އޯޕެކް ގުރޫޕުން ތެޔޮ އުފައްދާ އަދަދު އިތުރުކުރާނެ ކަމަށް ވަނީ ބުނެފަ އެވެ. އެކަމަކު އެއީ މިއަދު ދުނިޔޭގައި އޮތް ހާލަތާ ގުޅުން ހުރި ކަމެއް ނޫން ކަމަށް އެ ގުރޫޕުން ބުނެ އެވެ.
ތެޔޮ އުފައްދާ ގައުމުތަކުން މާކެޓަށް ނެރޭ އަދަދު އިތުރުކުރަނީ ކޮވިޑާ ގުޅިގެން ތެޔޮ އުފެއްދުން މަދުކުރި އަދަދު އިއާދަކުރުމަށް ކަމަށް ވެސް ވަނީ ބުނެފަ އެވެ. މާކެޓަށް ތެޔޮ ނެރޭ ގައުމުތަކުގެ ތެރޭގައި ރަޝިއާ ވެސް ހިމެނޭނެ ކަމަށް އޯޕެކް ޖަމާއަތުން ބުނެ އެވެ.
ދުނިޔޭގައި ތެލުގެ އަގު ބޮޑުކަން ފާހަގަކޮށް އޯޕެކާއި ގުޅިގެން ތެޔޮ އުފައްދާ ގައުމުތަކުން ބުނީ ދުވާލަކު މާކެޓަށް ނެރޭ އަދަދު އިތުރުކުރުމުން އަގުތަކަށް ހެޔޮ ބަދަލު އަންނާނެ ކަމަށެވެ. އަދި ތެލުގެ އަގު ދަށްކުރެވެން ހުރި ގޮތްތަައް ބަަލައި އެ ގޮތުގައި ދަމަހައްޓާނެ ކަމަށެވެ.
އެމެރިކާ އާއި ޔޫރަޕް ގައުމުތަކުން ރަޝިއާގެ ތެޔޮ ބޭނުން ކުރުން ހުއްޓާލާއި އޯޕެކާ ދިމާއަށް އެނބުރު ނަމަވެސް އެތަން ފޫބެއްދުމަށް ޓަކައި ތެޔޮ އުފައްދާ އަދަދު އިތުރު ނުކުރާނެ ކަމަށް އޯޕެކުން ބުނެ އެވެ. އޯޕެކް ގައުމުތަކަށް އެއްބަސްވެވޭ އުސޫލަކުން ނޫން ގޮތަކަށް އަދަދު އިތުރު ނުކުރެވޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ތެލުގެ އަގަށް މިހާރު އައިސްގެން އުޅޭ ބަދަލަކީ އެމެރިކާ އާއި ޔޫރަޕުން ސިޔާސަތަށް ގެނައި ބަދަލު ގުޅިގެން ވެގެން އުޅޭ ކަމެކެވެ. އެ ގައުމުތަކުން ކުރިން ރައިޝާއިން ތެޔޮ ގަތް ގޮތަށް މަޝްރަހު އޮތް ނަމަ ތެލުގެ އަގު ބޮޑެއް ނުވާނެ އެވެ. އެއީ ތެޔޮ އަގުބޮޑުވުމަށް އެނޫން ހާލަތެއް މިވަގުތު ނެތުމުންނެވެ.
އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕްގެ ވިސްނުމަކީ ގަލްފު ގައުމުތަކާ މަޝްވަރާ ކޮށްގެން ތެޔޮ އުފައްދާ އަދަދު އިތުރުކުރުމެވެ. އަދި އެ ގައުމުތަކަށް ދެމެހެއްޓެނިިވި ގޮތުގައި ތެޔޮ ލިބޭނެ ގޮތް ހަމަޖެއްސުމެވެ.
އެހެން ނަމަވެސް، އެމެރިކާ އާއި ބައިވެރިންގެ ސިޔާސަތަށް ބަދަލުތަކެއް ނުގެނެސް، އެ ގައުމުތަކުން ބޭނުންވާހާ ކަމެއް ކުރެވޭނެ ކަމަކަށް ނުފެނެ އެވެ.
އެމެރިކާއަށް ދެން އޮތް ގޮތަކީ އިރާނާއި ވެނެޒުއެލާ ފަދަ ގައުމުތަކަށް ކޮންވެސް ވަރަކަށް ލުއިދިނުމަށް ފަހު ތެލުގެ ހާލަތު ބަދަލުކުރަން މަސައްކަތް ކުރުމެވެ.