ވާހަކަ

އިޙްސާސްވޭ

( 30 މެއި 2022 އާ ގުޅޭ )

"ފަހުވަގުތު ކޭކު ހަލާކުވީ. އެހެންވެ ތަނަކުން ގަތީ." ހަގީގަތް ހާމަނުކުރިޔަސް މައިރާގެ އަޑު އިވޭ ހިސާބުގައި ރަޒާ ހުއްޓެވެ. އެ މޫނަށް ނުތަނަވަސްކަން ވެރިވިއެވެ. އޭނާއަށް ފޯނެއް އައީ އެވަގުތެވެ. އަވަހަށް ފޯނު ހިފައިގެން އެއްފަރާތްވެލިއެވެ.

"އައިތަން." ރަޒާ ފޯނު ނެގި ގޮތަށް ގޮވާލިއެވެ.

* * * * *

ކޮޓަރިން ރިއާއާއެކު އައިތަން ނުކުތެވެ. އެމީހުންނަށް ނުކުމެވުނީ ފަޒްނާގެ ކުރިމައްޗަށެވެ. އެ ގޭގައި އެންމެ ދުވަސްވީ އަދި ހުރިހާ ޚާދިމުންގެ ކަންތައްތައް ބަލަހައްޓަނީ ފަޒްނާއެވެ. އެ ޢާއިލާއާ ގުޅުމެއްނެތް ދިވެހި އަންހެނެކެވެ. ފިރިއެއް، ދަރިއަކުނެތެވެ. ސަލްމާނާއި ޒަހްރާގެ ދުނިޔޭގައި އެގެއަށް އައިގޮތަށް އޭނާގެ ދިރިއުޅުން ވަނީ އެ ގޭގެ އިމުގެތެރޭގައި ހަމަޖެހިފައެވެ. ޝަބްނަމްއާއި އިސާކްގެ ކައިވެނި ކުރެވި އެމީހުންނަށް އައިރިކްއާއި އައިތަން ލިބުނީ ވެސް ފަޒްނާގެ ކުރިމަތީއެވެ. އެ ދެ ފިރިހެން ދަރީން ބޮޑުކުރުމަށް ޝަބްނަމްއާއެކު އެންމެ ގިނަ ވަގުތެއް ހޭދަކުރި އެކަކީ ފަޒްނާއެވެ. އެކަމަކު މިހާރު އެކުދީންގެ އާޔާ އަކަށް ވެގެން އުޅުނު ދުވަސް ފާއިތުވެއްޖެއެވެ. މިއަދު އެކުދީން އެ ތިބީ ބޮޑުވެ ޒުވާނުންނަށް ވެފައެވެ. އެ ކުދީންގެ މައްޗަށް ފަޒްނާގެ ހިތުގައި ދަރިކުލުނު ޖެހިފައިވާއިރު އައިތަންއާއި އައިރިކް ވެސް ގޭގައި ދެން އުޅޭ ޚާދިމުންނާ ތަފާތު ޤަދަރެއް ފަޒްނާއަށް ކުރާކަން އެނގެއެވެ.

"އައިތަން." ފަޒްނާގެ ކައިރިން އަޅާފައި އައިތަންގެ ދެމަފިރިން ދާން އުޅުމުން ގޮވާލިއެވެ.

"މަންމައާއެކު ބޮޑުކޮޓަރީގައި ބައްޕަ އެބަ އިންނެވި. އައިތަންއާ ބައްދަލުކުރާން ބޭނުންވެފައި." ފަޒްނާ ބުންޏެވެ.

