ވާހަކަ

އިޙްސާސްވޭ

( 31 މެއި 2022 އާ ގުޅޭ )

"ސޮރީ އިނގޭ. ކޮފީއަކަށް އަރާ ތިބޭނެ ވަގުތެއްނެތް. ވަރަށް އަވަސްކޮށްލަން އެބަޖެހޭ." ކާރުގެ ކުރިއަށް އަރާ ސީޓުގައި ހަމަޖެހިލި ގޮތަށް ރަޒާ ވާހަކަދެއްކިއެވެ.

* * * * *

ވާރޭ ހުއްޓާލާފައި އޮތް ވަގުތު ގެއަށް އައިސްތިބި ހުރިހާ އެކުވެރީންހެން ނުކުމެއްޖެއެވެ. މިނިވަންކަމުގެ ނޭވާއެއް މާޔަލްއަށް ލެވުނީ އަދިކިރިޔާ ކަހަލައެވެ. އޭނާ ވަރުބަލިވެއްޖެކަމުގައި ބުނެލިއެވެ. މާޔަލް ހުރީ ކޮޓަރިއަށް ގޮސް އަރާމުކޮށްލަން ނުހަނު ބޭނުންވެފައެވެ. އެނބުރި ދިއުމުގެ ކުރީން އިވާން އެދުނީ އެކަނި ބައްދަލުކޮށްލުމަށެވެ. އެހެންވެ ހާމަފެންޑާއަށް އިވާން ގޮވައިގެން މާޔަލް ނުކުތެވެ.

"ހިއާ... މިރޭގެ އެންމެ ފަހު ހަދިޔާ." އިވާންގެ ޖިންސުގެ ޖީބުން ނެގި ކުޑަ ފޮށި ދިއްކޮށްލިއެވެ.

"ޔަގީން މިފަހަރުގެ ސެލެރީއެއްކޮށް ހުސްކޮށްލީކަން." ހިނިތުންވެ ހުރެ މާޔަލް ބުނެލިއެވެ. އިވާންގެ މޫނަށް ވެރިވީ ރަކި ހިނިތުންވުމެކެވެ. މާޔަލްއަށް ބުނެވުނީ މުޅީން ގޯސް ވާހަކައެއް ނޫންކަން އެ ހިނިތުންވުން ބުނެދިން ކަހަލައެވެ.

"ވޯތް އިޓް." އިވާން ބުނެލިއެވެ.

ނޫކުލައިގެ ކުޑަކުޑަ ފޮށީގައި އޮތީ ފަށެކެވެ. މާޔަލްގެ ހިނިތުންވުން ފަނޑުނުވެއެވެ. އޭނާގެ ގާތަށް އިވާން ޖެހިލިއެވެ. ފޮށީގެ ތެރެއިން އިވާން ފަށް ނެގުމާއެކު މާޔަލްގެ ކަރުގައި އަޅުވާލަ ދިނެވެ. ދެން ކުރިމަތީ އައިސް ހުއްޓިލުމާއެކު މާޔަލްއަށް އިވާން ބަލާލިއެވެ.

"ޕާފެކްޓް." އިވާން ބުނެލިއެވެ.

"ތެންކިޔު. ތެންކިޔު ފޯ އެވްރިތިންގް. އައި ލަވް އިޓް... ލަވް ޔޫ." ފައިގެ އިނގިލިތަކުގެ ކޮޅަށް ދެމިލުމާއެކު އިވާންގެ ކޮލުގައި މާޔަލް ބޮސްދިނެވެ.

"ދާންވީ ދޯ." ދާން ބޭނުންނުވާހެން އިވާން ބުނެލިއެވެ. އޭނާގެ މޫނަށް ހަދާލި ގޮތް ފެނި މާޔަލްގެ ގާތަށް ހިނިއައެވެ.

"ހަމަތެދެއް މިބުނީ... ތިން މަސް ފަހުން ކޮންމެގޮތަކުން ވެސް މާޔަލްއަށް ޖެހޭނީ އަހަންނާ މެރީ ކުރާން. އެއްވެސް އުޒުރެއް ބަހަނާއެއް ނޯންނާނެ." ކެތްތެރިކަން ކޮޅުން ލައިގެން އުޅޭ ފަދައަކުން އިވާން ބުނެލިއެވެ.

"މެރީ ނުކޮށްފިއްޔާ." ހެވިފައި ހުރެ މާޔަލް ބުނެލިއެވެ.

