ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީސްތަކުން، ދީނެއްގެ ގޮތުގައި ނުވަތަ ޢަޤީދާއެއްގެ ގޮތުގައި ޤަބޫލު ކުރާ އެއްވެސް ފަލްސަފާއެއް ނުވަތަ ދިރިއުޅުމުގެ ވައްޓަފާޅިއެއްގައިވެސް ނެތް މިންވަރަށް، މާތްވެގެންވާ އިސްލާމް ދީނުގައި ސާފުތާހިރު ކަމަށް ބާރުއަޅުއްވަ އެވެ. ސާފުތާހިރު ކަމަކީ އީމާންކަމުގެ އެއްބައިކަމުގައި ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ޙަދީޘްކުރައްވާފައިވެ އެވެ. އަދި ޠާހިރުވާ މީހުން ދެކެ މާތް ﷲ ލޯބިވެވޮޑިގެންވާކަމުގައި ކީރިތި ޤުރްއާނުގައި ވަނީ ވަޙީކުރައްވާފަ އެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެ އެވެ. (إِنَّ اللّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ) (البقرة : 222 ) މާނައީ: "ހަމަކަށަވަރުން، ގިނަގިނައިން ތައުބާވާ މީހުން ދެކެ ﷲ ލޯބިވެ ވޮޑިގެންވެ އެވެ. އަދި ގިނަގިނައިން ޠާހިރުވާ މީހުން ދެކެވެސް އެކަލާނގެ ލޯބިވެވޮޑިގެންވެ އެވެ."
ޣައިރު ދީންތަކުގެ އަހުލުވެރީންގެ ތެރޭގައި، އެމީހުން ޤަބޫލުކުރާ ދީނުގައި ހިމެނޭ ކަމެއްގެ ގޮތުގައި، ގައިން ތާހިރުވުމާއި ފެންވެރުން ފަދަ ކަންކަމުން އެއްކިބާވެގެން އުޅޭ ފާދިރީންނާއި ޕީރުންނާއި ޕަންޑިތުން އުޅެ އެވެ. މިފަދަ އެތައް ބަޔަކު އަޅުގަނޑުމެންގެ އަވަށްޓެރި ގައުމުތަކުގައިވެސް އުޅެ އެވެ. މިއާ ޚިލާފަށް މާތްވެގެންވާ އިސްލާމް ދީނުގައި، ތިމާގެ ހަށިގަނޑާއި ފޭރާމުގެ ސާފުތާހިރު ކަމަށް ނުހަނު ބާރު އަޅުއްވަ އެވެ. އެގޮތުން ރެޔާ ދުވާލު ކުރެވޭ ފަރުޟު ފަސްނަމާދަށްޓަކައި ވުޟޫ ކުރުމާއި، ވުޟޫކުރާ ކޮންމެ ފަހަރަކު ދަތް އުނގުޅުމަށް ދީނުގައި ބާރުއަޅުއްވާފައިވުމާއި، ޖުނުބުވެރީންނާއި ޙައިޟު ނިފާސްވެރީން ހިނައިގަންނަން ޖެހުމަކީ މިކަމުގެ އަލިގަދަ ހެއްކެކެވެ.
މި ފެށުނު ޖޫން މަހާ އެކުގައި އަޅުގަނޑުމެންގެ މުޖުތަމަޢުގައި އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ ގޭބިސީތަކުން އުކާލާ ކުނީގެ ބާވަތްތަކަށް ބަލައި ކުނި ވަކިކުރުމަށްފަހު އުކާލުމުގެ ވާހަކަ އެވެ. އެކަމަކީ ވަރަށް ގިނަ ބަޔަކަށް ތަކުލީފެއް ކަމުގައި ވެއްޖެ ކަމުގައިވެސް ދެކެވޭ ވާހަކަތަކުން ހީވެ އެވެ. އަދި މިފަދަ ގައިވާއިދެއްގެ ބޭނުމަކީ ކޮބައިތޯވެސް ބަޔަކު މީހުން ސުވާލު އުފައްދަ އެވެ. މިއާއެކު، މާލޭގެ ބައެއް މަގުތަކުގެ މަތީގައި، ކުނި ކޮތަޅުތައް ފުނިޖެހިފައި ހުރި މަންޒަރުވެސް ފެނިގެންދެ އެވެ.
މާތްވެގެންވާ އިސްލާމް ދީނަކީ ސާފުތާހިރުކަމަށް ބާރުއަޅާ ދީން ކަމުގައިވުމާއެކު، ތިމާގެ ހަށިގަނޑާއި ފޭރާމާއި، ދިރިއުޅޭ ވެށިވެސް ތާހިރުކޮށް ބޭއްވުމަކީ ދީނުގެ ތެރެއިން ހިމެނޭ ކަމެކެވެ. އެއާއެކު، އަޅުގަނޑުމެންގެ މި ނާޒުކު ތިމާވެއްޓަށް ރައްކާތެރިވުމަކީ މުޖުތަމަޢުގެ ހުރިހާ ފަރުދުންގެ ބޮލުގައި އެޅިފައިވާ ޒިންމާ އެކެވެ. ޚާއްޞަކޮށް މިރާއްޖޭގެ ކުދި ރަށްތައް ގޮޑުވެ، ކުނި ޖަމާވުމަކީ، ޢާއްމު ޞިއްޙަތަށް ގެއްލުންދޭ ބަލިތައް ގިނަވުމުގެ ސަބަބެއްކަމުގައިވެސް ވެގެންދެ އެވެ. މަދިރި ގިނަވުމާއި، ރޯގާ ފެތުރުން ފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައިވެސް، ރަށުތެރެ ސާފުކޮށް ބެލެހެއްޓުން މުހިންމެވެ.