ބޯޖަހާލުން ފިޔަވާ އައިތަންގެ ފަރާތުން އިޝާރާތެއް ނުވިއެވެ. މަޑުނުކޮށް ފަޒްނާ ކުރާން އުޅުނު ކަންތަކައިގެން ކުރިޔަށް ހިނގައިގަތެވެ. ރިއާގެ ބަލާލުމުގައި ނުތަނަވަސްކަން ވިއެވެ. ޝަބްނަމްއާއި އިސާކުގެ ސުވާލުތަކަށް ޖަވާބުދޭން އޭނާ ތައްޔާރެއް ނޫނެވެ. ހިތާހިތުން އައިތަން ކުށްވެރި ކުރިއެވެ. ވަރިވާން ރިއާ ބޭނުމެއްނޫނެވެ. އެކަމަކު އެ ވާހަކަ ވެސް އައިތަން ބޮޑުކޮށްފައި މައިންބަފައިންގެ ކައިރީ ދެއްކިކަން ހަނދާންވީމާ ފުސްމޫނު ހެދުނީ ބޭއިޚްތިޔާރުގައެވެ. އެކަމަކު އަދި އެއީ އެންމެ ރަނގަޅުގޮތް ނޫންކަން އޭނާގެ ޟަމީރު ވިސްނައިދިނެވެ. އެންމެހާ ނުތަނަވަސްކަމަކާ ދުރުވެ ރުޅިގަނޑު އަވަހަށް ފިނިކޮށްލުމަށް ރިއާ ފުންނޭވާއެއް ލިއެވެ. ދެން ހިނިތުންވުމެއް ވެރިކޮށްލީ އަމިއްލަ ނަފްސަށް ވެސް އޮޅުވާލަން އުޅޭ ފަދައަކުންނެވެ. އައިތަންގެ އަތުގައި އޭނާ ހިފާލިއެވެ. ހަމަ އެހިނދުން އޭނާގެ އަތް ނައްޓުވާލި ގޮތަށް ޖީންސުގެ އަރިމަތީ ޖީބަށް އައިތަންގެ ދެއަތްތިލަ ކޮށްޕާލައިފިއެވެ. ހަރުކޮށް ހިނގާފައި އައިސް އޭނާ ނުކުތީ ބޮޑުކޮޓަރިއަށެވެ. ބަސްމަދުވެ ކިޔަމަންތެރިކަން ދައްކަމުން ރިއާ އައީ ތަންކޮޅެއް ފަހަތުންނެވެ.

"ގެއަށް ދަނީތަ؟. ނުވެސް ކައިތަ؟." އައިތަންއާއި ރިއާ ފެނުމާއެކު ސޯފާއިން ޝަބްނަމްއަށް ތެދުވެވިއްޖެއެވެ.

"އައިތަން... އިރުކޮޅަކުން ކާން ނަގާނެ. ދެކުދީން ކައިގެން ދާން މަޑުކުރޭ." އިސާކުގެ އަޑުގައި އޯގާތެރިކަން ވިއެވެ. އެހެންވިޔަސް އެއީ ކިޔަމަން ކުރުމަށް ޓަކައި ދަރިފުޅުގެ މައްޗަށް ބައްޕައަކު ކުރި އަމުރެކެވެ.

"އައިތަން." ދަރިފުޅުގެ ފަރާތުން ޖަވާބެއް ނައުމުން ދެވަނަ ފަހަރަށް އިސާކް ގޮވާލިއެވެ.

"ކައިގެންދާނީ." އެންމެފަހުން އައިތަން ބުނެލައިފިއެވެ.

ބައްޕައާއި މަންމަގެ ގާތުގައި ބޮޑުކޮޓަރީގައި އައިތަން މަޑެއްނުކުރިއެވެ. އޭނާ ހިނގައިގަތުމުން ރިއާ ވެސް އެތަނުގައި ހުންނާކަށް ބޭނުމެއްނުވިއެވެ. ވަށައިގެން ހިޔާކޮށްފައި އޮންނަ ސަރައްކާލިން ލާފައި އައިތަން އައިސް މަޑުކޮށްލީ ބިއްދޮށުގައި ހަދާފައި އޮންނަ މަސްފެންގަނޑު ކައިރީއެވެ. އެތަނުގައި ހުރި ދަގަނޑު ގޮނޑީގައި މަޑުކޮށްލާނީއޭ ހިތަށް އަރުވައިގެންނެވެ. ނަމަވެސް އަދިވެސް ތުނިކޮށް ވާރޭ ވެހެނީއެވެ. ސަރައްކާލިން މަސްފެންގަނޑު ހަދާފައި އޮންނަ ދިމާ ފެންނަ ގޮތަށް ތިރިތިރިކޮށް ޖަހާފައި ހުރި ލަކުޑި ރެއިލިންގެ ކައިރީ މަޑުކޮށްލައިގެން ބޭބެ ހުއްޓާ އައިތަންއަށް ފެނުނެވެ. ދެއަތް އުރާލައިގެން ހަރަކާތެއްނުކޮށް ދުރަށް ނަޒަރު ހުއްޓާލި ގޮތަށް އައިރިކް ހުރީއެވެ. އޭނާގެ ހަގީގަތް ނޭނގޭ މީހަކަށް ހީވާނީ އައިރިކް އެ ހުރީ މަސްފެންގަނޑަށް އޮހެމުންދާ ފެންތަކަށް ގެއްލިފައި ކަމެވެ. އައިތަންގެ ނިތަށް ރޫގިނަވެލީ އައިރިކްގެ ކޮޓަރި ފެނިފައެވެ. އިރުއޮއްސި ދުނިޔެ އަނދިރިވެފައިވާއިރު ހުޅުވާފައި ހުރި އެ ކޮޓަރީގެ ތެރޭގައި އެއަށްވުރެ ގަދަ އަނދިރިކަމެއް ރަސްކަންކުރާ ކަހަލައެވެ. އެތަން ފެނި އައިތަން ފުރަތަމަ އައިސް ވަނީ ބޭބެގެ ކޮޓަރިއަށެވެ. އެ ކޮޓަރީގެ ބޮކި ދިއްލިއެވެ. ދެން ނުކުމެ ބޭބެގެ ކައިރީ އޭނާ މަޑުކޮށްލައިފިއެވެ. ފަހަތުން ރިއާ އައިސް އެމީހުންތާ ފަސްވަރަކަށް ފިޔަވަޅު ދުރުގައި މަޑުކޮށްލިއެވެ. އަނބިމީހާއަށް އައިތަންގެ ސަމާލުކަމެއް ނެތް ފަދައެވެ.