"ދެން ލޯބީ ސަމާސާނުކޮށްބަލަ." އިވާންއަށް ބުނެވުނެވެ. މާޔަލްގެ ހުނުން ބާރުވެލިއެވެ. އިވާން ގަޔާނުވިކަން ދައްކާލިއެވެ.

"ލަވް ޔޫ... މައި ފިއުޗަރ ހަޒްބަންޑް." ހުނުންގަނޑު ހިންދާލާފައި މާނަވީ ނަޒަރަކުން އިވާނަށް ބަލަން ހުރެ މާޔަލް ބުނެލިއެވެ. އިވާންގެ އެއްވަރަށް ހުންނަ ހުދު ދަތްތައް ފާޅުވެލި ގޮތުން މާޔަލްއަށް ބުނެވުނު އެއްޗަކާމެދު އޭނާ ގަޔާވީވަރު ފެނުނެވެ.

"އައި ލަވް ޔޫ މޯ ފިއުޗަރ ވައިފް." އިވާން ވަގުތުން ބުނެލިއެވެ. އޭނާގެ ލާނެތްކަން ދައްކާނުލެވެނީސް އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް މާޔަލް ގޭތެރެއަށް ވަނެވެ.

ގޭތެރެއަށް ވަދެވުމާއެކު ސިޓިންރޫމުގައި ތިބި އެންމެންނަށް މާޔަލް ދައްކާލީ ކަރުގައި އޮތް ފަށެވެ. ސިޓިންރޫމުގައި ތިބި މާޔަލްގެ ޢާއިލާ ގާތު ދަނީ ކަމުގައި ބުނެ އިވާން ހިނގައިގަތީ މައިދޮރާ ދިމާއަށެވެ. އޭނާގެ ފަހަތުން މާޔަލް އައެވެ.

"ގުޑްނައިޓް." ބޭރަށް ނުކުމެ ހުރެ ދާން އެނބުރިލުމުގެ ކުރީން މާޔަލްގެ ކޯތާފަތުގައި އިވާން ފިރުމާލިއެވެ.

"އެންމެން ހުސްވީނު... ކޮންއިރަކުން ސާފުކުރަން ފަށާނީ." މައިރާ އިނދެފައި ބުނެލިއެވެ.

"އަދި ހުރިހާ ގިފްޓެއް ކުޑޫ ނުކަނޑައެއްނު." މަލަކް ބުންޏެވެ.

"ކުޑޫ ވަރުބަލިވެގެންނު ބެހެއްޓީ. ސަހާދެއް ކެތްނުވާ ދަރިއެއް މަށަށް ލިބިފަ މިހުރީ. މިރޭ ނުކެނޑިއްޔާ ނުފެންނާނެތަ؟." އާމާލް ބުނެލިއެވެ.

"އަދި އެހާ ލަހެއްނުވޭ. ކިރިޔާ އެގާރަ އެޖެހީ. ކުޑޫ ދިޔަޔަސް ދޮންތި މަޑުކޮށްބަލަ." މަލަކްގެ ފޯރި ކުޑަވާގޮތެއް ނުވިއެވެ. މައިރާގެ ކައިރީ އިން ރަޒާއަށް ހީނލެވުނެވެ. މަލަކްއަށް ވަންޏާ މައިރާ އެގެއިން ނުކުތަ ނުދޭނެކަން ރަޒާއަށް އެނގެއެވެ.

"މަލަކް ނޫނީ އެންމެން ފަތިހު ތެދުވާނެ. އަދި މިއޮތީ ގޭތެރެ އޮތް ގޮތް. މަލަކް ވަރުބަލި ނުވަންޏާ މަންމައަށް ގޭތެރެ ސާފުކޮށްދޭން އާދޭ." އާމާލް ބުންޏެވެ.

"މައިރް، ގޭތެރެ ސާފުކުރާން އުޅޭނެކަމެއްނެތް. ރަޒާއާ ދެކުދީން ގެއަށް ދޭ. މަންމައަށް އެނގޭ ވަރުބަލިވެފަކަން ތިބޭނީ." މައިރާއާއި ރަޒާއަށް ބަލާލަމުން އާމާލް ބުންޏެވެ.

މައިރާ ގޮވައިގެން ރަޒާ އެ ގެއިން ނުކުތުމުން ގޭތެރެ ސާފުކުރާން އާމާލް އުޅުނެވެ. މަޒްހަރާއި މަލަކް އޭނާއަށް އެހީވިއެވެ. މާޔަލް ކޮޓަރިއަށް ވަން ގޮތަށް ބޭނުންވީ ގައި ދޮވެލައިގެން އައިސް އެނދަށް އަރާށެވެ.

