ބޭރުގައުމުތަކަށް ގޮސް ރާއްޖެއާ ދެކޮޅަށް ގަރާރުތަށް ފާސް ކުރަން ގޮވާލައި ޓޫރިޒަމަށް ފިއްތާލައި އޭގެ ނާޖާއިޒް ފައިދާ ނަގާނީ ބޮއިކޮޓް ކެމްޕެއިންގެ ތެރެއިންނެވެ.

ރާއްޖެއާ މެދު ފިޔަވަޅު އަޅަން ޖެހިފގައިވާ ކަމަށް ގަބޫލު ކުރާ ބޭރުގެ ފަރާތްތަކަށް އޮތް މައްސަލައަކީ ޑިމޮކްރަސީގެ ހުރިހާ ހަމަތަކާއި އުސޫލުތަށް ރާއްޖޭގައި ގާއިމް ކުރެވިފައި ނެތުމުގެ ބޯޑެއް އެޅުވުމެވެ. އެ މީހުންގެ ބޭނުމަޖީ ސައްތައިން ސައްތަ އިސްލާމް ގައުމެއްގެ ގޮތުގައި ރާއްޖެ އޮތް އޮތުމުގައި ރެނދު އަޅުވާލައި ފޭވެގެން ދާދިމާއިން އެމީހުން ބޭނުންވާ ދީނީ ގޮތްތައް ރާއްޖެއަށް ތައާރަފު ކުރުމެވެ. އެއީ އަބަދުވެސް ބޭނުންވާ އެކަމަށް މަސައްކަތް ކުރާ ކަމެކެވެ. ރާއްޖޭ ސިޔާސީ މައްސަލަތަކުގައި ގައުމު "ކޮމްޕްރޮމައިޒް" ކޮށްފައި އެންމެ މީހެއްގެ ފައިދާއަށްޓަކައި އެފަދަ ފަރާތްތަކާ ގުޅީ ރާއްޖޭގެ އިގްތިސޯދު ދުއްވާލާއި ރާއްޖޭގައި އިސްލާމްދީނާ ނުގުޅޭ ކަންކަން ތައާރަފު ކުރަން ފުރުސަރު ދިނުމަކީ އަދި ދޭން މަސައްކަތް ކުރާ މީހުން ކުރާ މަސައްކަތަކީ ގައުމަށް "ގައްދާރުވުން" ވުމެވެ. ރާއްޖެ އާއި ސަރުކާރަށް ބިރުދައްކައިގެން ގަދަބާރުން ރާއްޖެއަކީ ދީނީ ހައްދުފަހަނައާޅަފައިވާ ގައުމެއްގެ ގޮތުގައި ދުނިޔެއަށް ދައްކަން ކުރާ މަސައްކަތަކީ އެމީހުންގެ މަސައްކަތުގައި ކާމިޔާބު ހޯދަން ކުރާ މަސައްކަތެކެވެ.

ވޭތުވެދިޔަ އަހަރުތަކު ތެރޭގައި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އެތަށް ގުނައަކަށް ފުޅާވެފައިވާއިރު ޓޫރިޒަމް އަށް ގެއްލުން ދިނުމަކީ މުޅި ގައުމަށް ގެއްލުން ދިނުމެވެ. ރާއްޖޭގެ 35 ޕަސަންޓާއި ގާތްކުރާ އަދަދެއްގެ މީހުން ވަޒީފާ އަދާކުރަނީ ވެސް ޓޫރިޒަމް އިންޑަސްޓްރީގަ އެވެ. މާލެއިން ވެސް އެތަށް ބަޔަކު ރިސޯޓުތަކުގައި މަސައްކަތް ކުރާ އިރު ރަށްރަށުގައި އުޅޭ ޒުވާނުން ވެސް ބަލަނީ ކިޔަވާ ނިމިގެން އެރަށަކާއި އެންމެ ކައިރީގައި އޮންނަ ރިސޯޓަކަށް މަސައްކަތް ކުރަން ދެވޭތޯއެވެ. އެހެން ކަމުން ޓޫރިޒަމުން ބޮއިކޮޓް ކުރަން ގޮވާލުމުން އޭގެ އަސަރު އެތައް ބައެއްގެ ދިރިއުޅުމަށް ކުރާނެ އެވެ.

"ޓޫރިޒަމް ބޮއިކޮޓް ކޮށްގެން ނުވަތަ އެހެން ކަމެއް ވެގެން ވެސް އަޅުގަނޑު މަސައްކަތް ކުރާ ރިސޯޓު ޝަޓް ޑައުން ވެއްޖެއާ ވަރަށް ބޮޑެތި ގެއްލުން ތަކެއްވާނެ. އެއީ އާއިލާގަ ހުރި ހަމަ އެކަނި ފިރިހެނަކީ އަޅުގަނޑު. އެހެންވެ އާއިލާއަށް ކުރާ ހަރަދާއި ކޮއްކޮ ކިޔެވުމަށް ލަންކާ އަށް ފައިސާއަށްފޮނުވަން ޖެހޭ. މިކަމަށް ހުއްޓުމެއް އަރާފިއްޔާ އާއިލާ އިނދަ ޖެހޭނެ،" މީރު އައިލެންޑް ރިސޯޓުގެ މުވައްޒިފެއް ކަމަށްވާ މުހައްމަދު ހިޝާން ބުންޏެވެ.

"އަޅުގަނޑުމެން ހުންނަނީ ރިސޯޓަށް ޓޫރިސްޓުން އަންނަ އަދަދު މަދުވެދާނެތީ ކަނބޮޑުވެފައި. އެއީ ބައެއް ފަހަރު މުޅި މުސާރައިން އާއިލާ އަށް ހަރަދު ކޮށްފަ ލިބޭ ޓިޕްސް އިން ފުއްދާލަން ޖެހޭ ފަހަރުތަށް އާދޭ. އެހެންވީމަ ހަމަ ގައިމުވެސް ޓޫރިސްޓުން ނާންނަންޏާ އޭގެން ގެއްލުން ވާނީ އަޅުގަނޑުމެންނަށް،" ޕެރެޑައިސް އައިލެންޑުގައި އުޅޭ ޖައިޝަން އަހުމަދު ބުންޏެވެ އެވެ.

ދާދި ފަހުން މިކަމާއި ގުޅިގެން އޭޝިއާގެ އެންމެ ވަރުގަދަ ޔުނިވާސިޓީތަކުގެ ތެރޭގައި ހިމެނޭ، ސިންގަޕޫރުގެ ނަންޔަން ޓެކްނޮލޮޖިކަލް ޔުނިވާސިޓީގެ ސީނިއާ އެނަލިސްޓް ކަމަށްވާ އިރޯމީ ދަރުމަވާދަން ހެދި ރިޕޯޓެއްގައި ވެސް ބުނެފައި ވަނީ ޑިމޮކްރަސީގެ ޅަފަތުގައި އޮތް އަދި ތަރައްގީވަމުން އަންނަ، ވަސީލަތްތައް މަދު ރާއްޖެއަށް ބޭނުންވަނީ ބޮއިކޮޓްކޮށް އެކަހެރިކޮށްލުން ނޫން ކަމަށާއި ބޭނުން ވަނީ އެހީތެރިކަން ކަމަށެވެ. ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓްކުރުމުން ވަޒީފާ ނެތް ޒުވާނުން އިތުރުވެ، ދީނީ ހަރުކަށި ހިޔާލުގެ މީހުން އިތުރުވުމަށް މަގުފަހިވާނެ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.