"އައިތަން. މިތާ ކީއްކުރަނީ." އައިރިކް ވާހަކަދެއްކީ ކައިރީގަ ހުއްޓުނު މީހާ ޔަގީންވެގެންނެވެ.

"އަހަރެން އައިސްގެން ނުވޭތަ." އައިތަން ބުނެލިއެވެ. ވާހަކަދެއްކުމުގައި ގާތްކަމެއް ނެތުމަކީ އާންމުކަމެކެވެ. ރުންކުރުކޮށް އައިރިކް އެއްޗެކޭ ބުނެފިނަމަ އޭގެ ރައްދު އައިތަން ދޭނީ ހަމަ އެފަދައިންނެވެ. އެހެނަސް އެ ދެބެންގެ ހިތް ބަލައިފި މީހަކަށް އެކަކުއަނެކަކަށް ފުރާނަ ދޭން ތައްޔާރަށް ތިބިފަދަ ވަރުގަދަ ލޯތްބެއް ފެންނާނެއެވެ.

"ދަނީތަ؟" އައިރިކް އެނބުރި ކޮޓަރިއަށް ވަންނަން އުޅޭހެން ހީވުމުން އައިތަން އަހާލިއެވެ.

"ރިއާ ކައިރީ ބުނެބަލަ ފޫހިފިލުވާދޭން. އަހަރެންމީ އައިތަން ފޫހިފިލުވާދޭން ހުރި މީހެއްނޫން." އައިރިކްގެ ބުންޏެވެ. ތަންކޮޅެއް ދުރުގައި ހުރި ރިއާއަށް ކުޑަ ސިހުމެއް ލިބުނެވެ. އައިރިކްއަށް ހަމަ ނުފެނޭބާއޭ އޭނާ ސުވާލު އުފެދުނެވެ. އެވަގުތު އައިތަންއަށް ވެސް ކޮށްލެވުނީ ހަމަ އެ ސުވާލެވެ.

"ކިހިނެއް އެނގުނީ ރިއާ ހުރިކަން. ދޮންބެއަށް ނުފެންނަކަމާމެދު ޝައްކު." އައިރިކްގެ މޫނުގެ ކުރިމަތީ އައިތަން ކަނާއަތްތިލަ ހޫރާލިއެވެ. ކުޑަކޮށް އޭނާ ހީނލިއެވެ. އައިރިކްގެ ދެބުމަ ކައިރިވެލިއެވެ. އޭނާ އައިތަންގެ އަތުގައި ކުއްލިއަކަށް ހިފީ ހުސިޔާރުކަމާއެކުއެވެ.

"ޔޫ ތިންކް އިޓްސް ފަނީ." އައިރިކްއަށް ރުޅި އާދެވުނެވެ. އައިތަންގެ އަތް ފޮޅުވާލިއެވެ. ދިގުވެފައި ހުރި ތުނބުޅީގެ ތެރެއިން ވެސް އައިރިކް ދަތްކުނޑިވިކާލިކަން ކޯކަށިގަނޑަށް ވާންވެލި ގޮތުން ފާޅުވެލައިފިއެވެ.

"ސޮރީ... އައި ޑިޑިންޓް މީން ލައިކް ދެޓް." އައިތަން ވަގުތުން މަޢާފަށް އެދުނެވެ. އޭނާ އުޅުނީ ބޭބެގެ ނުކުޅެދުންތެރިކަން ހަނދާންކޮށްދޭކަށް ނޫނެވެ. ވިސްނާނުލާ އެފަދަ ސަމާސާތައް އައިތަންއަށް ކުރެވެނީއެވެ. އައިރިކް މިހާރު އެ ހުރީ އެއްވެސް ކަހަލަ ސަމާސާއެއް ބަލައިގަނެވޭފަދަ ހާލަތެއްގައި ނޫނެވެ.

