ސޮނީ ޓީވީގެ މިއުޒިކް ރިއަލިޓީ ޝޯ "އިންޑިއަން އައިޑަލް"ގެ 13 ވަނަ ސީޒަން ފަށައިގެން މިހާރު ކުރިއަށްދާއިރު ތިއޭޓާ ރައުންޑަށްފަހު ޓޮޕް 15 އަށް ދިޔަ ލަވަކިޔުންތެރިން މިހާރު ވަނީ ހޮވާފަ އެވެ.
ޓޮޕް 15 ގައި ހިމެނުނު ގިނަ ލަވަކިޔުންތެރިންނަކީ މި ޝޯގެ ފޭނުން ހިތްހަމަޖެހޭ ބަޔަކަށް ވީނަމަވެސް އެއް ލަވަކިޔުންތެރިއަކު ނުހޮވިގެން ފޭނުން ވަރަށް ރުޅިގަދަ ވެގެން އެބަ އުޅެ އެވެ. އެއީ ރީތޯ ރާބާ އެވެ.
އިންޑިއާގެ އަރުނަޗަލް ޕްރަދޭޝް އަށް ނިސްބަތްވާ ރީތޯގެ ލަވަ ކިޔުމުގެ ސްޓައިލް ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ އެވެ. ނަމަވެސް ޖަޖުން ޓޮޕް 15 ހޮވިއިރު ރީތޯ ކަޓުވާލީ އެވެ.
ރީތޯ ނުހޮވޭކަން އެނގުމާއެކު ސޯޝަލް މީޑިއާގައި މީހުންތައް ރުޅިގަދަކޮށް އިންޑިއަން އައިޑަލް ބޮއިކޮޓްކުރަން މިހާރު ދަނީ ގޮވަމުންނެވެ. އަދި ރީތޯ ކަހަލަ ޔުނީކް އަދި ފްރެޝް އަޑެއްގެ ވެރިޔަކު ކަޓުވާލުމުން "އިންޑިއަން އައިޑަލް"އަކީ ސްކްރިޕްޓްކޮށްފައިވާ ފޭކް ޝޯ އެއްކަން ޔަގީންވެއްޖެ ކަމަށް ވެސް މިކަމާ ރުޅީއައިސްގެން އުޅޭ މީހުން ބުނަމުން އެބަދެ އެވެ.
މި ޝޯގެ އެއް ޖަޖު ކަމަށްވާ ލަވަކިޔުންތެރިޔާ ނެހާ ކައްކަރް އަށް ވެސް ގިނަ ބަޔަކު ވަނީ މަލާމާތްކޮށްފަ އެވެ.
ނެހާ ލަވަ ކިޔަނީ އޮޓޯޓީއުން ކޮށްގެން ކަމަށާއި އެގޮތަށް ލަވަ ކިޔާ މީހަކު ހޮވާ ލަވަކިޔުންތެރިންގެ ފެންވަރު ވެސް ހުންނާނީ އޮޓޯޓިއުން ކޮށްގެން ކިޔޭ ވަރަށް ކަމަށް ނެހާ ދެކެ ރުޅިގަދަވެފައި ތިބި މީހުން ކޮށްފައިވާ ބައެއް ޓުވީޓުތަކުގައި ބުނެފައި ވެއެވެ.
އިންޑިއަން އައިޑަލްގެ ކޮންމެ ސީޒަނެއްގައި ވެސް ޝޯގެ ފޭނުން ހިތްހަމަނުޖެހޭ ގިނަ ކަންތައްތަކެއް ހިނގާކަން ފާހަގަކުރެވެ އެވެ. އެގޮތުން މިދިޔަ އަހަރުގެ ޝޯގައި ގިނަ ބަޔަކު އެންމެ ރުޅިގަދަވީ ޝޯގެ ހޯސްޓް އަދިތުޔާ ނާރަޔަން އާއި ޖަޖް ނެހާ އަޅުވާ ކިޔާ ކުޅުނު ޑްރާމާއިންނެވެ. އަދި ހަމަ އެ ސީޒަނުގެ ދެ ބައިވެރިން ކަމަށްވާ ޕަވަންދީޕް ރާޖަން އާއި އަރުނީތާ ކާންޖީލާލްގެ ލޯބީގެ ވާހަކައަކީ ވެސް ޝޯ ބަލާ މީހުން އިތުރުކުރަން ޖެއްސި ސްޓަންޓެއް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރި އެވެ.
ފޭނުންގެ ޑިމާންޑާ އެއްގޮތަށް އިންޑިއަން އައިޑަލް 13 އިން ރީތޯ އަށް ފުރުސަތު ލިބޭނެކަމުގެ ޔަގީންކަމެއް އަދި ޝޯ އުފައްދާ ފަރާތަކުން ނުދެ އެވެ. ނަމަވެސް ވައިލްޑް ކާޑްގެ ޒަރިއްޔާއިން ރީތޯ އަށް ޝޯގައި ވާދަކުރުމުގެ އިތުރު ފުރުސަތެއް ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.