އަހުމަދު އުޝާމް

ޑްރަގް ބޮޑުން ދޫކޮށްލި މައްސަލަ މަޖިލީހަށް

ރާއްޖެއަށް 42 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުން ހައްޔަރުކުރުމުގައި ފުލުހުން ހަދާފައިވާ ގޯސްތަކަކާ ގުޅިގެން އެ ދެ މީހުންގެ މައްޗަށް ދައުވާނުކުރަން ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ނިންމެވުމުން އެ މައްސަލާގައި އަމަލު ކުރި ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީއަށް ހުށައެޅުމަށް ނިންމައިފި އެވެ. މަޖިލީހަށް މައްސަލަ ހުށައަޅުއްވާނެ ކަމަަށް ވިދާޅުވީ ވިލިމާލެ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ނާއިބު ރައީސް އަހުމަދު އުޝާމެވެ.

މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އިދިކޮޅު ޕީއެންސީގެ ކުރީގެ ކައުންސިލް މެންބަރު ކ. މާލެ، ދަފްތަރު އަހްމަދު ހުސައިނާއި މއ. ނޫރުއް، އަބްދުﷲ ނަޝީދު އެވެ.

މި ދެ މީހުންނަށް ތުހުމަތުކުރެވޭ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ޑައިމޯފިން، މ. ލަވްނެސްޓް ގޭގެ ތަޅުންގަނޑު އަޑީގައި ރައްކާކޮށްފައި ހުއްޓާ ފުލުހުން އެތަކެތި އަތުލައިގަތީ މިދިޔަ މާޗް މަހުގެ 24 ވަނަ ދުވަހު އެވެ.
މި ދެ މީހުންގެ މައްޗަށް ދައުވާ ނުކުރަން ޕީޖީ ނިންމެވީ މައިގަނޑު ތިން ސަބަބަކާ ގުޅިގެންނެވެ.

އެގޮތުން ޕީޖީ އޮފީހުން ބުނީ މ. ލަވްނެސްޓްގެ ބަލައި ފާސްކުރުމަށް ކޯޓު އަމުރަކަށް އެދި ހުށަހެޅުމަށް އެކަށީގެންވާ ވަގުތާއި ފުރުސަތު ފުލުހުންނަށް ލިބި، އެގެ ބަލައި ފާސްކޮށްފައިވަނީ ކޯޓު އަމުރަކާ ނުލައި ކަމަށެވެ. ގޭގެ ވެރިފަރާތަކީ ކާކުކަން ފުލުހުންނަށް އެނގޭއިރު އެގެ ބަލައި ފާސްކުރުުގެ ހުއްދަ ފުލުހުން ހޯދީވެސް އެހެން މީހަކު އަތުންނެވެ. މަސްތުވާތަކެތި ފެނުނު ގެއަށް ފުލުހުން ވަދެ ބަލައި ފާސްކޮށްފައިވަނީ ގާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) އާއި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 149 ވަނަ މާއްދާއާ ޚިލާފަށް ކަމުގައިވުމަކީ ދައުވާ ނުކުރަން ނިންމި ފުރަތަމަ ސަބަބެވެ. ގާނޫނުއަސާސީގެ 47 ވަނަ މާއްދާ އަކީ ކޯޓު އަމުރު ހޯދައިގެން ނޫނީ ތަންތަން ބަލައި ފާސްނުކުރެވޭނެ ކަމަށް ބުނާ މާއްދާ އެވެ.

މައްސަލައިގެ ސީންގައި ކަންވީގޮތާ މެދު ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަންވެސް ފާހަގަވާ ކަމަށާއި ތުހުމަތުކުރެވޭ ދެ މީހުންގެ މައްޗަށް ދައުވާ ނުކުރަން ނިންމި ދެވަނަ ސަބަބަކީ އެއީ ކަމުގައިވެސް ޕީޖީ އޮފީހުން މައުލޫމާތުދެ އެވެ. ނަމަވެސް ސުވާލު އުފެދޭ ކަންކަމަކީ ކޮބައިކަމެއް ބުނެފައެއް ނުވެ އެވެ.