"ދޮންބެއަށް ދެން ދުވަހަކުވެސް ނުފެންނާނެތަ؟." އައިރިކް ކޮޓަރިއަށް ވަދެގެން ދިއުމުން ރިއާ އައިސް އައިތަންގެ ގާތުގައި މަޑުކޮށްލަމުން އަހާލިއެވެ.

"ނޭނގެ. ބޭރުން ބެލި ޑަކްޓަރު ވެސް ބުނީ މިކޮޅުން ބުނި ގޮތަށް. އެއް ލޮލަށް ފެނުމުގެ ޗާންސް އެބައޮތޭ. ވަގުތީ އަނދިރިވުމެކޭ އެއީ. އެކަމަކު ދޮންބެ ގަބޫލެއްނުކުރޭ. މިހާ ދުވަސްވީއިރު ވެސް ލޮލަށް ނުފެންނާތީ މައްސަލައަކީ." އައިތަން ބުންޏެވެ.

"އެހާލުގަ މަސައްކަތެއް ވެސް ނުކުރެވޭނެ. ދެން މުޅި އުމުރު މީހެއްގެ އެހީގަ އުޅޭން ޖެހޭނީ ދޯ. ކާކު އޮފީހުގެ ބޮޑަކަށް މިހާރު ހުންނަނީ. އައިތަންއަށް އެ މަޤާމް ދޭން ބައްޕަ ކައިރީ ބުނަންވީނު. ދޮންބެއަށް އެހެންވީއްސުރެ އައިތަން ތިއުޅެނީ ކިހާ ބުރަކޮށް. ކީއްވެ ދޮންބެ ބަލަހައްޓަން މީހަކު ނުގެންނަނީ." ރިއާ ބުންޏެވެ.

"ޝަޓަޕް ރިއާ." އައިތަންއަށް ބުނެވުނެވެ.

"މިހާރު މަށަށް ކީކޭ ބުނެވުނީ. ލޮލަށް ނުފެންނަ މީހެއްގެ ވާހަކަ އޭ މިދައްކަނީ. އައިތަންގެ ބޭބެއެއް ކަމަކު، އިޓްސް ދި ޓްރުތް. ހަގީގަތް ބަދަލެއްނުވާނެ ދޯ. ފެންނާނޭކަމެއް ޔަގީންވަނީއެއްނޫން. އޭނާ ގޮސް ބޮޑުގޮނޑީގަ އިނދެގެން ވިޔަފާރި ކުރިޔަށް ގެންދެވޭނެތަ؟. ތި މީހުންގެ ހުރިހާ ފިހާރަތަކަށް ވާނީ ކިހިނެއް؟..."

"ރިއާ ޕްލީޒް. ހުއްޓާލަފާނަންތަ!... އާން! އެއީ އަހަރެންގެ ބޭބެ. އަހަރެންގެ ދޮންބެ... އެހެންވީމަ އޭނާގެ ވާހަކަ ނުދައްކަންވީ. އެއީ ރިއާއާ ބެހޭ މީހެއްނޫން. ދެން ތިބުނީ ވިޔަފާރިއޭ. އެއީ އަހަރެންގެ ފެމިލީ ބިޒްނަސް. ކުރިއަރާ ދިޔަސް އަދި ބަނގުރޫޓުވިޔަސް އެއީ ރިއާ ބަލަން ޖެހޭ ކަމެއްނޫން. ކަންބޮޑު ތިވަނީ އިރުއިރުކޮޅުން ފުރައިގެންދާން ލާރި ނުހުރެދާނެތީތަ؟." އައިތަންގެ އެންމެ ޖުމްލައަކާއެކު ރިއާއަށް ހަރުކަށިކަމެއް ވެރިވިއެވެ. އެހިސާބުން ވަގުތުން ރިއާ ހިމޭންކަން ޚިޔާރުކޮށްފިއެވެ.

"ބެޓާ ސްޓޮޕް ނައު... މިރޭ ވެސް ގެއަށް ނުގޮސްފާނެ." އަވަހަށް އަމިއްލަ ނަފްސަށް ރިއާ ވިސްނައިދިނެވެ.