"ކީއްވެ ކާރުގަ އަންނަން ޤަބޫލުނުވީ." މައިރާ ގޮވައިގެން ސައިކަލުގައި ނައްޓާލަމުން ރަޒާ ވާހަކަދެއްކިއެވެ. މައިރާ ވަކި އެއްޗެއް ނުބުންޏެވެ. ރަޒާގެ ބުރަކަށީގައި ބޯއަޅާލައިގެން އޭނާ އިނީއެވެ.

"ހިތްހަމަނުޖެހިފަތަ؟." ރަޒާ އަހާލިއެވެ.

"އުހޫން!..." މައިރާގެ ޖަވާބު ކުރެވެ. އިތުރަށް ރަޒާ ވާހަކައެއް ނުދެއްކިއެވެ.

ރަޒާގެ މަންމަމެން އުޅޭން ކުއްޔަށް ހިފާފައި ހުރި ފުލެޓަށް ދެމަފިރިން އައިސް ވަނެވެ. ހުޅުވާފައި ހުރި ޓީވީގެ އަލި ފިޔަވައި ސިޓިންރޫމުގައި އަލިކަމެއްނެތެވެ. ސޯފާގައި އޮތީ ކާކުތޯ އޭގެ ދެމަފިރިން ނުބަލައެވެ. ތަޅުލާފައި ހުރި ކޮޓަރި ރަޒާ ހުޅުވާލައި މައިރާ ގޮވައިގެން އެތެރެއަށް ވަދެ ދޮރުލެއްޕުމާއެކު އަނެއްކާވެސް ދޮރު ތަޅުލީއެވެ.

"ރަޒާ..." ކޮޓަރީގެ ބޮކި ރަޒާ ދިއްލާލި ހިނދު އެނދުމަތީ އޮތް މާބޮނޑި މައިރާއަށް ފެނުނީއެވެ. އޭނާ ގޮވާލީ އެހެންވެއެވެ. ރަޒާ މަޑުމަޑުން އައިސް އެނދުމަތިން ހުދުކުލައިގެ ގުލްއަލާ މަލުން ތައްޔާރުކޮށްފައި އޮތް މާބޮނޑި ނެގިއެވެ.

"އައި އޭމް ސޮރީ. މިރެއަށް މައި ވަރަށް ތައްޔާރުވި. އެއްވެސް ކަމެއް ރަނގަޅަކަށް ނުދިޔަ. އަހަންނާ ހެދި." ރަޒާ މާބޮނޑި ދިއްކޮށްލައިގެން ހުރެ ބުންޏެވެ.

"ވައިޓް ޓިއުލިޕްސް." ރަޒާއާ ގާތަށް ފިޔަވަޅެއް އަޅާލުމާއެކު މާބޮޑީގައި ހިފާލައި މައިރާ ބުންޏެވެ.

"ރަޒާގެ ކުށެއްނޫން. އެހެންމީހުންގެ ބްލޭމް އަމިއްލަ ބޮލުގަ ނާޅާ. އެނީވޭޒް އެކަމާ އަލުން ވާހަކަދައްކާކަށް ބޭނުމެއްނޫން. ތެންކިޔު... ވަރަށް ރީތި. މާތައް ފެނިފަ އުފާވެއްޖެ." މައިރާ ހިނިތުންވެލިއެވެ.

"މާބޮނޑި ދިން ކުއްޖާ ފެނިގެން ނޫންތަ؟." ރަޒާ ސަމާސާކޮށްލިއެވެ. މައިރާއަށް ހެވުނެވެ.

"ކާކު މާބޮނޑި ގަނެދިނީ." މައިރާ އަހާލިއެވެ.

"އަހަރެން... އަސްލު ނަސީބު ވަރަށް ރަނގަޅަށް ދިމާވީ. ބޭރަށް ނުކުމެލަން ބޭނުންވެފަ ހުއްޓާ އައިތަން ގުޅީ. އޭނާއާ މީޓުކޮށްލަން ނުކުތް ވަގުތު ކުރިކަމެއްމީ. ގަނެފަ ގެއަށްލާފަ އައީ. މައިއަށް ކަމެއްދިމާވީމަ އަހަންނަށް އެކަމާ ނުވިސްނައެއް ނުހުރެވޭނެ ދޯ. މަންމަމެންނަށް ވެސް އެނގޭ މައި ތަނަކުން ކޭކެއް ގަނެގެން ނުގެންދާނެކަން. އަހަރެންގެ އަނބިމީހާގެ ދެރަވެފަހުރިވަރު އަހަންނަށް ނޭނގި ދެން އެނގޭނެ މީހަކު ނުހުންނާނެ ދޯ." ރަޒާގެ ވާހަކަތަކުން މައިރާގެ ހިތަށް ހަމަޖެހުން ލިބުނެވެ.

* * * * *

ދަންވަރުގެ ވަގުތެވެ. ނިދިފައި އޮތް މަޒްހަރަށް ހޭލެވުނީ ކޮޓަރީ ދޮރުގައި ޖަހާ އަޑު އިވޭތީއެވެ. ޓަކިދޭ އަޑަށްވުރެ އެ އަޑު ބާރެވެ. ގާތުގައި ނިދިފައި އޮތް އާމާލްއަށް އޭނާ ބަލާލިއެވެ. އަނބިމީހާއަކީ ނިދިގަދަ މީހެއްކަން އޭނާއަށް އެނގެއެވެ. އެނދުން ފައިބައި އެއްފަރާތުގައި ހުރި ހެދުން އަޅުވައި ދަނޑިން ނިދަންވެގެން ބޭލި ޓީޝާޓު ނަގައި ލައިފިއެވެ. އޭނާ އައިސް ދޮރުހުޅުވީ ދެނެވެ. ގޭތެރޭގައި ހުރި ފަނޑު އަލިކަމުގެ ތެރެއިން ވެސް ސާފުކޮށް ދޮރުމަތީ ހުރީ ކާކުކަން މަޒްހަރަށް ފެނުނެވެ.

"މަންމާ..." ދޮރު ހުޅުވީ މަޒްހަރުކަމެއް ވެސް މާޔަލްއަކަށް ނޭނގުނެވެ. މީހާ ފިނިވެގެން ތުރުތުރު އަޅަނީއެވެ. މަޒްހަރުގެ ގައިގާ މާޔަލް ބައްދައިގަތީ ބިރުން އުޅޭ ކުޑަކުއްޖަކު ފަދައިންނެވެ. އެހިނދު އޭނާގެ ގައިގާ އޮޅާލައިގެން ހުރި ރަޖާ ބިންމައްޗަށް ވެއްޓިއްޖެއެވެ. ވަރަށް ބޮޑުކަމެއްވެގެން ނޫނީ އެމީހުންގެ ކޮޓަރީގައި އެއްވެސް ދަރިއަކު ޓަކި ނުދޭނެކަން މަޒްހަރަށް އެނގެއެވެ.

"ކިހިނެއްވީ؟... ދަރިފުޅާ!. ކިހިނެއްވީ... ބައްޕައޭ މީ!." މާޔަލް މަންމާއޭ އަނެއްކާވެސް ބުނުމުން ދަރިފުޅުގެ ގައިގާ ބާރަށް ހިފަހައްޓާލައި ހިމާޔަތް ދެމުން މަޒްހަރު ވާހަކަދެއްކިއެވެ.

"ހުސް ލޭ... ނުވެސް ތެދުވެވޭ... އައްދޯއި! ތަދުވަނީ. މާބޮޑަށް ތަދުވަނީ." ބޮލުގައި ހިފަހައްޓަމުން މާޔަލް ދައްކަން ފެށީ ހަމަޖެހޭ ވާހަކަތަކެއް ނޫނެވެ. އެހެންނަމަވެސް މަޒްހަރު ހާސްވިއެވެ. މާޔަލްގެ ނޭފަތް ކައިރިން ލޭކުލަ ފެންނަ ހުރީމައެވެ.

"ބައްޕާ. ނިދޭއިރަށް ފެންނަނީ. ދުޢާވެސް ކިޔައިފިން." ފެންކަޅިވެފައިވާ ދެ ލޮލުން މާޔަލް ބަލާލިއެވެ. މަޒްހަރަށް ހީވީ އޭނާގެ ގާތުގައި ހުރީ ބާވީސް އަހަރުގެ ދަރިފުޅުގެ ބަދަލުގައި ހަތް އަހަރުގެ މާޔަލް ހެންނެވެ.

ވެއްޓުނު ރަޖާގަނޑު ނަގައި ދަރިފުޅުގެ ގައިގާ އޮޅާލަދިނުމާއެކު މާޔަލް ގޮވައިގެން މަޒްހަރު އައީ ބަދިގެއަށެވެ. ކާމޭޒުދޮށުގައި މާޔަލް ބައިންދާފަ، ފެންތަށްޓެއް އަޅައިގެން އައިސް ދަރިފުޅުގެ އަތަށް ތަށި ދިނެވެ. ބަދިގޭގެ ހޮޅިބިރު އޭނާ ގޮސް ދިއްލާލިއެވެ. އޭނާއަށް ހީވީ ރަނގަޅަށެވެ. މާޔަލްގެ ނޭފަތް ކައިރި ސާފުކޮށްފައި ހުއްޓެއްކަމަކު ލޭކުލަ ފެންނަން އަދިވެސް އެބަހުއްޓެވެ.

"މާބޮޑަށް ތަދުވާން ފަށައިފިއްޔާ ބޭސްކާން ޑަކްޓަރު ބުންޏެއްނު. ބައްޕަ އަންނާނަން ބޭސްފޮށި ހިފައިގެން." ފަރުވާތެރިކަމާއެކު ދަރިފުޅަށް ބަލަން ހުރެ މަޒްހަރު ވާހަކަދެއްކިއެވެ. ފެންތަށީގައި ދެއަތުން ހިފަހައްޓާލައިގެން އިނދެ މާޔަލް ބޯޖަހާލީއެވެ.

"އަވަހަށް އަންނައްޗޭ." ހާސްވެފައި އިނދެ މާޔަލްއަށް ބުނެލެވުނެވެ.

"ވަރަށް އަވަހަށް މިއަންނަނީ." ދަރިފުޅުގެ ބޮލުގައި ފިރުމާލަމުން މަޒްހަރު ބުންޏެވެ.

މޭޒުމަތީ ފެންތަށި ބަހައްޓާލާފައި މާޔަލް ތެދުވިއެވެ. ސިންކުގެ ކައިރިއަށް އައިސް އިސްކުރު ދޫކޮށްލިއެވެ. މޫނުގައި ފެންފޮދެއް ހާކާލިއެވެ. ތެމިފައިވާ ދެއަތްތިލައިން މޫނުގައި ހިފަހައްޓާލައި އޮބާވެސް ލައިފިއެވެ. އޭނާއަށް ނިދުނީ ވެސް ފިކުރުކުރާން އޮއްވައެވެ. އީވާންއާ މެދުގައެވެ. އެހެންނަމަވެސް އޭނާއަށް ފެނުނު ހުވަފެނުގެ ބިރުވެރިކަމާއެވެ. ހަގީގަތެއް ފަދައެވެ. މޫނުން ދެއަތް ނެގުމާއެކު އެއް އަތް ގެނެސް މޭގައި ޖައްސާލެވުނެވެ.

"އެއީ... އެއީ އިވާންތަ... އިވާންއަށް ވެދާނެތަ... އަނެއްކާ އިވާންއަށް ކަމެއްވާންތަ މިއުޅެނީ." މާޔަލްއަށް ފެނުނު ހުވަފެނާމެދު ވިސްނުނެވެ.

"ދަރިފުޅު." މަޒްހަރު ގޮވާލިއެވެ.

މާޔަލް އައިސް އިހު އިން ގޮނޑީގައި ކާމޭޒުދޮށުގައި އިށީނެވެ. ބޭސްފޮށީގެ ތެރެއިން ކުޑަ ދަޅެއް ނެގިއެވެ. މޭޒުމަތީ ހުރި ފެންތަށި މާޔަލް ނެގިއެވެ. ބޭސްގުޅައެއް ނެގުމާއެކު މާޔަލްގެ އަނގަޔަށް މަޒްހަރު ލަވައިދިނެވެ. ދެން އަވަހަށް މާޔަލް ފެން ކޯވަރެއް ބޯލައިފިއެވެ. ގަދަކަމުން ބޭސްގުޅަ ދިރުވާލީއެވެ. އެއްވެސް އިރަކު ބޭސްކެއުމަކީ އޭނާއަށް ފަސޭހަކަމެއްނޫނެވެ. މަޒްހަރު ގޮނޑިން ތެދުވެގެން އައިސް މާޔަލްގެ ފަހަތުގައި ހުއްޓުނެވެ.

"ބައްޕަ ބަލާލަންތަ." މާޔަލްގެ ބޮލުގައި އަތްޖައްސާލަމުން މަޒްހަރު ބުންޏެވެ. އެއާއެކު މާޔަލް ބޯޖަހާލައިފިއެވެ. އަދި އިސްޖަހާލީ ބޮލުގެ ފުއްކިބަ ބައްޕައަށް ފަސޭހައިން ފެންނާނީ އޭރުން ކަމަށްވީމައެވެ. މާޔަލްގެ އިސްތަށިގަނޑު މަޒްހަރު ހިއްލާލިއެވެ. ކުރު އިސްތަށިތަކުގެ ތެރެއިން ދިގު ލަކުނު ފެންނަން ހުއްޓެވެ. މަޑުމަޑުން މަޒްހަރު އިނގިލި ޖައްސާލިއެވެ.

