ބޮލީވުޑް

ފުރަތަމަ އިންޑީއަން އައިޑަލް އަބިޖީތު ސާވަންތުގެ އުދާސްތައް

އިންޑިއަން އައިޑަލްގެ ފުރަތަމަ ސީޒަން ކާމިޔާބު ކުރުމާއެކު ލަވަކިޔުންތެރިޔާ އަބިޖީތު ސާވަންތުގެ މަޝްހޫރުކަން އިންތިހާއަށް ދިޔަ އެވެ. ނަމަވެސް ދުވަސްކޮޅެއް ނުވެ އޭނާގެ ތަރި ފަނޑުވަމުން ގޮސް އެންމެ ފަހުން އޮއްސުނީ އެވެ. މި ފަހަކަށް އައިސް އަބިޖީތުގެ ވާހަކަ ދައްކާ އަޑެއް އެއްގޮތަކަށް ވެސް ނީވެ އެވެ.

ދާދިފަހުން އަބިޖީތު އިންޑީއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ބުނި ގޮތުގައި އިންޑިއަން އައިޑަލްގެ ފުރަތަމަ ސީޒަން ކާމިޔާބު ކުރުމާއެކު އެ ލިބުނު މަޝްހޫރު ކަމާއި މަގްބޫލު ކަމުން ކެރިއަރެއް ބިނާ ކުރެވޭ ގޮތެއް އޭނާއަކަށް ނުވި އެވެ. އަދި ރިއަލިޓީ ޝޯއެއްގެ އެއްވަނަ ލިބުން އޭނާއަށް ވީ ބޮޑު ބުރައަކަށެވެ.

"ލަވައިގެ އިންޑަސްޓްރީން ވަރަށް ގިނަ ފުރުސަތުތައް ލިބޭ. ހަމައެއާކު މަގު ދައްކާނެ އެހީތެރިވާނެ މީހަކު ވެސް ބޭނުންވޭ. ލަވަކިޔުންތެރިންގެ މާބޮޑު ބާރެއް ހަގީގަތުގައި މިއުޒިކް އިންޑަސްޓްރީއަކު ނޯވޭ. ހުރިހާ ކަމެއް ކޮންޓްރޯލް ކުރަނީ ވަކި ބަޔަކު. އެމީހުންނާ ގުޅުން ބަދަހި ކުރެވޭ ފަދަ މީހަކު އެހީތެރިވާން ނެތިއްޔާ ކިތަންމެ މޮޅު ލަވަކިޔުންތެރިއަކަށް ވެސް މި އިންޑަސްޓްރީގައި ކާމިޔާބެއް ނުހޯދޭނެ،" އަބިޖީތު ބުންޏެވެ.

އޭނާ ބުނި ގޮތުގައި މިއުޒިކް ޑައިރެކްޓަރެއް ކައިރިއަށް މަސައްކަތެއް ހޯދަން ދާން ވެސް އޭނާއަށް ދައްޗެވެ. އޭނާ އެ ސްޓޫޑިއޯއެއްގެ ކައިރިއަށް ދާއިރަށް އޭނާ ދެކިލާހިތުން އެތައް ސަތޭކަ ބަޔަކު އެތަނަކަށް އެއްވެ އޭނާ ކުރަން އަންނަ މަސައްކަތަށް ހުރަސް އެޅޭގޮތް ވެއެވެ.
ކިތަންމެ މަޝްހޫރުވިޔަސް އޭނާވެސް އެ އުޅެނީ މަސައްކަތް ހޯދަން ކަމެއް އޭނާ ދެކެން އެއްވާ މީހުންނެއް ނުވިސްނަ އެވެ.

"މިއުޒިކް ޑައިރެކްޓަރުން ވެސް ގަބޫލުކުރާ ގޮތުގައި ރިއަލިޓީ ޝޯއެއް ކާމިޔާބުކޮށް މަޝްހޫރުކަން ލިބިފައިވާ މީހަކަށް ކޮންމެހެން އެމީހުން ފުރުސަތު ދޭކަށް ނުޖެހޭނެ،" އަބިޖީތު ބުންޏެވެ.

އަބިޖީތު ބުނި ގޮތުގައި ސުނީދީ ޗައުހާން އާއި ޝްރެޔާ ގޯޝާލް ފަދަ ލަވަކިޔުންތެރިންނަކީ ވެސް ރިއަލިޓީ ޝޯތައް ކާމިޔާބު ކޮށްގެން މިއުޒިކް އިންޑަސްޓްރީގައި ކެރިއަރެއް ބިނާ ކުރި ލަވަކިޔުންތެރިންނަށް ވިޔަސް އެއީ އިންޑިއަން އައިޑަލްގެ ކުރިން ކާމިޔާބު ހޯދި ލަވަކިޔުންތެރިންނެވެ.

އެމީހުން ބައިވެރިވި އެއްވެސް ޝޯއަކަށް އިންޑިއަން އައިޑަލް އަށް ލިބުނު ވަރުގެ ތަރުހީބެއް ނުލިބެ އެވެ. އިންޑިއަން އައިޑަލްގެ މަގްބޫލުކަން ބޮޑުވީވީނުން އެ ޝޯއިން އެއްވަނައަށް އައި މީހެއްގެ ހައިސިއްޔަތުން އޭނާ އަށާއި ދެން ތިބި ބައިވެރިންނަށް އިތުރު ބުރަޔާއި ޕްރެޝަރު ކުރިމަތިވީ ކަމަށް އަބިޖީތު ބުންޏެވެ.

އަބިޖީތު ބޮލީވުޑް ފިލްމުތަކަށް ކިޔައިދީފައިވާ ލަވަތަކުގެ ތެރޭގައި "މަރް ޖާވާން މިޓް ޖާވާން" އާއި "ރަންގްރޭޒާ" އަދި "ހެޕީ އެންޑިން" ހިމެނެ އެވެ.