ކޮޓަރީގައި އިން އައިރިކްއަށް އެ ކޮޓަރި ކައިރީ ސަރައްކާލީގައި ތިބެ ރިއާއާއި އައިތަން ދައްކަމުން ދިޔަ ވާހަކަތައް އިވެއެވެ. ދެ ލޯ މަރާލައިގެން އިންއިރު އެ މޫނުމަތިން ފާޅުވަނީ ތުރާލާއި ވޭން ތަޙައްމުލުކުރާކަމުގެ އަސަރެވެ. ލިބިފައިވާ މާޔޫސްކަމާއެކު އޭނާގެ ބޮލުގައި ނުފިލާ ރިހުމެއް ހުއްޓެވެ. ހޭވި، ތަރުތީބެއްނެތި ނިތްކުރި މައްޗަށް ވެރިފައި ހުރި ފަންއިސްތަށިތައް، މައްޗަށް ވާހެން އޮމާންކޮއްލުމަށް ދެ އަތުން އަތްފުނާ އަޅާލިއެވެ. ދެން މަޑުމަޑުން ނިތްކުރިން ލާފައި ދެ އަތްތިލަ ތިރިކުރަމުން ގެނެސް އޭނާގެ ދެ ލޮލުގައި ޖައްސާލިއެވެ. އެއްވެސް އައިބެއް އެ ލޮލުގެ ބޭރުފުށުގައި ނެތެވެ. މެރިފައިވާ ލޮލުގެ ތެރޭ ކަޅި ހިންގާލެވުނު ހިނދު، ދިގު ބޯ އެސްފިޔަތަކުގެ އިޙްސާސް އިނގިލިތަކަށް ކުރެވުނެވެ. ލޮލުގައި ޖައްސާލެވިފައިވީ ދެ އަތްތިލަ ނަގައި ކުރިމައްޗަށް ވާހެން ދަމާލިއެވެ. އަދި ލޯ ހުޅުވާލައިގެން އިނދެ އޭނާގެ ދެ އަތް ފެނޭތޯ ސިކުނޑިއާއި މުޅި ނަފްސަށް ބާރުލަމުން ދިޔައެވެ. އެގޮތުގައި ވަގުތުކޮޅެއްވީއިރު ދަމާލެވިފައިވީ އަމިއްލަ ދެ އަތް ސިފަވެގެން އައީ އައިރިކްގެ ލޮލަކަށް ނޫނެވެ. ދެ އަތާއި ހުޅުވާލެވިފައިވާ އަތްތިލައިގެ އިތުރުން އިނގިލިތަކުގެ ސިފަ ކުރެހީ އޭނާގެ އަމިއްލަ ހިތެވެ. ލޮލުގެ ފެނުން ގެއްލުމުގެ ކުރީން ހަނދާނުގައި ރައްކާކުރެވިފައިވި ފޮޓޯގަނޑެއް ދެވަނަ ފަހަރަށް ބަލާލުން ފަދައެވެ. ވަގުތުން ރުޅިވެރިކަމުގެ އެންމެހާ އަސަރުތައް އެ މޫނަށް ޖަމާވެއްޖެއެވެ. ދެ ލޯ މަރާ ބާރުކޮށްލުމާއެކު އައިރިކްގެ ދަމާލެވިފައިވި ދެ އަތް ކުރުކޮށްލެވި ދެ އަތްތިލަ ވެސް މުއްކެވިއްޖެއެވެ.

