ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ލޯކަލް ކައުންސިލްތަކަށް ލިބޭ ގޮތަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝައުނާ މިހެން ވިދާޅުވީ އއ. އުކުޅަހުގައި މިހާރު ކުރިއަށްދާ ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ބައެއް ކައުންސިލްތަކުން ސަރުކާރަށް ހުށަހެޅި ހުށަހެޅުމަކާ ގުޅިގެންނެވެ.
ގްރީން ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ މިހާރު ހަރަދު ކުރަނީ ވަކި އަތޮޅަކަށް ނުވަތަ ވަކި ރަށަކަށް ބަލައިގެނެއް ނޫނެވެ. އެހެންވެ ކައުންސިލަރުން މައިގަނޑު ގޮތެއްގައި ހުށަހެޅުއްވީ ގްރީން ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީގެ 50 ޕަސަންޓް ކައުންސިލްތަކަށް ހާއްސަކުރުމަށެވެ. އަދި ދައުލަތުގެ ބަޖެޓުން ލޯކަލް ކައުންސިލްތަކަށް ދޫކުރާ ފަސް ޕަސަންޓްގެ ގްރާންޓް ފައިސާ އަށް ޕަސަންޓަށް ބޮޑުކޮށްދިނުމަށް ވެސް ކައުންސިލަރުން ހުށަހެޅުއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިންނެވި މިބައްދަލުވުމުގައި ކައުންސިލަރުންގެ ހުށަހެޅުންތަކަށްފަހު މިނިސްޓަރު ޝައުނާ ވިދާޅުވީ ކައުންސިލްތަކުން ހުށަހެޅި ގޮތަށް ގްރީން ޓެކްސްގެ އާމްދަނީ ކައުންސިލްތަކަށް ލިބޭ ގޮތަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
މިނިސްޓަރު ޝައުނާ ވިދާޅުވީ ގްރީން ޓެކްސްގެ ގޮތުގައި ކައުންސިލްތަކަށް ފައިސާ ދޭނީ އެ ފައިސާ ބޭނުންކޮށްގެން ތިމާވެށްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ކަމަށެވެ. އެގޮތުން ރަށްރަށުގައި ކުނި މެނޭޖުކުރާ ތަންތަން ހެދުމަށާއި، ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް އެ ފައިސާ ބޭނުންކުރެވޭނެ ކަމަށެވެ.
![](https://images-01.avas.mv/post/big_FxO2TfByHpJcyctJi5aLyU2IN.jpg)
ރައީސް ސޯލިހް ވިދާޅުވީ ގްރާންޓް ފައިސާއާއި ގްރީން ޓެކްހުގެ އާމްދަނީއާ ގުޅޭގޮތުން ކައުންސިލްތަކުގެ ހުށަހެޅުންތައް ދިރާސާކުރުމަށްފަހު އެކަންކަން ހަގީގަތަކަށް ހައްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ގްރީން ޓެކްސްގެ ގޮތުގައި މިއަހަރުގެ ޖެނުއަރީން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ދައުލަތަށް 379.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 93.2 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޫބަރު 2016 ގައެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ.