މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ފުލުހުންގެ ފްލެޓްތައް ނިންމުން ދެމަހަށް ލަސްވާނެ

May 31, 2022
1

ހުޅުމާލޭގައި ހަދާފައިވާ ފުލުހުންގެ ފްލެޓްތައް ނިންމަން އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވާ މުއްދަތުގައި އެ މަސައްކަތް ނުނިމޭނެ ކަމަށާއި މަސައްކަތް ނިމޭނީ އެއްބަސްވުމުގައިވާ މުއްދަތަށް ވުރެ ދެ މަސް ފަހުން ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

ޕްލޭނިން މިނިސްޓްރީން މިހެން ބުނެފައި މިވަނީ ހުޅުމާލޭގައި ހަދަމުންދާ ފުލުހުންނާއި ސިފައިންގެ ފްލެޓްތައް ނުނިމި ދިގުލައިގެންދާ މައްސަލައިގައި އެ މިނިސްޓްރީގެ އިސްވެރިން މިއަދު މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީއަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ދެއްވި ޖަވާބުތަކުގަ އެވެ.

ފުލުހުންގެ ފްލެޓްތައް ނިންމަން އަމީން ކޮންސްޓްރަކްޝަނާ ހަވާލުކުރީ މިދިޔަ ޑިސެމްބަރު 30 ވަނަ ދުވަހު އެވެ. މަސައްކަތް ނިންމަން ހަވާލުކުރީ މި އަހަރު ސެޕްޓެމްބަރު 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ނުނިމި 10 އަހަރު ވާން ކައިރިވެފައިވާއިރު ފްލެޓްތައް ނިންމުން މިހާ ބޮޑަށް ލަސްވުމާ ގުޅިގެން ސިފައިންނާއި ފުލުހުންގެ އާއިލާތަކުން ކަމާ ގުޅޭ އިދާރާތަކުގައި ޝަކުވާ ކުރާތާ އެތައް އަހަރެއް ވެއްޖެ އެވެެ.

ކޮމިޓީގައި ވާހަކަދައްކަވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ އަމީންއާ ހަވާލުކުރި މަސައްކަތް ނިންމަން އިތުރު ދެމަސް ހޭދަވަނީ އަމީންގެ މައްސަލައަކުން ނޫން ކަމަށެވެ. އެ މަސައްކަތަށް އިތުރު ވަގުތު ހޭދަވަނީ އެ ފްލެޓްތައް ނިންމަން ދެވަނަ ފަހަރަށް ހަވާލުކުރި ކުންފުނި -- އައިލެންޑް އެކްސްޕާޓްގެ ފަރާތުން ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރި ކުންފުނިން ކުރަންޖެހޭ މަސައްކަތްތަކެއް ނުނިންމައިގެން ކަމަށެވެ. މަސައްކަތުގެ އަގު ދިނުމަށްފަހު އެ ކުންފުންޏާ ހަވާލުކޮށްފައި އޮތީ ނެޓްވޯކް އެޅުމާއި ކެމެރާ ހަރުކުރުމެވެ.

ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ދެން ނުހުއްޓި ކުރިއަށްދާނެތޯ މެންބަރުން ސުވާލުކުރެއްވުމުން އަކްރަމް ވިދާޅުވީ އިތުރު މައްސަލަތަކެއް ކުރިމަތިވެ އެ މަސައްކަތް ދެން ލަސްވެދާނެ ކަމަށް ނުބެލެވޭ ކަމަށެވެ. ނަމަވެސް މަސައްކަތް ނުހުއްޓި ކުރިއަށްދާނެ ކަމުގެ ޔަގީންކަމެއް ޕްލޭނިން މިނިސްޓަރު އަސްލަމް ނުދެއްވަ އެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ސިފައިންނާއި ފުލުހުންގެ ފްލެޓްތައް އެޅުމަށް 2013 ވަނަ އަހަރު އެންމެ ފުރަތަމަ ހަވާލުކުރީ ނޫމަޑި ކުންފުންޏަށެވެ. އެކަމަކު އެއްބަސްވުމާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ނުދާ ކަމަށް ނިންމާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖެނުއަރީ 27، 2016 ގައި ވަނީ ނޫމަޑިއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލާފަ އެވެ. އޭގެ ފަހުން މިމަސައްކަތް ނިންމަން ދެވަނަ ފަހަރަށްހ ހަވާލުރީ އައިލެންޑް އެކްސްޕާޓް ކުންފުންޏާ އެވެ. ނަމަވެސް ކޮވިޑް 19އާއި ގުޅިގެން ކުރިމަތިވި އިގްތިސޯދީ ގެއްލުންތަކާ އެކު އައިލެންޑް އެކްސްޕާޓް ކުންފުނި ބަނގުރޫޓްވެ 2020 ވަނަ އަހަރު އެ ކުންފުނިން ވަނީ މަޝްރޫއު ދޫކޮށްލާފަ އެވެ.

އައިލެންޑް އެކްސްޕާޓް ކުންފުނިން މަސައްކަތް ހުއްޓާލިއިރު ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނޭ ސިފައިންގެ ތިން ޓަވަރުގެ ތެރެއިން އެއް ޓަވަރުގެ 80 ޕަސެންޓާއި އަނެއް ދެ ޓަވަރުގެ 50 ޕަސެންޓް މަސައްކަތުގެ އިތުރުން ފުލުހުންގެ ތިން ޓަވަރުގެ 87 ޕަސެންޓް މަސައްކަތް ނިންމާފައިވެ އެވެ.

ސިފައިންގެ ޓަވަރުތަކުގެ މަސައްކަތް ނިންމަން މިހާތަނަށް 548 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ފުލުހުންގެ ޓަވަރުތައް ނިންމަން 500 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ސިފައިންގެ ޓަވަރުތައް ނިންމުމުގެ މަސައްކަތް ކުރަނީ ޗައިނާގެ "ދަ ޓްވެންޓީ ތާޑް މެޓަލުޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް"ގެ ފަރާތުންނެވެ. ޕްލޭނިން މިނިސްޓްރީގެ ބޭފުޅުން ވިދާޅުވީ ސިފައިންގެ ފްލެޓްތަަކަކީ އެ މިނިސްޓްރީއާ ގުޅުންހުރި މަސައްކަތްތަކަކަށް ނުވާތީ އެ ފްލެޓްތަކުގެ މައޫލޫމާތު ދެނެވަޑައިނުގަންނަވާ ކަމަށެވެ.