ފާއިތުވި އޯގަސްޓް މަހު ހަތާވީސް އަހަރު ފުރުނު އައިރިކްއަކީ ލޯފަން ޒުވާނެއް ނޫނެވެ. ތިން މަސް ކުރީން ހުޅުމާލޭ ބުރިޖުމަތިން ހިނގި ނުރައްކާތެރި އެކްސިޑެންޓުގެ ސަބަބުން އޭނާގެ ބޮލާއި ވައަތު ލޯ ނުހަނު ބޮޑަށް ޒަޚަމްވީއެވެ. ލިބުނު ގެއްލުމުގެ ސަބަބުން ދެ ލޮލުގެ ފެނުމުގެ ބާރު ދިޔައީއެވެ. ދަތުރު ކުރުމުގެ ހުއްދަ ޑަކްޓަރުން ދިނުމާއެކު ވަގުތުން އައިރިކް ގޮވައިގެން ޢާއިލާ ފުރީ އެމެރިކާއަށެވެ. އޭރު އައިރިކްއަށް ލިބުނު އަނިޔާގައި މީހާއަށް ރަނގަޅަށް ހިނގައި ވެސް ނުގަނެވެއެވެ. މޮޅެތި ކުޅަދާނަ ޑަކްޓަރުންނަށް އޭނާ ދެއްކިއްޖެއެވެ. ބޭނުންވި ނަތީޖާއެއް ނުލިބުނެވެ. ލޮލަށް ފެނިފެނި ހުރެފައި ކުއްލިއަކަށް އެ ނިޢުމަތުން މީހާ މަޙްރޫމުވެ ނުކުޅެދުންތެރިކަން އިޙްސާސް ކުރާން ޖެހުނީތީ އައިރިކްގެ މުޅި ދިރިއުޅުން އެކޮޅުކޮޅުން ޖެހުނީއެވެ. އިންސާނާގެ ހަޔާތަކީ އުސްގަނޑާއި އަޑިގުނޑަން ގިނަ ރާސްތާއެކެވެ. ދިރިއުޅުން އަޑި އަޅާލާނީ ކޮންވަގުތަކު ކޮންގޮތަކަށް ކަމެއް ބުނާކަށް ނޫނީ ލަފާކުރުމަކީ ވެސް އިންސާނާއަށް ވާނޭކަމެއް ނޫނެވެ. އެއްވެސް އިރަކު އައިރިކްއަކީ އެހެން މީހުންނަށް އޭނާގެ އެއްވެސް ކަމެއް ޖައްސަން ބޭނުންވާ ޒުވާނެއްނޫނެވެ. ކާފަގެ ފަރާތުން ޢާއިލާއަށް ވާރުތަވެ ބަލަހައްޓަމުން އަންނަ ބޮޑު ފިޔަފާރީގައި ކުންފުނީގެ އެންމެ އިސް މަޤާމާ އޭނާ ހަވާލުވިތާ އަދިވީ އެންމެ ދެ އަހަރެވެ. އެއީ ހަރުދަނާ ޢިލްމީ ޒުވާނެކެވެ. އަމިއްލަ ނަފްސަށްވުރެ ވެސް ބޮޑަށް އޭނާ މަސައްކަތް ދެކެ ލޯބިވެއެވެ. ހަޔާތުގައި ލޯތްބަށް ފުރުސަތު ދެވިފައި ނެތީ އެހެންވެއެވެ. މަސައްކަތަށް އޭނާ ދޭ އަހައްމިޔަތުކަމަށްވުރެ މުހިންމުކަމެއް އެހެން ދިމާލަކަށް އައިރިކްއަށް ދެވިފައި ނެތީއެވެ. ޒަވާޖީ ހަޔާތެއް ފެށުމުގައި އޭނާއަށް ލޯތްބެއް މުހިންމެ ނޫނެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި ޢާއިލާއާއި އޭނާއަށް އިޚްތިރާމް ކުރާ ބައިވެރިއަކު އެއީ ރަނގަޅު ބައިވެރިއެކެވެ. ޚާއްޞަކޮށް މައިންބަފައިން ޚިޔާރުކޮށްދޭ ބައިވެރިއަކު ގޯހެއް ނުވާނެއެވެ.

"ޝީ އިޒް ރައިޓް..." ރުޅިވެރިކަމުގެ ތެރެއިން އައިރިކްގެ ހިތުގައި ޖެހުނެވެ. ރިއާ ދެއްކީ ތެދުވާހައެކޭ އޭނާގެ ހިތް އެއްބަސްވަނީއެވެ. މިހާރު އޭނާއަކީ އެންމެންގެ ތެރޭ ނުހަނު ބޮޑަށް ބޭކާރުވެފައިވާ މީހެއްކަމުގެ އިޙްސާސް ކުރެވޭތީއެވެ. ޢާއިލާ މީހަކު އޭނާއާ ދިމާއަށް ދެރަބަހެއް ނުބުންޏަސް ދުރު މީހުން ވާހަކަދައްކާނީ ކަން އޮތް ގޮތަށޭ އޭނާއަށް ހީވަނީއެވެ. އެކަމަކު އެއީ މުޅީން ތެދެއްކަން ޤަބޫލްކުރާން ވެދާނޭ ހެއްޔެވެ. ގާތް މީހާ ވިޔަސް ދުރުމީހާ ވިޔަސް އެކަކުގެ ވެސް ހިތާއި ނިޔަތް ނޭނގޭއިރު އެއީ ތެދެކޭ ބުނާން އެނގޭނީ ކިހިނެއް ހެއްޔެވެ. އެކަމަކު އެއިން ސުވާލެއް ކުރެވޭވަރަށްވުރެ އައިރިކް އިނީ ފުން ވަރުބަލިކަމެއްގެ ތެރޭގައެވެ. އަމިއްލަ ޟަމީރުގެ އަޑު ވެސް މިވަގުތު ހިމޭންވެފައިވާ ކަހަލައެވެ. އޭނާ އެނދުގެ އަރިމަތީ އިށީނދެ އިދެ އަތް ދަމާލީ މަޑުމަޑުންނެވެ. އެނދުއަރިމަތީ ހުރި ކަބަޑުގައި އަތް ޖެހުމުން އޭގެ ވަތްގަނޑު ހުޅުވާލިއެވެ. ކޮށްފަރިތަކަމެއް ފަދައިން އޭނާ ނެގި ސިނގިރޭޓު ރޯކޮށްލިއެވެ. ދުންފަތުގެ މަސްތުކަމުން އަރާމު ހޯދަން އޭނާ މަސައްކަތް ފެށިއެވެ. އިރެއްގައި އޭނާ ދުންފަތަށް ނަފުރަތުކުރިއެވެ. ނަމަވެސް މިހާރު އޭނާއަށް ކިރިޔާވެސް ހަމަޖެހުމެއް ގެނުވައިދޭ އެންމެ ގާތް އެކުވެރިޔާއަށް ދުންފަތް ވެއްޖެއެވެ. ބައްޕައާއި މަންމަގެ ނުރުހުމާއެކު ވެސް އެ ފައިދާނުކުރާ ގެއްލުންދޭ އެކުވެރިޔާ ދޫކޮށްލުމުގެ ވިސްނުމެއް އައިރިކްގެ ނެތެވެ.

