މުއްދަތު ހަމަވެފައި ހުރި ވެކްސިން ޖެހި މައްސަލައިގެ ތުހުމަތުގައި ވިލިމާލެ ހޮސްޕިޓަލްގެ މުވައްޒަފުންތަކެއް ސަސްޕެންޑްކޮށްފި އެވެ.
ވިލިމާލެ ހޮސްޕިޓަލްގައި ކުދިންތަކެއްގެ ގަޔަށް ޖަހާފައިވަނީ މިދިޔަ ޖެނުއަރީ މަހަށް މުއްދަތު ހަމަވެފައިވާ އެމްއާރު ވެކްސިނާއި ބީއޯޕީވީ ވެކްސިނެވެ.
އައިޖީއެމްއެޗްގެ އޮފިޝަލަކު މިއަދު އަވަސް އަށް ވިދާޅުވީ މުއްދަތު ހަމަވެފައި ހުރި ވެކްސިން ޖެހުމުގެ ތުހުމަތުގައި މުވައްޒަފުންތަކެއް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކިހާ މުވައްޒަފުންނެއް ކަމެއް ނުބުނެ އެވެ.
އައިޖީއެމްއެޗް އިން މިމައްސަލައިގައި ކުރިނ ްނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުއްދަތު ހަމަވެފައިވާ ވެކްސިންތަކެއް ވިލިމާލެ ހޮސްޕިޓަލްގައި ތުއްތު ކުދިންގެ ގަޔަށް ޖަހާފައިވާ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ ހޮސްޕިޓަލާއި އެޗްޕީއޭ އިން ތަހުގީގު ކުރަމުންދާ ކަމަށެވެ.
މިމައްސަލަ ފެންމަތިވުމާ ގުޅިގެން ވިލިމާލެ ހޮސްޕިޓަލްގައި ވެކްސިން ޖެހުން ވަގުތީ ގޮތުން މިހާރު ވަނީ ހުއްޓާލާފަ އެވެ.
ވިލިމާލެ ހޮސްޕިޓަލްގައި ކުޑަކުދިންތަކަކަށް ދުވަސް ހަމަވެފައިވާ ވެކްސިން ދީފައިވާ ކަމުގެ ޝަކުވާ ވިލިމާލޭގެ ގިނަ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށް ވިދާޅުވެ އެކަން އާންމުންގެ ސަމާލު ކަމަށް ގެންނެވީ އެ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނާއިބު ރައީސް އަހުމަދު އުޝާމް އެވެ.