"ތަދުވޭތަ؟." މަޒްހަރު އަހާލިއެވެ.

"އެތަނަށް ތަދެއްނުވޭ. ބޮލު ތެރެއަށް ތަދުވަނީ." މާޔަލް ބުންޏެވެ.

"ސޯފާގަ އޮށޯވެލަންވީނު. ބައްޕަ އިންނާނަން." މަޒްހަރު މިހެން ބުނުމުން މާޔަލް ސިޓިންރޫމަށް އައެވެ. ދިގު ސޯފާގައި އޭނާ އޮށޯވެލިއެވެ. އޭނާ ގެންގުޅުނު ރަޖާގަނޑުން މަޒްހަރު ނެގިއެވެ. އެ ފަތުރާލައި ރަނގަޅަށް މާޔަލްގެ ގައި ފޮރުވޭނޭހެން ގައިމަތީ އަޅާދިނެވެ. މާޔަލްގެ ބޯ ކައިރީ މަޒްހަރު އިށީނެވެ. ކުރިމަތީ ހުރި ކޮފީމޭޒު މައްޗަށް ދެފައި އަރުވާލައި ދަމާލިއެވެ.

"ސޮރީ ޑޭޑް." ބައްޕަ ވެސް ހުންނާނީ ވަރުބަލިވެފައިކަން މާޔަލްއަށް އެނގެއެވެ. އެކަމަކު އޭނާ އެ އޮތީ ބިރުންނެވެ. ބައްޕަ ނޫނީ މަންމަ ކައިރީގަ ނޫނީ ހުންނާކަށް އޭނާއަކަށް ނުކެރޭނެއެވެ.

"އަދިވެސް ތި ވިސްނަނީ. އެހާ ބޮޑަށް ނުވިސްނާށޭ އަބަދު މިކިޔަނީ. ދަރިފުޅުމެންނަށް ކަމެއްވީމަ މަންމައާއި ބައްޕައެއްނު ތިބޭނީ."

"އެ ބޭސް ކެއިމަ ވަރަށް ވަރުބަލިވޭ. މާގިނައިން ނިދޭ." މާޔަލް ބުނެލިއެވެ.

"އެހެންވާނެއޭ ބުންޏެއްނު. ދެން ލޯ މަރާލައިގެން ވާހަކަނުދައްކާ އޮވޭ." މަޒްހަރު ބުންޏެވެ. މާޔަލްގެ ނިތްކުރިއާއެކު ބޮލުގައި މަޒްހަރު ފިރުމާދޭން ފެށިއެވެ. ބައްޕަގެ އެ އޯގާތެރިކަމުގެ ފިރުމުން މާޔަލްގެ ހަށިހިމޭންކުރުވިއެވެ.

ނިދީގެ ފުންކަމުގެ ތެރެއަށް ދަރިފުޅު ގޮސް ހިމޭންވަންދެން މަޒްހަރު އިނެވެ. ދެން އޭނާ ފުރަތަމަ ވެސް ބަލާލީ ގަޑިއަށެވެ. ބޭސް ކައިގެން މާޔަލް ނިދައިފިނަމަ ދެން ހޭލާނީ ފަސް ގަޑިއިރު ފަހުންނެވެ. ދަންވަރު ދޭއްޖަހައި ހިނގައްޖެއެވެ. އެހެންވީމަ މާޔަލްއަށް ހޭލެވޭއިރު ހުންނާނީ ހެނދުނުވެފައިކަން ޔަގީނެވެ. މަޒްހަރު ތެދުވެ ދަރިފުޅާ ކައިރިވެލިއެވެ. ނިކަން މަޑުމަޑުން އޭނާގެ އަތްދަނޑިމައްޗަށް ދަރިފުޅު އުފުލާލިއެވެ. މާޔަލްގެ ކޮޓަރިއަށް އޭނާ ގެނެސް އެނދުގައި ބޭއްވިއެވެ. އެހެންވިޔަސް އެނބުރި ކޮޓަރިއަށްދާކަށް މަޒްހަރަކަށް ނުކެރުނެވެ. ހޮސްޕިޓަލުން މާޔަލް ދޫކޮށްލީފަހުން އެހާ ބޮޑުވަރުވީ ރެޔެއް މިނޫނީ ނާދެއެވެ. އޭނާ އައިސް އަނެއްކާ ވެސް އިށީނީ ސޯފާގައެވެ. ބޯދަށަށް ކުށަންއެއް ލައްވާލައިގެން އަރިއަކަށް ސޯފާގެ ދިގަށް ދެމިލިއެވެ.

