ސަރުކާރާއެކު ޖޮއިންޓް ވެންޗާ (ޖޭވީ) ހަދާފައިވާ 45 ކުންފުނި އޮތްއިރު މި ކުންފުނި ތަކުން ސަރުކާރުގެ ހިއްސާ ގަންނަން ބޭނުންވާ ކަމަށް ބުނެފި އެވެ.
އިގްތިސޯދީ ކޮމެޓީގައި ވާހަކަ ދައްކަވުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ސަރުކާރާއެކު ޓޫރިޒަމް ވިޔަފާރި ތަރައްގީ ކުރަން ހަދާފައިވާ ކުންފުނިތަކުގެ ހިއްސާ ވިއްކާލަން ދަތި ތަކެއް އެބަހުރި ކަމަށެވެ.
"ހަގީގަތުގައި މި 45 ކުންފުނީގެ ތެރެއިން ގިނަ ކުންފުނިތަކުން ބޭނުންވޭ ސަރުކާރުގެ ހިއްސާ ގަންނަން ވެސް. ގިނައިން ހުރީ ފަސް ޕަސެންޓުގެ ޖޭވީ. ގާނޫނުތައް ހެދިފައި ހުރި ގޮތުން ހިއްސާ ގަންނަން ފުރުސަތެއް ނޯވޭ. އެންމެ ފަހުން ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހުގައި ހުރި ފޯމިއުލާތަކުގެ ސަބަބުން އަގު ބޮޑުވޭ މާކެޓު ރޭޓަށްވުރެ ވެސް. އެހެންވެ ވަރަށް އުނދަހޫ ޕްރޮސެސްއަކަށް ވެގެން މިދިޔައީ،" އަމީރު ވިދާޅުވި އެވެ.
"އެހެންވީމަ އެ ބަދަލު [ގާނޫނުން ހައްލެއް ހޯދަން] ޓޫރިޒަމް ގާނޫނަށް އިސްލާހު ހުށަހެޅީ."
މިނިސްޓަރު ވިދާޅުވީ ސަރުކާރާއެކު ޖޮއިންޓް ވެންޗާ ހަދާފައިވާ ބައެއް ފަރާތްތަކުގެ ހިއްސާ ހިލޭ ބަދަލު ކުރެވޭ ގޮތަށް އެއްބަސްވުން ތަކެއް ވެސް ހެދިފައިހުރި ކަމަށެވެ.
ފިނޭންސް މިިނިސްޓްރީގެ ލީގަލް ހެޑް އަޝްރަފު އަހުމަދު ވިދާޅުވީ ސަރުކާރާއެކު ހަދާފައިވާ ޖޭވީ ތަކަކީ ސަރުކާރަށް އެއްވެސް ފައިދާއެއް ކުރާ ވިޔަފާރިތަކެއް ނޫން ކަމަށެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ މި ހިއްސާތައް ވިއްކާލުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި މި ހިއްސާތައް ހުރުމުގެ ސަބަބުން ބޭރުގެ އިންވެސްޓަރުން މި ތަންތަނުގައި އިންވެސްޓް ކުރަންވެސް ދަތިތަކެއް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
އަމިއްލަ ފަރާތްތަކާއެކު ހަދާފައިވާ ޖޭވީތައް ބަދަލު ކުރަން މަސައްކަތް ކުރާއިރު ޓޫރިޒަމް ބައެއް ރިސޯޓުތައް އަލުން ފަށައި ގަންނަންވެސް މި ހިއްސާ އޮތުމުގެ ސަބަބުން ވަނީ ހުރަސް އެޅިފަ އެވެ.