މުޖްތަމައު ބިނާވަނީ ކުދިކުދި އާއިލާތަކަކުން ކަމުގައި ވީހިނދު އާއިލާއެއްގެ ބިންގާ އެޅުމުގެ ކުރީން ވިސްނަން ޖެހޭ އެންމެ ފުރަތަމަ ކަމަކީ ޖަވާޒީ ހަޔާތުގެ ބައިވެރިއަކަށް ދީންވެރި ހުލްގުހެޔޮ މީހަކު އިހުތިޔާރު ކުރުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
"ހަރުދަނާ އާއިލާ އެއް ބިނާ ކުރުން" މި މައުލޫއަށް މިއަދު އިއްވި ހުކުރު ހުތުބާގައި ބުނެފައިވަނީ އަންހެނުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ އޭނާއަށް ބަލާލާ ހިނދު އުފާވެރިކަން ގެނުވާ އަދި އަމުރެއް ކޮށްފިނަމަ ކިޔަމަންވާ އަދި ފިރިމީހާ ނެތް ތަނުގައި އޭނާއަށްޓަކައި އިއްފަތްތެރިވެ ފިރިމީހާގެ މުދަލަށް ރައްކާތެރިވި އަންހެނާ ކަމަށް މާތް ނަބިއްޔާ އަންގަވާފައިވާ ކަމަށެވެ.
"ދުނިޔެއަކީ މުދާވެރި ކަމެކެވެ. ދުނިޔޭގައިވާ އެންމެ އަގުހުރި މުދަލަކީ އަންހެނާ އެވެ،" މާތް ނަބިއްޔާގެ ހަދީސްގައިވާ ކަމަށް ހުތުބާގައި ބުނެފަައިވެއެވެ.
ހުތުބާގައި ބުނެފައިވަނީ ރަނގަޅު އާއިލާއެއް ބިނާކުރަން އެދޭނަމަ ކައިވެނި ކުރަން ރަނގަޅު ބައިވެރިއަކު އިހުތިޔާރު ކުރަން ޖެހޭ ކަމަށެވެ. އަދި އިހުތިޔާރު ކުރެވޭ އަންހެން މީހާގެ ކިބާގައި ރަނގަޅު ސިފަތަކެއް ހުންނަން ޖެހޭ ފަދައިން ފިރިހެން މީހާގެ ކިބާގައިވެސް ރަނގަޅު ސިފަތަކެއް ހުނަން ޖެހޭ ކަމަށެވެ. އެގޮތުން ދީންވެރި ކަމާއި އޯގާތެރިކަމާއި ހުލްގު ހެޔޮ މީހަކު ހަޔާތަށް ގެނެސްފިނަމަ އެ މީހަކަށް ހިތްހަމަޖެހުމާއި ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ ކަމަށެވެ.
"ކައިވެނިކުރާއިރު އަންހެނާގެ ކިބައިގައިވާ ހަތަރު ކަމަށް ބަލައި އުޅެ އެވެ. އޭނާގެ ފައިސާވެރި ކަމަށާއި ހަސަބާއި ނަސަބަށާއި ރީތި ކަމަށާ ދީންވެރި ކަމަށެވެ. މީގެ ތެރެއިން ތިބާ ދީންވެރިކަމުގެ ސިފައަށް އިސްކަން ދޭށެވެ. އޭރުން ހުރިހާ ކާމިޔާބެއް ހާސިލުވީއެވެ،" މާތް ނަބިއްޔާގެ ހަދީސްގައިވާ ކަމަށް ހުތުބާގައި ބުނެފަައިވެއެވެ.
މީގެ އިތުރުން އެމީހެއްގެ ދަރިއަކާ ކައިވެރިކުރަަން ދީންވެރި އަހުލާގު ރަނގަޅު މީހަކު އެދިއްޖެނަމަ އެކަން ކޮށްދިނުމަށް އިސްލާްދީން ވަރަށް ބޮޑަށް ބާރުއަޅާ ކަމަށްވެސް މިއަދުގެ ހުކުރު ހުތުބާގައި ބުނެފަައިވެއެވެ.