ރައްޔިތުންގެ މަޖިލިސް

ފަނޑިޔާރު ހަމީދު ވަކިކުރަން ތްރީލައިން ވިޕް ނެރެފި

Jun 1, 2022

ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމައިފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ ފަނޑިޔާރު އަބްދުﷲ ހަމީދު މަގާމުން ވަކިކުރުމަށް ތްރީލައިން ވިޕެއް ނެރެފައިވާ ކަމަށެވެ.

ތްރީލައިން ވިޕް ނެރެފިނަމަ އެގޮތަކަށް ޕީޖީ ގުރޫޕްގެ ހުރިހާ މެންބަރުން ވޯޓު ދިނުމަށް މަޖުބޫރުވާނެ އެވެ.

އަސްލަމް ވިދާޅުވީ ފަނޑިޔާރު ކަމުން އަބްދުﷲ ހަމީދު ވަކިކުރުމަށް މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުން ހުރި ނަމަވެސް ތްރީލައިން ވިޕް ނެރެފައިވާ ކަމަށެވެ.

"މިމައްސަލައިގައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި ޖޭއެސްސީއާ ދެމެދު ހިޔާލުތަފާތުވުން ވެސް އެބަހުރި. އެ ދެ ތަނުގެ އެންމެ އިސް ބޭފުޅުން އަޅގަނޑމެންގެ ޕީޖީ ގުރޫޕްގައިވެސް ހިމެނޭ. އެހެންވީމާ ދެން ހިޔާލުތަފާތުވުން ހުންނާނެތާ ދެއްތޯ،" އަސްލަމް ވިދާޅުވި އެވެ.

ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު މަގާމުން ވަކިކުރުމުގެ މައްސަލަ އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރައްވާނެ ކަމަށް މަޖިލީހުުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފަ އެވެ.

ފަނޑިޔާރު އަބްދުﷲ ހަމީދުގެ އިތުރުން ހައިކޯޓުގެ ފަނޑިޔާރު ކަމުން އިއްޔެ އިސްތިއުފާ ދެއްވި އަބްދުއްރައޫފް އިބްރާހީމް މަގާމުން ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ހުށަހެޅީ މިދިޔަ އޭޕްރީލް މަހުގެ ތިންވަނަ ހަފްތާގެ ތެރޭގަ އެވެ. ނަމަވެސް މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާކުރުމަށްފަހު ކޮމިޓީ ރިޕޯޓް މަޖިލީހުގެ ރިޔާސަތަށް ފޮނުވާފައި ވަނިކޮށް ހައިކޯޓުގެ ފަނޑިޔާރު ކަމުން ރައޫފް ވަނީ އިއްޔެ އިސްތިއުފާ ދެއްވާފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ ހައިކޯޓުގެ ފަނޑިޔާރުންނާ މެދު ޖުޑިޝަރީ ކޮމިޓީން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކޮމިޓީ ރިޕޯޓް ފޮނުވާފައިވާތީ އެ މައްސަލައިގައި އަންނަ ހޯމަ ދުވަހު މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމާނެ ކަމަށެވެ.

ޖޭއެސްސީން ފަނޑިޔާރު ރައޫފާއި ފަނޑިޔާރު ހަމީދާ ގުޅޭގޮތުން ބެލީ އުސޫލުގެ ބޭރުން ފްލެޓެއް ބައްލަވައިގެން ކަމަށް ބުނާ މައްސަލަ އެވެ. މި ފްލެޓް ދެ ފަނޑިޔާރުން ބައްލަވައިގަތީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ.

އެ މައްސަލަ ބެލުމަށްފަހު ޖޭއެސްސީން ބުނެފައިވަނީ ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި ފަނޑިޔާރު ރައޫފާއި ފަނޑިޔާރު ހަމީދު ބައްލަވައިގަނެފައިވާ ކަމަށެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ގަޒިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމި ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ. އެ މައްސަލަ ތަހުގީގުކޮށް ބެލިބެލުމުން، ހައިކޯޓުގެ ފަނޑިޔާރުންނަށް ސަރުކާރުން ދިން ފްލެޓްތަކަކީ ގާނޫނާ ހިލާފަށް، މަޖިލީހުގެ އެއްވެސް ދައުރެއް ނެތި ސީދާ ސަރުކާރުން ފަނޑިޔާރުންނަށް ދިން އިނާޔަތެއްގެ ގޮތުގައި ދިން ފްލެޓްތަކެއްކަން ސާބިތުވާ ކަމަަށްވެސް ބުނެފައިވެ އެވެ.

އެހެންވެ އެ މައްސަލަ ފަނޑިޔާރު ރައޫފާއި ފަނޑިޔާރު ހަމީދުގެ މައްޗަށް ސާބިތުވާ ކަމަށްވެސް ޖޭއެސްސީން ކަނޑައަޅާފައިވެ އެވެ. މި މައްސަލައިގައި ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު ވެސް ހިމެނެ އެވެ. އެކަމަކު އެ މައްސަލަ ޖޭއެސްސީ އިން ބަލަން ފެށުމުން ސަމީރު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

ޖޭއެސްސީން ދެ ފަނޑިޔާރުންނާ ގުޅޭގޮތުން މަޖިލީހަށް ހުށަހެޅި މައްސަލަ ދިރާސާކުރުމަށްފަހު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ އެ މައްސަލަ ޖޭއެސްސީން ބަލާފައިވަނީ ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތަކެއް ފުރިހަމަ ނުކޮށް ކަމަށް ނިންމާފަ އެވެ. ނަމަވެސް ކޮމިޓީގެ ތުހުމަތު ޖޭއެސްސީން ދޮގުކުރެ އެވެ.