ދުނިޔޭގެ އިގްތިސޯދަށް މިހާރު ކުރިމަތިވެފައިވާ ހަލަބޮލިކަމާއެކު މަތިވަމުންދާ އިންފްލޭޝަންގެ އަސަރު ރާއްޖެއަށް ވެސް ކުރުން ގާތް ކަމަށާއި އެހެންވެ ދަތިވެދާނެ ހާލަތަކަށް ތައްޔާރަށް ތިބުމަށް ގައުމީ ބޭންކުގެ ސީއީއޯ ގޮވާލައްވައިފި އެވެ.
ހޮޓެލް ޖެންގައި މިރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި ގައުމީ ބޭންކުގެ ސީއީއޯ ޓިމޮޓީ ސޯޔާ ވަނީ ދުނިޔެ އަށް މިހާރު ކުރިމަތިވެފައިވާ ތަކެތީގެ އަގު ބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކުރިމަތިވެފައިވާ ސްރީލަންކާގެ ހާލަތުގެ މައްޗަަށް އަލިއަޅުވާލައްވާފަ އެވެ.
"ދުނިޔޭގެ ސީރިއަސް ރިސެޝަނެއް [އިގްތިސޯދީ ދަތިކަމެއް] ކުރިމަތިވެފައިވާއިރު، ކާބޯތަކެއްޗާއި ތެލުގެ އަގު ހަލުވިކަމާއެކު މަތިވެ، އިންފްލޭޝަންގެ ސަބަބުން ސްރީލަންކާ އަށް އޭގެ އަސަރު ވަނީ ކޮށްފައި. ސްރީލަންކާ އަށް ކުރަމުންދާ އަސަރު އަޅުގަނޑުމެންނަށް މިހާރު ވެސް ފެންނަމުންދޭ،" ބަނގުރޫޓުވެފައިވާ ސްރީލަންކާގެ ހާލަތާ ބެހޭ ގޮތުން ޓިމް ވިދާޅުވި އެވެ.
ބޭރުގެ އެކި ބޭންކްތަކާއި މާލީ ދާއިރާގައި 30 އަހަރުގެ ތަޖުރިބާ ހާސިލް ކުރައްވާފައިވާ ޓިމް ވަނީ ދަތިހާލަތެއް ރާއްޖެއަށް ވެސް އަތުވެދާނެ ކަމަށާ އެކަމަށް ތައްޔާރުވުމަށް އެދިވަަޑައިގެންފަ އެވެ. ހާއްސަކޮށް އެމެރިކާ ޑޮލަރުން މުއާމަލާތް ކުރުމުގައި ދުނިޔޭގައި އުފެދިފައިވާ ނުތަނަވަސް ކަމާއި ވާދަވެރިކަން ބޮޑުވެ، އަދި ފައިނޭންޝަލް އެކްޝަން ޓާސްކް ފޯސް (އެފްއޭޓީއެފް) އިން އެންޓި މަނީ ލޯންޑަރިނގެ އުސޫލު އިތުރަށް ހަރުދަނާ ކުރުމަކީ ރާއްޖެ ފަދަ ގައުމަކަށް ހެވަކަށް ނުވެދާނެ ކަމަށް ވިދާޅުވި އެވެ.
"ޓީވީ ޝޯ ގޭމް އޮފް ތްރޯންސް ބެލި ފަރާތްތަކަށް އެނގޭނެ، ހަނދާން ހުންނާނެ ތަކުރާރުކޮށް ބުނޭ "ވިންޓަ އިޒް ކަމިން އޭ!،" އޭނާ ވަނީ އެ ހާލަތަށް ބޭންކް ތައްޔާރުވާއިރު ގައުމު އެފަދަ ހާލަތަކަށް ތައްޔާރު ވަމުންދޭތޯ ސުވާލު ކުރައްވާފަ އެވެ.
ބީއެމްއެލް އިން މިރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި ވަނީ ހިއްސާއަކަށް 35 ރުފިޔާގެ ރޭޓުން މި އަހަރުގެ ފައިނަލް ޑިވިޑެންޑް (ހިއްސާގެ ފައިދާ)ގެ ގޮތުގައި 188.9 މިލިއަން ރުފިޔާ ބަހަން ފާސްކޮށްފަ އެވެ. ނަމަވެސް ކުންފުނިން މިދިޔަ އަހަރު ބަހާފައިވަނީ ހިއްސާއަކަށް 15 ރުފިޔާ އެވެ. އެހެންވެ މިއީ ރެކޯޑު ފައިދާ އެކެވެ.