ގްރީން ޓެކްސް

އަހަރު ނިމޭއިރު ގްރީން ފަންޑުގައި 441 މިލިއަން ރުފިޔާ

Nov 30, 2019
2

އަހަރު ނިމެންދާއިރު ގްރީން ފަންޑުގައި މިހާރު 441 މިލިއަން ރުފިޔާ އެބަހުރި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ގްރީން ޓެކުހުގެ ފައިސާ ޖަމާކުރާ ގްރީން ފަންޑުގެ ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ ޖެނުއަރީން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ގްރީން ފަންޑަށް 780 މިލިއަން ރުފިޔާ ޖަމާ ކޮށްފައިވެ އެވެ. މީގެ ތެރެއިން 338 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވާއިރު ފަންޑުގައި ބާކީ 441 މިލިއަން ރުފިޔާ އެބަހުއްޓެވެ. މި ފަންޑުން ނިމިދިޔަ އޮކްޓޫބަރު މަހު 37 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ.

ގްރީން ފަންޑުގެ ފައިސާ ހޭދަ ކުރަނީ ތިމާވެށްޓާ ގުޅުންހުރި މަޝްރޫއު ތަކަށެވެ.

މި އަހަރުގެ މިހާތަނަށް ގްރީން ފަންޑަށް އެންމެ ގިނައިން ފައިސާ ޖަމާވެފައި ވަނީ ފެބްރުއަރީ މަހު އެވެ. އެ މަހު 89 މިލިއަން ރުފިޔާ ޖަމާވެފައިވެ އެވެ. އަދި އެންމެ މަދުން ފައިސާ ޖަމާވެފައި ވަނީ ޖުލައި މަހު އެވެ. އެ މަހު 51 މިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ.

ގްރީން ޓެކުހަކީ އޮކްޓޯބަރު 2016 އިން ފެށިގެން ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ކޮންމެ ޓޫރިސްޓެއްގެ އަތުން ނަގާ ޓެކުހެކެވެ. މި ޓެކްސް ނަގަނީ ގެސްޓްހައުސް ނޫން ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނުން ހަ ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުން ނަގަނ ތިން ޑޮލަރެވެ. ގްރީން ޓެކްސް ނަގަން ފެށީ، ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ކަމަށް ބުނެ އެވެ.