ލައިފްސްޓައިލް

ދެ އަންހެން ދަރިން ވިހެއުމުން ގެއިން ބޭރުކޮށްފި

ފިރިހެން ދަރިއަކު ނުވިހައިގެން އިންޑިޔާ އަންހެނަކަށް އޭނާގެ ފިރިމީހާ އާއި މައިދައިތަ އަދި އާއިލާގެ ބައެއް މީހުން ވަރަށް އަނިޔާކޮށް ގޭން ބޭޜުކޮށްފި އެވެ. އުއްތަރު ޕްރަދޭޝްގެ މަހޯބާގައި ހިނގި މި ހާދިސާގައި މި މީހުން އަންހެންމީހާ އަށް އަނިޔާކުރީ މަގުމަތީގައި ނަމަވެސް އެ މަންޒަރު ބަލަން ތިބި އެއްވެސް މީހަކު އަންހެންމީހާ ސަލާމަތްކުރަން އެހިތެރި ވެފައި ނެތްކަން މި މަންޒަރު ފެންނަ ވީޑީއޯ އަކުން ވަނީ ހާމަ ވެފަ އެވެ.

ކުސުމާ ނަމަކަށް ކިޔާ މި އަންހެންމީހާ އަށް އަނިޔާކުރާ މަންޒަރުތަކުގެ ވީޑިއޯއެއް އިންޓަނެޓުގައި އިއްޔެ ދައުރުވެފައި ވެއެވެ. މި ވީޑިއޯއަކީ އެހިސާބުގަނޑުގައި ހުރި ސީސީޓީވީ ކެމެރާއަކުން ރެކޯޑް ކޮށްފައިވާ ވީޑިއޯ އެކެވެ.

އެ ސަރަހައްދުގެ ފުލުހުން ބުނި ގޮތުގައި ދަނޑިބުރިންނާއި އެނޫންވެސް އެއްޗެތިން އަންހެންމީހާ އަށް ވަރަށް އަނިޔާކުރުމަށްފަހު މަރުވާން ދޫކޮށްލާފައި އޭނާގެ ފިރިމީހާ އާއި ފިރިމީހާގެ އާއިލާގެ މީހުންތައް އެތަނުން ދިޔައީ އެވެ.

އުމުރުން 31 އަހަރުގެ މި އަންހެންމީހާގެ ދެ އަންހެންދަރިން ތިބެ އެވެ. ފުލުހުން ބުނި ގޮތުގައި އަންހެންމީހާ އަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު އޭނާގެ ހާލު ސީރިއަސް ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.

އަންހެންމީހާގެ އާއިލާގެ މީހުން ފުލުހުންނަށް ބަޔާން ދިން ގޮތުގައި ފުރަތަމަ ދަރިފުޅަށް ބަލިވެ އިނީއްސުރެ ވެސް ފިރިމީހާ އާއި މައިދައިތަގެ އަނިޔާތަކާ އަންހެންމީހާ އަށް ކުރިމަތިވަމުން ދިޔަ އެވެ. ފުރަތަމަ އަންހެން ދަރިއަކު ލިބުމުން އިތުރަށް އަނިޔާ ކުރަމުން ދަނިކޮށް ދެ ވަނަ ފަހަރަށް ވެސް އޭނާ އަށް ލިބުނީ އަންހެން ދަރިއެކެވެ. އެހެންވެ އަނިޔާކޮށް ގެއިން ބޭރަށް ނެރެލީ އެވެ.

އިންޑިއާއިން ކޮށްފައިވާ ބައެއް ދިރާސާތަކުން އެނގޭ ގޮތުގައި އަދިވެސް އެ ގައުމުގެ 80 ޕަސެންޓް މީހުން ބޭނުންވަނީ ފިރިހެން ދަރިންނެވެ. އެއީ ޚާއްސަކޮށް ބައްޕަ އެވެ. ބައްޕަގެ ނަސްލު ދަމަހައްޓާ ދަރިއަކީ އަދި މުސްކުޅިވާ ދުވަހު ބަލާނީ ފިރިހެން ދަރިން ކަމަށް ގަބޫލު ކުރެވޭތީ އެވެ. އަދި އަންހެން ދަރިންނަށް ބޮޑު ޚަރަދުކޮށް ކައިވެނިކޮށް ފިރިމީހާގެ ގެޔަށް ފޮނުވާލުމަށްފަހު އެ ދަރީގެ ފަރާތުން ގިނަ ފަހަރަށް އެއްވެސް އެހީތެރިކަމެއް ނުލިބޭތީ އެވެ.