މިނިސްޓްރީ އޮފް އެޑިއުކޭޝަން

ރާއްޖޭގެ ތިން ސްކޫލަކަށް އިންޑިއާގެ އެހީ

Jun 3, 2022
1

ރާއްޖޭގެ ތިން ސްކޫލަކަށް 4.6 މިލިއަން ރުފިޔާގެ އެހީ އިންޑިއާ ސަރުކާރުން ހަމަޖައްސައިދީފި އެވެ.

އެހީ ދީފައިވަނީ ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ތައުލީމީ މަރުކަޒާއި ލ. ގަމުގައި ހުންނަ އިހައްދޫ ސްކޫލުގެ އިތުރުން ގދ. ތިނަދޫގައި ހުންނަ އަބޫބަކުރު ސްކޫލުގައި ހިންގާ އިންކްލޫސިވް އެޑިޔުކޭޝަން ސަޕޯޓް ޔުނިޓްތައް ހަރުދަނާ ކުރުމަށެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިންކްލޫސިވް އެޑިޔުކޭޝަން ސަޕޯޓް ޔުނިޓްތަކަށް ބޭނުންވާ އިންފްރަސްޓްރަކްޗާ ތަރައްގީކުރުމަށާއި، ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދިނުމަށާއި، އިންސާނީ ވަސީލަތްތައް ހޯދުމުގެ އިތުރުން އުނގަންނައިދިނުމާއި ކިޔަވައި ދިނުމަށް ބޭނުންވާ ތަކެތިވެސް ފޯރުކޮށްދޭނެ ކަމަށެވެ.

މިވެރިކަމުގައި ތައުލީމީ ދާއިރާއަށް އިންޑިއާއިން ދީފައިވާ އެހީތައް

  • ފެހެންދޫގެ ދަރިވަރުން ގޮއިދޫއަށް ދިއުމަށް ސްޕީޑް ފެރީއެއް ހަދިޔާކުރުން
  • ފުވައްމުލަކާއި ކުޅުދުއްފުށީގައި އީއެސް ސަޕޯޓް ޔުނިޓްތައް ހަރުދަނާކުރުން
  • 67 ރަށެއްގައި ކުޑަކުދިންގެ ޕާކަށް ބޭނުންވާ ސާމާނު ހަދިޔާކުރުން
  • ނ. ޅޮއްސާއި ރ. ކިނޮޅަހުގައި ކްލާސްރޫމްތަކެއް އެޅުން
  • ފިޔަވަތި މަރާމާތުކުރުން

ބަޔާނުގައި އިތުރަށް ބުނެފައިވަނީ އިންޑިއާގެ 260 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި 45 އަށް ވުރެ ގިނަ އިޖުތިމާއީ މަޝްރޫއުތައް ހިންގަމުންދާ ކަމަށެވެ. މީގެތެރެއިން 20 އަށް މަޝްރޫއު ނިންމާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމާ އިބްރާހީމް މުހައްމަދު ސޯލިހް ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާ އާއި ދިވެހި ސަރުކާރާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވެ އެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ދިވެހި ސަރުކާރުން އިންޑިއާއާ އެކު ގުޅުން ބަދަހިކުރަމުން ދަނީ ރާއްޖޭގެ މިނިވަންކަމަށް އަސަރު ކުރާ ގޮތަށެވެ. ނަމަވެސް އެ ތުހުމަތުތައް ސަރުކާރުން ދޮގުކުރެ އެވެ.