ބޮލީވުޑް

ވަގުތުން ސީޕީއާރު ދެވުނުނަމަ ކޭކޭ ސަލާމަތް ކުރެވުނީސް: ޑޮކްޓަރުން

ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކޭކޭގެ ކުއްލި މަރުން ހިންދީ މިއުޒިކަށް ލޯބިކުރާ ގިނަ ބަޔަކު ވަނީ ވަރަށް ދެރަވެފަ އެވެ. ހިތް ހުއްޓިގެން ކޭކޭ މަރުވީ ކަލްކަތާގައި އޮތް ފެސްޓިވަލެއްގައި ޝޯއެއް ދޭން ހުރެފައި މާ ބޮޑަށް ބަލިވާހެން ހީވެގެން ޝޯ ހުއްޓާލާފައި ހޮޓަލަށް އައިތާ އިރުކޮޅެއް ތެރޭގަ އެވެ.

ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ކޭކާ އޮތީ މަރުވެފައިކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ. ނަމަވެސް ކޭކާގެ މަރަށް ފަހު ޑޮކްޓަރުން ބުނެފައިވަނީ އޭނާގެ ހިތާ ގުޅިފައިވާ މައި ނާރުތައް ވަރަށް ބޮޑަށް ބްލޮކްވެފައި ހުރި ކަމަށެވެ. އަދި ހިތް ހުއްޓުނު ވަގުތު ސީޕީއާރު ދެވުނުނަމަ އޭނާގެ ފުރާނަ ސަލާމަތްވުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮތް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ކޭކާގެ އޮޓޮޕްސީ ހެދި ޑޮކްޓަރު ބުނި ގޮތުގައި ކޭކޭގެ ކޮރޮނަރީ އާޓްރީގެ ވާތްފަރާތުގައި ވަރަށް ބޮޑު ބްލޮކެއް ހުއްޓެވެ. އަދި އެނޫން ލޭ ހޮޅިތަކުގައި ވެސް ކުދިކުދި ބްލޮކްތައް ހުއްޓެވެ. ލައިވް ޝޯއެއްގައި އެ އޮންނަ ޖޯޝާއި ފޯރީގެ ތެރޭގައި ކުއްލިއަކަށް ލޭ ހިނގުން ހުއްޓި ހިތް ހުއްޓެން މެދުވެރިވީ ކަމަށް ޑޮކްޓަރު ބުނެފައި ވެއެވެ.

ކޭކޭގެ ހަޔާތުގެ އެންމެ ފަހު ވަގުތުކޮޅުގެ ވީޑީއޯތައް މިހާރު އިންޓަނެޓުގައި ދައުރުވަމުންދާއިރު އޭނާ މަރުވި ރޭ ސްޓޭޖުގައި ލަވަކިޔަން ހުއްޓާ ނަގާފައިވާ ވީޑިއޯތައް ވެސް މީގެ ތެރޭގައި ހިމެނެ އެވެ. މި ވީޑިއޯ ތަކުން ވެސް ކޭކޭ އަށް އުނދަގޫތަކެއް ވާކަމާއި އޭނާ އާދަޔާޚިލާފަށް ދާހިތްލަމުންދިޔަ ތަން ފެނިފައި ވެއެވެ.

ކޮންސެޓް ބާއްވާފައި އޮތް އޮޑިޓޯރިއަމްގައި އާދަޔާޚިލާފަށް ހޫނު ގަދަކަމަށާއި އޭސީ މަސައްކަތް ނުކުރާހެން ހީވާ ކަމަށް ބުނެ ކޭކޭ ޝަކުވާ ކުރާތަން ފެންނަ ވީޑިއޯ އެއްވެސް ވައިރަލް ވެގެން އުޅޭ ވީޑީއޯތަކުގެ ތެރޭގައި ހިމެނެ އެވެ.

ކޭކޭ މަރުވުމަށް ފަހު މުމްބައީ އަށް ގެންގޮސް އިއްޔެގެ ވަގުތެއްގައި ވަނީ ޖަނާޒާ ބާއްވާފަ އެވެ.

ލަވަކިޔުމުގެ ދުނިޔޭގައި ކޭކޭ އެންމެ ބޮޑަށް މަޝްހޫޜުވެގެން ދިޔައީ "ހަމް ދިލް ދޭ ޗުކޭ ސަނަމް" ގެ "ތަޅަޕް ތަޅަޕް ކެ ދިލްސޭ" އެ ލަވަ އިންނެވެ. އަދި "ބަޗްނާ އޭ ހަސީނޯ" ގެ 'ޚުދާ ޖާނޭ" އާއި "އާޝިގީ 2"ގެ 'ޕިޔާ އާއޭ ނާ" އަކީ ވެސް އޭނާގެ އެންމެ މަޝްހޫރު ލަވަތަކުގެ ތެރޭގައި ހިމެނޭ ލަވަތަކެވެ.

ކޭކޭގެ މަރާ ގުޅިގެން ބޮލީވުޑް އެކްޓަރުންގެ ތެރެއިން ގިނަ ބަޔަކު ވަރަށް ހިތާމަ ފާޅުކޮށްފައި ވެއެވެ. ސަބަބަކީ އެމީހުންގެ ފިލްމުތަކުގެ އެންމެ ރީތި އަދި އެންމެ ހިނގާ ގިނަ ލަވަތަކެއް ކޭކޭ ކިޔައިދީފައިވާތީ އެވެ.