"އެއީ ހުވަފެނެއްނޫންކަން މާޔަލްއަށް އެނގުމުން ދެންވާނީ ކިހިނެއް؟. ލެއިން ފޯވަމުންދިޔައިރު މަރަށް ތެޅިތެޅި އޮތްކަމުގެ އިޙްސާސަކީ ހަގީގަތެއްކަން އެނގުނީމަ. އެ ހަނދާންތައް އިޔާދަކަށްވާކަށް އަހަރެން ބޭނުމެއްނޫން. ދުވަހަކުވެސް ބޭނުމެއްނޫން. އެ ހަނދާންތައް އަހަރެންގެ މައްޔުއަށް މުހިންމެއްނޫން." މަޒްހަރުގެ ހިތުގައި ވިއެވެ. މާޔަލްއަށް ކުރިމަތިވި އެކްސިޑެންޓްގެ ސަބަބުން އޭނާގެ ސިކުނޑިއަށް ވަނީ ވަރަށް ބޮޑު ޝޮކެއް ލިބިފައެވެ. ބޮލުގެ ނާޝިގަނޑުގައި ވަނީ ރެނދުލާފައެވެ. ލިބުނު ޝޮކުގެ ސަބަބުން މާޔަލް ވަނީ ބައެއް ކަންތައްތައް ހަނދާންނެތިފައެވެ. މަޒްހަރަށް ރަނގަޅީ ދުވަހަކުވެސް އެ ހަނދާންތައް އަނބުރާ ނައީވިއްޔާއެވެ. އޭނާގެ ދަރިފުޅުގެ ހަމަޖެހުންވަނީ އެގޮތުގައިކަމަށްވީމައެވެ.

* * * * *

ހެނދުނުގެ ނާސްތާ ހިފައިގެން އައިރިކްގެ ކޮޓަރިއަށް ވަން ފަޒްނާއާއެކު އިސާކު ހުއްޓެވެ. ކޮޓަރިތެރެއިން އައިރިކް ނުފެނުމުން ފަޒްނާ އިޝާރާތްކޮށްލީ ބިއްދޮށަށް ނުކުމެވޭނެހެން ހުޅުވާފައި ހުންނަ އެ ކޮޓަރީގެ ދޮރާ ދިމާއަށެވެ. އިސާކު ހަލުވި ފިޔަވަޅުގައި އެ ދިމާއަށް ނުކުތެވެ. މަސްފެންގަނޑު އެއްފަރާތުގައި ހުރި ދަގަނޑު ގޮނޑީގައި އައިރިކް އިނީ ކައިރީގަ ހުރި ދަގަނޑު ވަށްމޭޒުގައި އުޅަންބޮށި ޖައްސާލައިގެންނެވެ. ބައްޕަ ހެނދުނުގެ ސަލާމްކޮށްލި އަޑާއެކު ވައަތުގައި އޮތް ސިނގިރޭޓު ތިރިކޮށްލިއެވެ. މޭޒުމަތީ އަތް ހިންގާލުމާއެކު އަތުގައި ޖެހުނު އަޅިކެނޑި ނަގައި ވައަތުގައި އޮތް ސިނގިރޭޓު އެއަށް ނިވާލައިފިއެވެ.

"ތިވަރަށް އަމިއްލަ މީހާއަށް ގެއްލުން ތިދެނީ ކީއްވެތަ؟." އައިރިކްގެ ޢަމަލްތައް އިސާކަށް ފެނުނީއެވެ. އޭނާ އައިސް އިށީނީ އައިރިކްގެ ގާތުގައެވެ. ފަޒްނާ އައިސް ވަށްމޭޒުގެ މަތީ ތަބަށް ބަހައްޓާލިއެވެ. އެއިން އެއް ކޮފީ ޖޯޑު ނަގައި އިސާކަށް އޭނާ ދިއްކޮށްލިއެވެ.

"ރިކް... ތިއޮއް ރީތިކުއްޖާ ބަލާބަލަ ހުރިގޮތް. ބޯކޮށައި ތުނބުޅި ތިއަށްވުރެ ކުރުކޮށްލާކަށް ނުވޭތަ. ފެންވެސް ނުވަރާހެން ތިހުންނަނީ. ތީ ބައްޕަމެންގެ އެންމެ ކިޔަމަންތެރި ދަރި. ރިބެލިއަސްވެގެން އުޅޭންވީ އުމުރުގައި ވެސް ތީ ބަސްގަބޫލުކުރާ ރަނގަޅު ކުއްޖެއް. ދެން މިހާރު ތިހެން ނޫޅެބަލަ. ބައްޕަ ގޮތެއް ނިންމައިފިން..." އިސާކް އެންމެ ފަހުން އެ ބުނެލި ޖުމްލައިން އައިރިކްއަށް ބައްޕަގެ އަޑު އިވޭ ދިމާއަށް މޫނު އަނބުރާލެވުނެވެ. އެ އުޅެނީ އޭނާއަށް ކޮންކަމެވެސް ކަމެއް މަޖުބޫރުކުރާންކަން އައިރިކްއަށް ޔަގީންވިއެވެ. އޭނާ ތެދުވަން އުޅުނު ހިނދު ހުސިޔާރުވެ އިން އިސާކު ހިފީ އައިރިކްގެ މުލައްދަނޑީގައެވެ.

"މިފަހަރު ނުދެވޭނެ. އިށީނދޭ... ބައްޕަ މިދައްކާ ވާހަކަ އަޑު އަހާ. އެކްސިޑެންޓަށްފަހު ރިކް ވާހަކަދައްކާއަޑެއް ބައްޕަމެން ނާހަން. މަންމައާއި ބައްޕައާ ވާހަކަދައްކަން ބޭނުންނުވަންޏާ ކޮންމެވެސް މީހަކާ ތި ސިކުނޑީގަ ހިނގާ ކަންކަން ޚިއްޞާކުރާން ޖެހޭ. އެހެންނޫނީ ތި ހާސްކަމެއް ފިލައިގެން ނުދާނެ. ގޮންޖެހުންތަކާ ކުރިމަތިލާން ނުކުރޭ ދަރިއަކަށް އަހަރެންގެ އައިރިކްވީ ކޮންއިރަކު. ދިރިއުޅުން ހުއްޓިފައެއްނޫން އޮތީ. ނޭވާލާހާ ހިނދަކު ހަޔާތް މިދަނީ ކުރިޔަށް. ރިކް ވާހަކަދައްކާނޭ މީހަކު ހޯދައިފިން. އެ ސެޝަންތަކަށް ދާންޖެހޭނެ. ދެން އޮތީ ޝަހާ. އެކުއްޖާގެ ކިޔެވުން އެއްކޮށް ނިމިގެން އައީ. ކައިވެނި އަވަސްކުރާންވީ. އޭރުން ދަރިފުޅަށް ހުރިހާ ވަގުތެއްގައި އެހީވާނެ ބައިވެރިއަކު ހުންނާނެ. އަނތްބެއްގެ ލޯތްބާއި އަޅާލުން ލިބެންފެށީމަ ދިރިއުޅުމަށް ހެޔޮ ބަދަލުތައް އަންނާނެ. ވިޔަފާރީގެ ކަންކަމުގައި ދަރިފުޅަށް ޝަހާ އެހީވާނެ. އޭރުން މަސައްކަތަށް ވެސް އެނބުރި އާދެވުނީ." އިސާކުގެ ވާހަކަތަކުން އައިރިކްގެ ކަތުރުކަށިގަނޑަށް ވާންވެލީ ނުހަނު ބޮޑަށެވެ.

"ޝަހާ ކައިރީ ބުނިން..." އައިރިކްގެ އަޑުގައިވީ ހަރުކަށިކަމެވެ.

"ޔޫނުސްމެން މާދަމާ ރޭ އަންނާނެ މިގެއަށް. ދަރިފުޅަށް ތިހެންވުމަކުން ޝަހާގެ މައްސަލައެއްނެތް. މާދަމާ ރޭ އެމީހުން އައީމަ ކައިވެނީގެ ތާރީޚެއް ކަނޑައަޅަން ބައްޕަ ގަސްދުކުރަނީ." އިސާކުގެ ވިސްނުމުގައި ހުރީ އައިރިކްގެ އެކަނިވެރިކަން ކުޑަ ކުރުމެވެ. ދިރިއުޅުންދެކެ ވެފައި ހުރި ފޫހިކަން ބަދަލުކޮށްލުމެވެ. ޝަހާގެ ގޮތް އައިރިކްއަށް އެނގޭނެކަން އިސާކު ޤަބޫލުކުރަނީ ދަރިފުޅުގެ ލޮލުގެ ފެނުން ގެއްލުމުގެ މާކުރީން ވެސް އެ ދެ ކުދީން ބައްދަލުވެފައި ވާތީއެވެ. (ނުނިމޭ)