މިފްކޯ

ޕެކިން މެޓީރިއަލް ބޮޑުވެ، މަސްދަޅު ކޭހަކުން 150ރ، ބޮޑުކޮށްފި

Jun 1, 2022
3

ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު މަތިވަމުން ދިއުމާއެކު މިފްކޯއިން ވިއްކާ މަސް ދަޅު ކޭހަކުން 150ރ. ބޮޑުކޮށްފި އެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ އަވަސް އަށް މިއަދު ވިދާޅުވީ މިއަދުން ފެށިގެން މަސް ދަޅުގެ އަގު ބޮޑު ކުރަން މަޖުބޫރުވީ އިތުރު ގޮތެއް ނެތިގެން ކަމަށާ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އިންތިހާ އަށް މަތިވުމާ ގުޅިގެންނެވެ.

"ޔޫކްރޭން ހަނގުރާމައިގެ ސަބަބުން މަސް ދަޅަށް އަޅާ ސަން ފްލާވާ އޮއިލް ބޮޑުތަނުން ބޮޑުވެއްޖެ. ޕެކިން މެޓީރިއަލްގެ އަގު ބޮޑު ވެއްޖެ. ތެލުގެ އަގު މަތިވުމުން ފްރައިޓުގެ އަގު ވެސް މަތިވެއްޖެ. މިހެން ގޮސް ހުރިހާ އެއްޗެއް މަތިވެއްޖެ. އެހެންވެ މަތި ކުރަން ޖެހުނީ،" އިސްމާއިލް ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވީ މަސްވެރިންގެ އަތުން ގަން މަހުގެ އަގު ރޯދައިގެ ކުރީގައި ބޮޑު ކުރުމަށްފަހު މި ބަދަލު ގެންނަން މަސައްކަތް ކުރި ކަމަށާ ނަމަވެސް ލަސްކުރީ ރޯދަ މަހަށްވުމުންނެވެ. ނަމަވެސް މިހާރު އަގަށް ބަދަލު ނުގެނެސް ވާން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

މިފްކޯ އިން ދަޅު މަހުގެ އަގު ބޮޑު ކުރިއިރު ރާއްޖޭގައި މަސް ބަންދުކުރާ އެހެން ކުންފުނި ތަކުން ވެސް ވަނީ މަސް ދަޅުގެ އަގު ބޮޑުކޮށްފަ އެވެ.

މިފްކޯއިން ދަޅު މަހުގެ އަގަށް ގެނައި ބަދަލާއެކު ތެޔޮ މަސް ކޭހެއްގެ އަގު ވަނީ 590ރ. އިން 740ރ. އަށް ބޮޑުވެފަ އެވެ. އަދި ކުރިން 565ރ. އަށް ވިއްކި ފެން މަސް ކޭހެއްގެ އަގު ވަނީ 715ރ. އަށް މަތިވެފަ އެވެ. އަދި މީގެ އިތުރުން ވެސް މަސް ދަޅުގެ އެކި ސައިޒުގެ އަގުތައް ވަނީ މަތިކޮށްފަ އެވެ. ދަޅު މަހުގެ އަގަށް ގެނައި މި ބަދަލާއެކު އެވްރެޖުކޮށް ތިން ރުފިޔާ ބޮޑުވެގެން ގޮސްފައިވެ އެވެ.