އެލައިޑް އިންޝުއަރެންސް

ހަަތަރު ސްކޫލެއްގެ ޑިޖިޓަލައިޒޭޝަން ޕްރޮގްރާމަށް އެލައިޑުގެ އެހީ

Jun 2, 2022

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިޖުތިމާއީ ޒިންމާ "ޕްރިމިއަމް ފޯ ގުޑް"ގެ ތެރެއިން ހަތަރު ސްކޫލަކަށް ސްމާޓް އެޑިއުކޭޝަނަށް ބޭނުން ކުރާ ވަސީލަތްތައް ހަދިޔާކޮށްފި އެވެ.

މިތަކެތި ހަވާލުކޮށްދެއްވީ އެލައިޑް އިންޝުއަރަންސް ކުންފުނީގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާން އާއި ނިޔާޒު މުހައްމަދު އެވެ. އަދި ސްކޫލްތަކުގެ ފަރާތުން ޓީވީއާއި ކޮމްޕިއުޓަރު ސިސްޓަމްތަކާއި ހަވާލުވެ ދެއްވީ ސްކޫލްތަކުގެ އިސްވެރިންނެވެ.

ތައުލީމީ ދާއިރާ މުއްސަނދިކޮށް، ދަރިވަރުންނަށް އުނގަންނައިދިނުމުގައި ބޭނުންކުރާ އުކުޅުތައް ޒަމާނީ ކުރުމަށްޓަކައި ސްކޫލްތަކުން ކުރަމުން އަންނަ މަސައްކަތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން އެލައިޑް ސީއެސްއާރްގެ "ސްކޫލް ޑިޖިޓަލައިޒޭޝަން ޕްރޮގްރާމް" މެދުވެރިކޮށް ތަކެތި ހަދިޔާކޮށްފައިވާ ހަތަރު ސްކޫލަކީ ފ. އަތޮޅު ސްކޫލް، ހުރަވީ ސްކޫލް، އިއްޒުއްދީން ސްކޫލް އަދި ޖަމާލުއްދީން ސްކޫލެވެ.

އެހީދިން ސްކޫލްތައް

  • ފ. އަތޮޅު ސްކޫލް
  • ހުރަވީ ސްކޫލް
  • އިއްޒުއްދީން ސްކޫލް
  • ޖަމާލުއްދީން ސްކޫލް

އެލައިޑުގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާން ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ސްކޫލްތަކާއި އެކު އަބަދުވެސް ބަދަހި ގުޅުމެއް ބޭއްވުމަށް މަސައްކަތް ކުރައްވާ ކަމަށާއި ދަރިވަރުންގެ ތައުލީމީ ހަޔާތް ކާމިޔާބުކަމާއި އެކު ނިންމާލުމަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްދީ ވަސީލަތްތައް ހަރުދަނާކުރުމަށް އެލައިޑުގެ އެހީތެރިކަން ވީ މިންވަރަކުން ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި "ޕްރިމިއަމް ފޯ ގުޑް"ގެ ދަށުން އިތުރު ސްކޫލްތަކާއި އެކު މަސައްކަތްކުރުމުގައި އެލައިޑުން ދެމިތިބޭނެ ކަމުގައިވެސް ފިރުޝާން ވިދާޅުވި އެވެ.

ދެހާސް އަށާރަ ވަނަ އަހަރު ލޯންޗްކޮށްފައިވާ "ޕްރިމިއަމް ފޯ ގުޑް"އަކީ އެލައިޑްގެ އިޖްތިމާއީ ޒިންމާއަށް ހާއްސަ އިސްނެގުންތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް އެކުލަވާލާފައިވާ އޮނިގަނޑެކެވެ. އެގޮތުން ޔޫއެންގެ ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތް ކުރުމަށް ކަނޑަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރެއިން "ކޮލިޓީ އެޑިޔުކޭޝަން" އަކީ "ޕްރިމިއަމް ފޯ ގުޑް"ގެ އެންމެ މުހިންމު އެއް އަސާސެވެ.