މިޔާއެކުގައި ފާހަގަކޮށްލަންޖެހޭ މުހިންމު ނުކުތާއެއް އެބައޮތެވެ. އެއީ މީހުން ހިނގާބިނގެވެ އުޅޭ މަގުތަކަށް ކުނި އެޅުމާއި ނަޖިސް ކުރުމަކީ ދީނުގައި މަނާކުރައްވާފައިވާ ކަމެކެވެ.
ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. «اتَّقُوا اللَّعَّانَيْنِ» قَالُوا: وَمَا اللَّعَّانَانِ يَا رَسُولَ اللهِ؟ قَالَ: «الَّذِي يَتَخَلَّى فِي طَرِيقِ النَّاسِ، أَوْ فِي ظِلِّهِمْ» رواه مسلم މާނައީ: "ލަޢްނަތް ލެއްވިގެންވާ ދެކަމަކުން ތިޔަބައިމީހުން ރައްކައުތެރިވާށެވެ!" ޞަޙާބީން ދެންނެވިއެވެ. "އެއީ ކޮން ދެ ކަމެއްތޯ އެވެ؟" ޙަދީޘް ކުރެއްވި އެވެ. "މީސްތަކުން ހިނގާބިނގާވެ އުޅޭ މަގުތަކަށާއި، މީހުން މަޑުކޮށްލައި އުޅޭ ހިޔާގަނޑުގަނޑަށް ފާޚާނާ ކުރުމެވެ."
މީސްތަކުން ދަތުރުކޮށް އުޅޭ މަގުތައް ނަޖިސްކުރުމަކީ ލަޢްނަތް ލައްވާފައިވާ ކަމެއްކަން މި ޙަދީޘުން އެނގެ އެވެ. ލަޢްނަތް ލެއްވުމަކީ މާތް ﷲގެ ރަޙުމަތުން ބޭރުކުރެއްވުމެވެ. އެފަދަ މީހަކަށް ހުރި ކޯފާއާއި އަބާއްޖަވެރިކަން މިޙަދީޘުން އަންގައިދެ އެވެ. މިއާއެކު، ހިނގާބިނގާވެ އުޅޭ މަގުތަކުގެ މަތީގައި ހުންނަ، މީސްތަކުންނަށް އުނދަގޫވާ ފަދަ ކަންކަން ރަނގަޅު ކުރުމާއި، އެ އުނދަގޫ ފިލުވައިލުމަށް އެހީތެރިވުމަކީ އީމާންކަމުގެ ތެރެއިން ހިމެނޭ ކަމެއް ކަމުގައިވެސް ވަނީ ޙަދީޘް ކުރައްވާފަ އެވެ.
ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. «الإيمَانُ بِضْعٌ وَسَبْعُونَ أَوْ بِضْعٌ وَسِتُّونَ شُعْبَةً: فَأفْضَلُهَا قَوْلُ: لاَ إلهَ إِلاَّ الله، وَأدْنَاهَا إمَاطَةُ الأَذَى عَنِ الطَّرِيقِ، وَالحَيَاءُ شُعْبَةٌ مِنَ الإيمَانِ». متفقٌ عَلَيْهِ. މާނައީ: "އީމާންކަން ބެހިގެންވަނީ، ހަތްދިހަ އެތަކެއް، ނުވަތަ ފަސްދޮޅަސް އެތަކެއް ބަޔަށެވެ. އޭގެ ތެރެއިން އެންމެ މަތީ ދަރަޖައަކީ، لا إله إلا الله ކިޔުމެވެ. އަދި އޭގެ ތެރެއިން އެންމެ ދަށު ދަރަޖައަކީ، މީސްތަކުންނަށް އުނދަގޫވާ ގޮތަށް މަގުމަތީގައި ހުންނަ ތަކެތި އެއްފަރާތް ކޮށްލުމެވެ. އަދި ލަދުވެތިކަމަކީ، އީމާންކަމުގެ ބައިތަކުގެ ތެރެއިން ބައެކެވެ."
މިބަސްފުޅާއި މިނޫންވެސް ބަސްފުޅުތަކުން އެނގިގެން ދަނީ، އިސްލާމް ދީނުގައި ސާފުތާހިރު ކަމަށް ބާރުއަޅާ މިންވަރެވެ. އަދި ތިމާވެށި ތާހިރުކޮށް ބޭއްވުމަށް ދީނުގައި އަހަންމިއްޔަތު ދެއްވާފައިވާ މިންވަރެވެ. މީސްތަކުން ދިރިއުޅޭ ތަންތަނާއި، އާންމުކޮށް މީހުން ބޭނުންކުރާ މަގުތަށް ސާފުކޮށް ބޭއްވުމާއި، އެތަންތާނގައި ހުންނަ ކުނި ނައްތާލުމަކީ އިމާންކަމާއި ގުޅިފައިވާ ކަމެއްކަންވެސް މިބަސްފުޅުން އެނގެ އެވެ. ވީމާ، އަޅުގަނޑުމެންގެ ހަށިގަނޑާއި ފޭރާން ތާހިރުކޮށް ބަހައްޓާ ފަދައިން، ވަށައިގެންވާ މާހައުލުވެސް ތާހިރުކޮށް ބޭއްވުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެކެވެ.