ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕަށް މިއަދު ހުށަހަޅައިފި އެވެ.
އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ ޕީޖީގެ މަގާމުން ޝަމީމު ވަކިކުރަން މިއަދު އޮތް ޕީޖީގެ ބައްދަލުވުމަށް މެންބަރަކު ހުށަހެޅުއްވި ކަމަށެވެ. އަދި ހުށަހެޅުއްވުމަށް މެންބަރަކު ތާއީދު ވެސް ކުރެއްވި ކަމަށާއި ނަމަވެސް އެ މައްސަލައާއި މެދު މިއަދުގެ ބައްދަލުވުމުގައި އެއްވެސް ގޮތެއް ނުނިންމާ ކަމަަށެވެ.
"ޝަމީމުގެ މައްސަލަ ހުށަހެޅީ މިއަދުގެ ބައްދަލުވުމުގެ އެހެނިހެން އައިޓަމްގެ ބައިގައި. މިއަދުގެ ބައްދަލުވުމަށް ވަޑައިގަތީ ޕީޖީ ގުރޫޕްގައި ހިމެނޭ 65 މެންބަރުންގެ ތެރެއިން 35 ވަރަކަށް މެންބަރުން . އެހެންވެ އަޅުގަނޑު އެދުނީ އެ މައްސަލަ ޕީޖީ ގުރޫޕްގެ ރަސްމީ ބައްދަލުވުމަކަށް އެޖެންޑާ ކުރަން ވަކި މައްސަލައެއްގެ ގޮތުގައި ފޮނުވަން. އޭރުން ޕީޖީ ގުރޫޕްގެ ހުރިހާ މެންބަރުންނަށް ވެސް އެ މައްސަލައާ މެދު ދުރާލާ ވިސްނުމަށްފަހު ގޮތެއް ނިންމަން ފަސޭހަވާނެ،" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީޖީ ޝަމީމުގެ ބައެއް ކަންކަމާ މެދު އެމްޑީޕީގެ މެންބަރުން ކަންބޮޑުވާ ކަމަށެވެ. އަދި މިއަދު އެ މައްސަލައިގައި ޕީޖީ ގުރޫޕުން ގޮތެއް ނުނިންމުމުން ބައެއް ބޭފުޅުން ހިތްހަމަޖެހިވަޑައިނުގެންނެވި ކަމުގައިވެސް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ އެއްވެސް ބޭފުޅަކު މަގާމުން ވަކިކުރަން ހުށަހަޅާނަމަ އެ މައްސަލައެއް ވަކި މައްސަލައެއްގެ ގޮތުގައި ޕީޖީ ގުރޫޕަށް ހުށަހަޅައިގެން މެންބަރުންގެ މެދުގައި މަޝްވަރާކޮށްގެން ގޮތްތަކެއް ނިންމައިގެން ނޫން ގޮތަކަށް އެއްވެސް މައްސަލައެއް ކުރިއަށް ނުގެންދަން ޕީޖީ ގުރޫޕުން ކުރިން ނިންމާފައިވާނެ ކަމަށެވެ. ޕީޖީ ޝަމީމުގެ މައްސަލައިގައި ވެސް އަމަލުކުރައްވަން ބޭނުންވަނީ އެ އުސޫލުން ކަމުގައިވެސް ވިދާޅުވި އެވެ.
ޕީޖީ ޝަމީމާ މެދު އެމްޑީޕީގެ މެންބަރުންގެ ހިތްހަމަނުޖެހުން ހުރި ވަކި މައްސަލަތަކެއް އެނގިފައެއް ނުވެ އެވެ. އެކަމަކު އެމްއެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަތަކާއި ވެންޓިލޭޓަރުތަކުގެ ހިޔާނާތުގެ މައްސަލައިގައި ޕީޖީގެ ނިންމުންތައް ހުރި ގޮތުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ބައެއް މެންބަރުން މީގެ ކުރިން ޕީޖީއަށް ފާޑު ވިދާޅުވެފައިވެ އެވެ.