ޝަބްނަމްއާއި އިސާކްއާއެކު ރޭގެ ކެއުމުގައި މިފަހަރު ވެސް އައިރިކް ބައިވެރިއެއް ނުވިއެވެ. ކީލަން ފޮނުވުމުގެ ބަދަލުގައި ކާއެއްޗެހި ތަބަށް ހިފައިގެން ދިޔައީ ފަޒްނާއެވެ. ބައްޕަ އެދުނު ފަދައިން ރިއާއާއެކު އައިތަން ކާކޮޓަރިއަށް އައެވެ. ކެއުމުގައި އޭގެ ދެމަފިރިން ބައިވެރިވީއިރު ވާހަކަދެއްކީ ޝަބްނަމްއާއި އިސާކެވެ. އެމީހުން ވެސް ވަރިއާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކިއެވެ. ކައި ނިންމާލުމާއެކު އައިތަން އަވަސްވީ ރިއާ ގޮވައިގެން ގެއަށްދާށެވެ. މީހަކާ ބައްދަލުކޮށްލަންވެފައި އޮތްކަން އައިތަން ބުނީ އުޒުރެއްގެ ގޮތުންނެވެ. ރިއާ ގޮވައިގެން ގޭގައި މަޑުކުރާން އޭނާ ބޭނުންނުވާތީއެވެ.

ދުއްވަމުންދިޔަ ކާރު ތެރެއަށް އޮތީ ހިމޭންކަން ވެރިވެފައެވެ. ރިއާ ވާހަކަދެއްކީ އޭނާގެ ގޭ ދޮރު މައްޗަށް އައިތަން ކާރު މަޑުކުރާން އުޅުނީމައެވެ.

"ނުވަންނާނަންތަ؟." ރިއާ އަހާލިއެވެ.

"އަހަންނަށް ލަސްވޭ. ފަހަތުން ވެހިކަލްތައް ގިނަ ނުވަނީސް ފައިބަންވީނު." އައިތަން މިހެން ބުނެ ފޯނު ނެގިއެވެ. އޭނާ ރިއާ ދޭ ޖަވާބަކަށް އިންތިޒާރެއް ނުކުރިއެވެ. ފޯނުން މީހަކަށް ޑަޔަލް ކޮށްލުމާއެކު ކަންފަތުގައި ފޯނު ޖައްސާލިއެވެ.

"ރަޒާ... ކޮންތާކު؟... އާން!... އޯކޭ!." އައިތަން ފޯނުން ވާހަކަދެއްކިއެވެ. ރިއާ ބަލަން އިނދެފައި ކާރުގެ ދޮރުފަތް ހުޅުވާލައި ފޭބިއެވެ.

"މިރޭ އަންނާނަންތަ؟. މިކޮޅުގަ ނިދަން." ކާރުގެ ދޮރުފަތް ލެއްޕުމުގެ ކުރީން ރިއާ އަހާލިއެވެ.

"ހޫމް... ވިސްނާނަން. ގެއަށް ވަދޭ." އަވަހަށް ފޮނުވާލަން ބޭނުންވެފައި ހުރިވަރުން އައިތަން ބުނެލިއެވެ.

* * * * *

ހައިރާން ކަމުގައި ފޯނަށް ބަލަން ހުރެފައި ރަޒާ އެނބުރިލީ މައިރާ ގޮވާލީމައެވެ. ކޭކުފަޅަންވީ ވަގުތު ޖެހުނީއެވެ. ފަޅާލި ޗޮކުލެޓު ކޭކު ފެނި އެއީ މައިރާގެ މަސައްކަތެއް ނޫންކަން ބުނާން ޢާއިލާއާއި މާޔަލްއަށް ވެސް އެނގެއެވެ. އެހެންވިޔަސް އެކަކުވެސް އެއްވެސް އެއްޗެއް އެވަގުތު ނުބުނެއެވެ. ކިރިޔާ ވެސް ކޭކާ ބެހޭ ގޮތުން ސުވާލެއް ކުރީ މަލަކް އެކަންޏެވެ. މާޔަލްއަށް އެންމެ ކަމުދާނީ ރެޑްވެލްވެޓް ކޭކުކަން ޢާއިލާގެ އެންމެންނަށް އެނގޭނެއެވެ.

