ޕްލާސްޓިކްގެ ބައެއް ބާވަތްތައް ރާއްޖެއަށް އެތެރެކުރުން މަނާ ސިޔާސަތު ތަންފީޒުކުރަން ފަށާފައިވާތީ އަންނަ އަަހަރުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގެ މޫދާއި ގޮނޑުދޮށްތަކުން ޕްލާސްޓިކް ފެންނަ އަދަދު އެތައް ގުނައަކަށް މަދުވެގެންދާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ތިމާވެށި ދުވަސް ފާހަގަކުރުމަށް ފުވައްމުލަކުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ޝައުނާ ވިދާޅުވީ ރާއްޖެއަށް އެތެރެކުރުން މަނާ 13 ބާވަތެއްގެ ޕްލާސްޓިކް ކަނޑައަޅައި، އެ ސިޔާސަތު މިހާރު ސަރުކާރުން ތަންފީޒު ކުރަމުންދާ ކަމަށެވެ. އޭގެ ސަބަބުން ޕްލާސްޓިކްގެ ބާވަތްތައް ރާއްޖޭގެ މޫދާއި ގޮނޑުދޮށްތަކުން އަންނަ އަހަރުން ފެށިގެން ފެނުން މަދުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރާއްޖޭގެ ގޮނޑޮދޮށްތަކާއި ފަރުތަކަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ޕްލާސްޓިކް ކުނީގެ މައްސަލަ،" ޝައުނާ ވިދާޅުވި އެވެ.
ޕްލާސްޓިކްގެ މައްސަލަ ހައްލުކުރުމުގެ ސިޔާސަތު ސަރުކާރުން ތަންފީޒު ކުރަނީ މަރުހަލާތަކަކަށް ބަހާލައިގެން ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ސިޔާސަތު ތަންފީޒު ކުރެވުމުން 13 ބާވަތުގެ ޕްލާސްޓިކް ރާއްޖެއިން އެކީ އެކަށް ބޭނުންކުރުން ހުއްޓޭނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ތިމާވެށި ހަލާކުވާ ކަންކަން ހުއްޓުވަން މަސައްކަތް ކުރަންޖެހޭ ކަމަށާއި އެހެންނޫނީ ރާއްޖޭގެ ރައްކާތެރިކަމާއި ތަރައްގީއަށް ކުރިމަތިވާނެ މައްސަލަތައް ދުވަހުން ދުވަހަށް އިތުރުވެގެންދާނެ ކަމަށެވެ. ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުގެ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ފެންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.
މާލޭގައި މިމަހުން ފެށިގެން ކުނި ވަކިކޮށްގެން އުކާލަން ފެށީވެސް ކުނީގެ މައްސަލައަށް ހައްލު ހޯދުމަށް ކުރާ ކަމެއްގެ ގޮތުގައި ކަމަށްވެސް ޝައުނާ ވިދާޅުވި އެވެ. ކުނީގެ މައްސަަ ހައްލުކުރުމުގެ ގޮތުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތްތައް ހިނގަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
"ކުނީގެ މައްސަލަ ހައްލުކުރަން މިކުރާ މަސައްކަތުގެ ހެޔޮ އަސަރު ދިވެހިންގެ އިގްތިސާދާއި ދިރިއުޅުމަށްވެސް ކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ޝައުނާ އިތުރަށް ވިދާޅުވީ ކޮންމެ އަތޮޅެއްގައި ވެސް އެއް ރަށާއި އެއް ފަރާއި ކަނޑޫފާ ހިމާޔަތްކުރުމުގެ ސިޔާސަތެއް ކަނޑައަޅައި އެފަދަ 79 ތަނެއް ހިމާޔަތްކޮށް ރައްކާތެރިކޮށްފައިވާ ކަމަށެވެ. އަދި އެތަންތަން ވަކި ޕްލޭނެއްގެ ދަށުން ބަލަހައްޓަމުންދާ ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.