"ދިލް އިބާދަތު ކަރް ރަހާ ހޭ"، "ހަމް ރަހޭ ނާ ރަހޭ" ފަދަ ރީތި ލަވަތައް ކިޔައިދީފައިވާ ލަވަކިޔުންތެރިޔާ ކްރިޝްނަކުމާރު ކުންނަތު (ކޭކޭ)ގެ ކުއްލި މަރުން މިއުޒިކަށް ލޯބިކުރާ މީހުންގެ ހިތްތައް ހަލާކުވެއްޖެ އެވެ.
އުމުރުން 53 އަހަރުގައި ކޭކޭ މަރުވީ ރޭ ކަލްކަތާގެ ގުރުދާސް ކޮލެޖުގައި އޮތް ފެސްޓިވަލްގެ ސްޓޭޖުގައި ލަވަކިޔަން ހުއްޓާ ކުއްލިއަކަށް ބަލިވެގެން އެނބުރި ހޮޓަލަށް ގެންދިޔަތާ އިރުކޮޅެއް ތެރޭގަ އެވެ. މެޔަށް ތަދުވާ ކަމަށް ބުނުމުން ކޭކޭގެ ޓީމުން އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް އޭނާ ބެލި ޑޮކްޓަރުން ބުނެފައި ވެއެވެ.
ކޭކޭގެ މަރުގެ ޚަބަރާއެކު އޭނާގެ ފަހުގެ ކޮންސެޓުގެ ވީޑިއޯތައް ފޭނުން ސޯޝަލް މީޑިއާގައި ޝެއާ ކުރަން ފެށި އެވެ. އިއްތިފާގުން އޭނާގެ އެންމެ ފަހުގެ ޝޯގައި ވަކި ވުމުގެ ކުރިން ކިޔާފައިވަނީ އޭނާގެ ކުއްލި މަރާ ވަރަށް ގުޅޭ ލަވަ އެކެވެ. އެއީ "ހަމް ރަހޭ ނާ ރަހޭ، ޔާދު އާއޭނގޭ ޔޭ ޕަލް" (އަހަރެމެން މާދަމާ ދުނިޔޭގައި ހުއްޓަސް ނެތަސް، މި ވަގުތުކޮޅު އެންމެން ވެސް ހަނދާން ކުރާނެ އެވެ).
ކޭކޭގެ ކުއްލި މަރާ ގުޅިގެން މުޅި ބޮލީވުޑް ވަނީ މޮޅިން މޮޅި ސާލު ލާފަ އެވެ. ގިނަ އަދަދެއްގެ ފަންނާނުން ދަނީ މިކަމާ ހިތާމަފާޅުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓްތައް ޝެއާ ކުރަމުންނެވެ.
ސީއެންއެން ފަދަ މަޝްހޫރު ނެޓްވޯކްތަކުން ވެސް ކޭކޭގެ މަރުގެ ޚަބަރު ގެނެސްދީފައިވުމީ މުޅި ދުނިޔޭގައި ވެސް އޭނާގެ މަޝްހޫރުކަން ހުރި ވަރު ބަޔާންކޮށްދޭ ކަމެކެވެ.
މިއުޒިކަށް ލޯބިކުރާ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކޭކޭގެ އަޑު ކަހަލަ ރީތި އަސަރުގަދަ އަޑެއް ލިބިފައިވާ ލަވަކިޔުންތެރިން ވަރަށް ވެސް މަދެވެ. ވީމާ ކޭކޭގެ މަރަކީ ހިންދީ މިއުޒިކް އިންޑަސްޓްރީއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ.