ހުޅުމާލެ

ކްރޫޒްލައިނާ ޓާމިނަލާއެކު 6000 އަށްވުރެ ގިނަ ވަޒީފާ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާ ކްރޫޒްލައިނާ ޓާމިނަލާއި ހެރިޓޭޖް އައިލެންޑް ތަރައްގީކޮށް ނިމޭއިރު 6000 އާއި 8000 އާ ދެމެދުގެ އަދަދަކަށް ވަޒީފާ އުފަންވާނެ ކަމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ބުނެފި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ އަހުމަދު ސައިމަން ވިދާޅުވީ، ކުރީގެ ރިސޯޓެއްގެ ގޮތުގައި ހިންގި ފަރުކޮޅުފުށި ހެރިޓޭޖް އޭރިއާއަކަށް ބަދަލުކޮށް، އެތަނުގައި ދާރުލްއާސާރެއްގެ ކުލަޖެހި، ފަތުރުވެރިންނަށް ވިޔަފާރިކުރެވޭ ތަންތަން އެތަނުގައި ގާއިމްކުރުމުން އެތަނުން އެތައް ބަޔަކަށް ވަޒީފާ ލިބޭނެ ކަމަށެވެ. އަދި ހާއްސަގޮތެއްގައި ހެރިޓޭޖް އައިލެންޑް ވެގެންދާނީ ހުނަރުވެރި ދިވެހި ފަންނާނުންނަށް އެމީހުންގެ އުފެއްދުންތައް ބާޒާރަށް ނެރުމުގެ ފުރުސަތު އެތައް ގުނައަކަށް އިތުރުކޮށްދޭނެ ތަނަކަށް ކަމަށެވެ.

ހުޅުމާލޭގައި ކްރޫޒް ޓާމިނަލެއް ހަދާއިރު އެ ޓާމިނަލާއެކު ފަތުރުވެރިންނަށް ގިނަ ފުރުސަތުތަކެއް އޮންނަންޖެހޭ ކަމަށް ސައިމަން ވިދާޅުވި އެވެ. ކްރޫޒްލައިނާ ތަކުން ރާއްޖެ ފައިބާ ފަތުރުވެރިންނަށް ހަރަދު ކުރެވޭނެ ފުރުސަތު ފަހިކޮށްދޭން ޖެހޭ ކަމަށް އިޝާރާތްކުރައްވައި ސައިމަން ވިދާޅުވީ، އެ ހުރިހާ މަސައްކަތެއް ނިމޭއިރު ރާއްޖޭގެ އުފެއްދުންތެރިކަން ފާހަގަކޮށްލެވޭ ވަރަށް އިތުރުވެގެންދާނެ ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާ ކްރޫޒްލައިނާ ޓާމިނަލަކީ އެއްފަހަރާ 200 އަށްވުރެ ގިނަ ޔޮޓް ބަނދަރު ކުރެވޭ ވަރުގެ ޔޮޓް މެރީނާއެއް ހިމަނައިގެން ހަދާ ތަނެކެވެ. އެތަން ހަދާނެ ފަރާތެއް ހޯދަން އިންޓަނޭޝަނަލް ބިޑިން އަކަށް އެޗްޑީސީން ތައްޔާރުވަމުންދާއިރު، މިހާރުވެސް ބޭރުގެ ބައެއް ފަރާތްތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށް އެޗްޑީސީން ބުންޏެވެ.