ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް އިން މިދިޔަ އަހަރުގެ ޓެކުހާއި ޑިވިޑެންޑުގެ ގޮތުގައި ގާތްގަނޑަކަށް 700 މިލިއަން ރުފިޔާ ސަރުކާރަށް ލިބޭނެ އެވެ.
ބީއެމްއެލް އިން މިރޭ ހޮޓެލް ޖެންގައި ބޭއްވި އަހަރީ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމޮޓީ ސޯޔާ ވިދާޅުވީ މިދިޔަ އަހަރު އެ ކުންފުނީގެ ފައިދާ ބޮޑުތަނުން އިތުރުވެފައިވާއިރު މި ފައިދާއިން ބޮޑު އަދަދެއް ވަނީ ދައުތަލަތަށް ޓެކުހާއި ޑިވިޑެންޑުގެ ގޮތުގައި ދައްކާފައިވާ ކަމަށެވެ.
"މިދިޔަ އަހަރު ޓެކްހަށް ކެނޑުމަށްފަހު ފައިދާ ވަނީ 470 ޕަސެންޓަށް ވުރެ މަތިވެ 1.9 ބިލިއަން ރުފިޔާ އަރާފަ. މިއީ މިހާތަނަށް ލިބުނު އެންމެ ބޮޑު ފައިދާ،" ޓިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ފައިދާއާ އެކު އާއްމު ރައްޔިތުންގެ ބޭނުންތަކަށް އެހީވުމަށް ސަރުކާރަށް ޓެކުހުގެ ގޮތުގައި 543 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކައި އަދި ކުންފުނިން ޑިވިޑެންޑްގެ ގޮތުގައި 131 މިލިއަން ރުފިޔާ ދައްކާފައިވާނެ ކަމަށެވެ. އަދި މި އަހަރުގެ ފުރަތަމަ ތިން މަހާއި ރާއްޖޭގެ އިގްތިސޯދު އެންމެ ރަނގަޅުވި 2019 ވަނަ އަހަރާ އަޅާ ކިޔާނަމަ 55 ޕަސެންޓް ފައިދާ އިތުރުވެ ފައިދާއަށް 554 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.
ޓިމް ވަނީ ބޭންކުގެ މާލީ ހާލަތު ކުރިއަށް ދައްކާ ގޮތާ ބެހޭ ގޮތުން ރައްޔިތުންނާއި ސަރުކާރަށް ޔަގީންކަން ދެއްވާފަ އެވެ.
"ސަރުކާރުގެ ހަރަދުތައް ދެމެހެއްޓުމަށް ވެސް އަޅުގަނޑުމެންނާ ނުލައި ދަތި. ޔަގީންކަން ދެނީ ބޭންކް މިއޮތީ ރަނގަޅު މަގާމެއްގައިކަން. ފައިދާ ރަނގަޅުވެ، ބެލެންސް ޝީޓް ވަރުގަދަ އުފެއްދުންތެރި ނޫން ލޯނުތައް ދަރަނިތައް ވަނީ ކޮންޓްރޯލް ކުރެވިފަ،" ވިދާޅުވި އެވެ.
ބޭންކުގެ މެނޭޖުމަންޓު ޓީމާއި މުވައްޒަފުންގެ މަސައްކަތަށް ތައުރީފް ކުރައްވަމުން ޓިމް ވަނީ ބޭންކު ޒަމާނީ ކުރަން ކުރަމުން ގެންދާ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން ބޭންކް އޮޓޮމޭޓްކޮށް ޒަމާނީ ކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާއިރު ކަސްޓަމަރުންނަށް ދޭ ހިދުމަތް މަޑުމަޑުން ރަނގަޅުވާން ފަށާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް ރަނގަޅު ކުރަން އަދިވެސް އެތައް ކަމެއް ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.