ފެޅި ކޭކުން އެތިކޮޅެއް ގާތް އެންމެންނަށް މާޔަލް ލަވައިދީ ފޮޓޯތައް ނެގުނެވެ. ކުއްލިއަކަށް އެންމެންގެ ރާގުތަކަށް ބަދަލުއައީތީ މާޔަލްގެ ސަމާލުކަން ވެސް އެކަމަށް ހުއްޓުނެވެ. ވަރަށް ލޯބިވާކަން ޖަހާފައިވާ ހިތް ބައްޓަމުގެ ފޮއިލް ފުއްޕާހަމާއެކު ވިއްސާރަދުނީގެ ކުލަތައް ހިމަނާފައިވާ ބޮޑު ފިނިފެންމާ ބޮނޑި ހިފައިގެން މާޔަލްއާ ދިމާއަށް އައީ އިވާންއެވެ. ކޭކުކޮޅު ކާލި ގޮތަށް އައިމީގެ ދެމަފިރިން އިވާންއާއެކު ގެއްލުނީ ކީއްވެކަން މާޔަލްއަށް އެނގުނީ ދެނެވެ. ހެނދުހެނދުނާ އިވާން ގެނެސްދިން ރަތް ފިނިފެންމާ ބޮނޑީގެ ހުރި މާތައް މިހާރު ވެސް ގޭތެރެއިން ހުރީ ފެންނާށެވެ. އަނެއްކާވެސް މާޔަލްއަށް އެ ލިބުނީ އެފަދަ ރީތި ދެވަނަ މާބޮޑިއެވެ. މާބޮނޑިއާއި ފުއްޕާހަމުގައި ހިފުމުން ހަދިޔާ ނިމުނީ ނޫންކަން އިވާން ބުނެލިއެވެ. މާޔަލްގެ އަތުން މާބޮޑިއާއި ފުއްޕާހަން މައިރާ ނެގިއެވެ. އެއާއެކު އައިމީގެ އަތުގައި ރަންކަރުދާހުން ޕާރުސަލްކޮށްފައި އޮތް ފޮށި އިވާން ނަގައި ދިއްކޮށްލިއެވެ. އެފަދަ އެތައް ހަދިޔާއެއް އެވަގުތު އިވާންގެ ފަރާތުން މާޔަލްއަށް ލިބުނެވެ.

އިވާންއާއި މާޔަލްއަށް އެންމެންގެ ސަމާލުކަން ހުއްޓިފައިވީ ވަގުތު މައިރާގެ ގާތަށް ރަޒާ ޖެހިލިއެވެ. އެކުވެރިއަކު ކަމަކު އައިސް ހުރުމުން އޭނާއާ ވާހަކަދައްކާލަން ތިރިއަށްކަން ދަނީ ބުނެލިއެވެ. ޙަފުލާ ނިމި މެހެމާނުން އެނބުރި ދިއުމުން ޢާއިލާ އެކުގައި އަދި ވަގުތު ހޭދަކުރާން ބޭނުންވާނޭކަން ރަޒާއަށް އެނގެއެވެ. އެހެންވެ އޭނާ ގިނައިރެއް އަންނާނަމޭ ބުނެލިއެވެ. މައިރާ ސުވާލުތަކެއް ނުކޮށް ހަމައެކަނި ބޯޖަހާލީއެވެ. ފިރިމީހާ ގޮސް ދޮރުން ނުކުންނަން ދެން މައިރާއަށް ބަލަން ހުރެވުނެވެ. ކާކުތޯ އައީ އަހާލަން އޭނާ ބޭނުންވިއެވެ. ނަމަވެސް އެ ސުވާލު އެންމެންގެ ތެރޭ ނުކުރީއެވެ.

"ސޮރީ އިނގޭ. ކޮފީއަކަށް އަރާ ތިބޭނެ ވަގުތެއްނެތް. ވަރަށް އަވަސްކޮށްލަން އެބަޖެހޭ." ކާރުގެ ކުރިއަށް އަރާ ސީޓުގައި ހަމަޖެހިލި ގޮތަށް ރަޒާ ވާހަކަދެއްކިއެވެ. (ނުނިމޭ)