ޕީޖީ އޮފީހުން ބުނީ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރިއިރު އެ ތަންތަނުގައި ހުރި، ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ކަމަށް ފެންނަ ބައެއް ތަކެތި ތަހުގީގަށް ނަގައި، ތަހުލީލު ކޮށްފައިވާކަން ވެސް ހުށަހެޅި ލިޔުންތަކުން އެނގެން ނެތް ކަމަށެވެ. މައްސަލައިގައި ހޯދިދާނެ ކަމަށް ފެންނަ މުހިއްމު ހެކިތަކެއް ހޯދިފައި ނުވާތީ މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާއި ފެނުނު މަސްތުވާތަކެއްޗާ ގުޅުވައިދެވޭ މިންވަރަށް ހެއްކާއި ގަރީނާ ހޯދިފައި ނުވުމަކީ ވެސް ދައުވާ ނުކުރަން ނިންމި ސަބަބެއް ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ނާއިބު ރައީސް އަހުމަދު އުޝާމް ވިދާޅުވީ މިމައްސަލާގަ ފުލުހުންގެ މައްޗަށް ޕްރޮސެކިއުޓަރު ޖެނެރަލް ކުރާ ތުހުމަތުތަކަކީ ސީރިއަސް ތުހުމަތުތަކެއް ކަމަަށެވެ. އަދި ގާނޫނު ތަންފީޒުކުރަން ތިބޭ މީހުންގެ އިހްލާސްތެރިކަމެއް ނެތިއްޔާ ޑްރަގްގެ މިފަދަ ބޮޑެތި މައްސަލަތަކަށް ހައްލެއް ނެތް ކަމަަށް ވިދާޅުވިއެވެ. އުޝާމް ވިދާޅުވީ މި މައްސަލާގައި ފުލުހުން އަމަލު ކުރި ގޮތް އިތުރަށް ބެލުމަށް 241 ކޮމިޓީއަށް ހުށަހަޅުއްވާނެ ކަމަށެވެ.

ފުލުހުން ތުހުމަތުކުރާ ގޮތުގައި 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ އިސް މީހަކީ އަހްމަދު ހުސައިން އެވެ. އޭނާ އަކީ ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު ޕީއެންސީގެ ޓިކެޓްގައި އަލިފުށި ދާއިރާ އަށް ވާދަކުރެއްވި ކެންޑިޑޭޓެކެވެ.

ނަޝީދަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި 2006 ވަނަ އަހަރު އުމުރަށް ޖަލަށްލާފައިވާ މީހެކެވެ.

މަސްތުވާތެކެތީގެ ގާނޫނު ބުނާ ގޮތުން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން 10 ގްރާމަށް ވުރެ ދަށުން މަސްތުވާތަކެތި ގެންގުޅެގެން ހުކުމް ކޮށްފައިވާ މީހުންނާއި، މަނާ ބޭސް ބޭނުންކުރުމުގެ ކުށުގައި ހުކުމް ކޮށްފައިވާ މީހެއް ނަމަ އެފަދަ މީހުންނަށް ކޮށްފައިވާ އެންމެ ދިގު ހުކުމުގެ ތިންބައިކުޅަ އެއްބައި ތަންފީޒުކުރުމުން ޕެރޯލް ލިބޭނެ އެވެ. ފުލުހުން ބުނާ ގޮތުން ނަޝީދު މުޖުތަމައަށް ދޫވެފައި ހުރީ އެ އުސޫލުންނެވެ.

ސާޅީސް ދެ ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުން ހައްޔަރުކުރުމުގައި ފުލުހުން ހަދާފައިވާ ގޯސްތަކަކާ ގުޅިގެން އެ ދެ މީހުންގެ މައްޗަށް ދައުވާނުކުރަން ޕީޖީ ނިންމެވި މައްސަލައިގައި ފުލުހުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.