ބޮލީވުޑް

އާމިރުގެ މަންމަގެ ރޯލު މޯނާ ސިންގް ކުޅޭތީ ފޭނުން ރުޅިގަދަވެއްޖެ

އާމިރު ޚާންގެ އާ ފިލްމު "ލާލް ސިންގް ޗައްޑާ" ގެ ޓްރެއިލާ ރިލީޒް ކުރުމާއެކު ބެލުންތެރިންގެ ރުޅި އާއި މަލާމާތް އާމިރަށް ރައްދުވެއްޖެ އެވެ. ޓްރެއިލާ ބެލި ބައެއް މީހުން ކޮށްފައިވާ ކޮމެންޓުތަކުގައި ބުނެފައިވަނީ މީގެ ހޮލީވުޑް ފިލްމު "ފޮރެސްޓް ގަމްޕް" ގައި ޓޮމް ހޭންކްސް އެކްޓްކޮށްފައިވާ ގޮތް އާމިރު ކޮޕީ ކޮށްފައިވާ ކަމަށެވެ.


މިކަމާ ބޮޑު ބަހުސެއް ސޯޝަލް މީޑިއާގައި ކުރަމުން ދަނިކޮށް އަނެއްކާވެސް މި ޓްރެއިލާ އިން އެހެން ކަމެއް ފޭނުން ވަނީ ފާހަގަ ކޮށްފަ އެވެ. އެއީ އާމިރަށް ވުރެ އެތައް އަހަރެއް ހަގު މޯނާ ސިންގް ލައްވާ އޭނާގެ މަންމަގެ ރޯލު ކުޅުވާފައި ވުމެވެ.

އުމުރުން 41 އަހަރުގެ މޯނާ ލައްވާ 57 އަހަރުގެ އާމިރުގެ މަންމަގެ ރޯލު ކުޅުވާފައިވާތީ ގިނަ ބަޔަކު ވަރަށް ރުޅިގަދަ ވެގެން ތަފާތު ކޮމެންޓުތައް ކޮށްފައި ވެއެވެ.

ގިނަ ބަޔަކު ފާހަގަ ކުރި ގޮތުގައި ބޮލީވުޑް ފިރިހެން އެކްޓަރުން އުޅެނީ މާ ޅަ މީހުންނަށް ހެދެން ވެގެންނެވެ. އެގޮތުން އެ މީހުންނަށް ވުރެ މާ ހަގު މީހުން ލައްވާ މަންމަ ބައި ކުޅުވުމާއި ދަރިން ވަރުގެ ހަގު ބަތަލާއިންނާއެކު ލޯބީގެ ރޯލުތައް ކުޅޭކަމުގެ ތުހުމަތު ބެލުންތެރިން ކޮށްފައި ވެއެވެ.

"ކީއްވެތަ އުމުރާ ގުޅޭ މީހުން އެ ރޯލުތަކަށް ނުލަނީ. ކޮންމެހެން މާ ހަގު މީހަކު ގަދަޔަށް މޭކަޕްކޮށް މުސްކުޅި ސިފަ ޖައްސައިގެން އެ ރޯލަށް ލާން ޖެހޭތަ،" ކޮމެންޓުކުރި މީހަކު ސުވާލުކޮށްފައި ވެއެވެ.

ދެ ވަނަ މީހަކު ބުނީ އާމިރުގެ ޅައިރުގެ ރޯލު އޭނާ އަމިއްލައަށް ކުޅުމުގެ ބަދަލުގައި އެ ރޯލު ޒުވާން އެކްޓަރަކު ލައްވާ ކުޅުވިނަމަ މާ ރަނގަޅުވީސް ކަމަށެވެ.

އާމިރުގެ "ތުރީ އިޑިއަޓް" ގައި ވެސް މޯނާ ބައިވެރިވެފައި ވެއެވެ. އަދި އެ ފިލްމު ކުޅުނު ދުވަސްވަރުން ފެށިގެން އާމިރު އާއި މޯނާގެ މެދުގައި ގާތް އެކުވެރިކަމެއް އޮވެ އެވެ.

ހިންދީ ސިލްސިލާތައް ބަލާ މީހުންގެ މެދުގައި މޯނާ މަގްބޫލުވީ ސޮނީ ޓީވީން މީގެ 16 ވަރަކަށް އަހަރު ކުރިން ދެއްކި "ޖައްސީ ޖޭސީ ކޯއީ ނެހީ"ގައި އޭނާ ކުޅުނު ޖައްސީ ކިޔާ ސިފަ ހުތުރު އަންހެންކުއްޖެއްގެ ރޯލުންނެވެ.