ފިނޭންސް މިނިސްޓްރީ

ފިނޭންސްގެ ޕީއެސްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

ފިނޭންސް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިއުލާންކޮށްފައިވާ ގޮތުގައި މި މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ ކޮމިޝަނަށް އެޕްލިކޭޝަން ހުށައެޅުމަށެވެ. ޕީއެސްއެއްގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް މުސާރައިގެ ގޮތުގައި މަހަކު 20500 ރުފިޔާ ދޭއިރު ލިވިން އެލަވަންސްއަށް 15000 ރުފިޔާ ލިބެ އެވެ.

މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ، އެ މަގާމުގައި ހުންނެވި އިސްމާއިލް އަލިމަނިކު މަގާމުން އިސްތިއުފާ ދެއްވާފައިވުމާ ގުޅިގެންނެވެ.

އިސްމާއިލް އަލިމަނިކު އިސްތިއުފާ ދެއްވާފައިވަނީ، ފިނޭންސް މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އިން ވަކިކޮށް ބައެއް ސެކްޝަންތައް އުވާލަން ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.

ރައީސް އޮފީހުގެ އެންގުމަށް އުވާލަން ނިންމާފައި ވަނީ ދައުލަތުގެ ބަޖެޓް ސެކްޝަނާއި އޮޑިޓް ސެކްޝަން އަދި ބޭރުގެ އެހީއާ ގުޅޭ ކަންކަން ކުރާ ސެކްޝަނެވެ. އެ ތިން ސެކްޝަން އުވާލައި ދެން ހުރި ކޮންމެ ސެކްޝަނަކުން ދެ މުވައްޒަފަކު މަދު ކުރަން ނިންމާފައިވެ އެވެ. އެއާ އެކު ޖުމްލަ 74 މުވައްޒަފެއްގެ ވަޒީފާ ގެއްލެ އެވެ.