( 2 ޖޫން 2022 އާ ގުޅޭ )
އިސާކުގެ ވިސްނުމުގައި ހުރީ އައިރިކްގެ އެކަނިވެރިކަން ކުޑަ ކުރުމެވެ. ދިރިއުޅުންދެކެ ވެފައި ހުރި ފޫހިކަން ބަދަލުކޮށްލުމެވެ. ޝަހާގެ ގޮތް އައިރިކްއަށް އެނގޭނެކަން އިސާކު ޤަބޫލުކުރަނީ ދަރިފުޅުގެ ލޮލުގެ ފެނުން ގެއްލުމުގެ މާކުރީން ވެސް އެ ދެ ކުދީން ބައްދަލުވެފައި ވާތީއެވެ.
ކާ ކޮޓަރިއަށް ވަދެގެން އައި ފިރިމީހާއާ ނަޒަރު ސީދާކޮށްލުމާއެކު ޝަބްނަމް ނިތް އަރުވާލީ ވާހަކައެއް އަހާލި ފަދައިންނެވެ. އިސާކު އައިސް ކާމޭޒުދޮށުގައި އިށީން ގޮތަށް ވާހަކަދެއްކިއެވެ.
"ނުބުނި އެއްވެސް އެއްޗެއް. އަހަރެންގެ ވާހަކަތައް ނުނިމެނީސް އޭނާ ހިނގައްޖެ. ހިޔެއްނުވޭ ދެން ސައިބޯނެ ހެން ވެސް. އަހަރެން ދެއްކި ވާހަކަ ކަމުނުދިޔައީ. އެކަމަކު އެގޮތަށް އޭނާ ދޫކޮށްލައިގެން ބަލަން އަހަރެމެން ތިބެންވީތަ. މިރޭ ޔޫނުސްއާއި ޝާހާ އައީމަ ރިކް ވެސް ބައިންދައިގެން ތާރީޚެއް ކަނޑައަޅާނަން." އިސާކު ބުންޏެވެ.
"މިވަގުތު އައިރިކްގެ ޠަބީޢަތް އެ ހުރިގޮތުން އަހަރެންގެ ހިތެއް ނުބުނޭ އޭނާ ކައިވެނި ކުރާން ވެސް ބޭނުމޭ." ޝަބްނަމްއަށް ބުނެވުނެވެ.
"ޝަހާއާ ނުގަބޫލެކޭ ވެސް ނުބުނޭ. އަހަރެމެން އެދޭ ގޮތަކަށް އެކަން ކުރާން އައިރިކް އެއްބަސްވެފައެއްނު އޮތީ." އިސާކު ބުންޏެވެ.
"އާން! ބުނި... އެކަމަކު އެއީ އޭނާ ރަނގަޅަށް ހުރިއިރު. އިހަށް އިސާކު ބަލާބަލަ އެކުއްޖާ ނަފްސާނީ މީހަކަށް ދެއްކޭތޯ. އޭނާ އެހާ ރުޅުގަދަވެގެން އެއުޅެނީ ކަމެއްނެތިފައި ހުންނަންވީމަ. އެހާ އަވަދިނެތި އުޅެފައި މިހާރު މުޅި ދުވަސް އެކުއްޖާ ވޭތުއެކުރަނީ ކޮޓަރީގެ ހަތަރުފާރުތެރޭ. ވިޔަފާރީގެ ކަންތައްތަކާ އައިރިކް ހަވާލުވީ ފަހުން އިސާކު އެއްވެސް ކަމެއްގައި އުޅޭކަށް ނުޖެހޭ. އައިތަން ފަހަތުލައިގެން ވެސް އުޅެނީ އޭނާ. އިސާކު އޭނާއަށް މަސައްކަތް ކުރާނޭ މަގެއް ހޯދައިދީ. އަލުން މަސައްކަތުގެ ތެރެއަށް އޭނާ ވައްދަންވީ. އޭރުން ކުރީގެ އައިރިކްއަށް އޭނާ ބަދަލުވާނެ. އަހަންނަށް ޔަގީން." ޝަބްނަމްގެ ހިތް ބުނަނީ އެފަދައިންނެވެ. ދަރިފުޅުގެ ކުރީގެ ދިރިއުޅުން ހޯދާދޭންވީއެވެ.
"މީހެއްގެ އެހީތެރިކަން ޤަބޫލުކުރާނަމަތާ. އޮފީހަށް ނުކުންނަން ޚިޔާލު ވެސް ދީފިން. ދަރިފުޅަށް ޓަކައި އޮފީސް މާޙައުލު ރައްކާތެރި ތަނަކަށް ހަދައި ވެސް ދޭން މިހުރީ. އަނެކޮއްޅުން މަސައްކަތުގައި އެހީވާން ދުރުމީހަކު ބޭނުންނުވަންޏާ އައިތަން ގޮވައިގެން އުޅޭން ވެސް ބުނިން. އެކުއްޖާ ރިކްއަށް އެހީވާނެކަން އަހަންނަށް އެނގޭ. އެކަމަކު އެގޮތް ވެސް ރިކްއަށް ކަމަކުނުދިޔަ. ހަޤީޤަތުގައި މީހުންނާ ކުރިމަތިލާން އައިރިކް ފަސްޖެހެނީ. ލޮލަށް ނުފެންނާތީ އިތުބާރު ވެސް ނުކުރެވެނީ. ޝައްބޫ ބުނެބަލަ ދެން އޭނާއަށް އެހީވާން އަހަރެން ހަދަންވީގޮތެއް."
އިސާކުގެ ވާހަކައަށް ދޭނޭ ޖަވާބެއް ޝަބްނަމްގެ ހިތާއި ސިކުނޑިއަކު ނެތެވެ. މާޔޫސްކަމުގެ ފިނިނޭވާއެއް ދޫކޮށްލުމާއެކު ޝަބްނަމް އިސްޖަހާލިއެވެ.
* * * * *
ފަތިސް ނަމާދަށް ވެސް މާޔަލް ނުހޭލިކަން އާމާލް ބުނުމުން ރޭގައި ކަންތައްވީގޮތް މަޒްހަރު ކިޔާދިނެވެ. އޭރު ހެނދުނުގެ ނާސްތާ ތައްޔާރުކުރުމުގައި ބަދިގެ ތެރޭ އާމާލް ހަރަކާތްތެރިވަމުންދިޔައެވެ. އޭނާ ކުއްލިއަކަށް ކުރާން ހުރި މަސައްކަތް ހުއްޓާލުމާއެކު މަޒްހަރަށް ބަލާލިއެވެ. ފިރިމީހާއާ ޖެހިގެން ހުރި ގޮނޑީގައި އާމާލް އައިސް އިށީނެވެ.
"ކީއްވެ އަހަންނަށް ނުގޮވީ." އާމާލްގެ އަޑުގައިވީ ޝަކުވާއެވެ.
"މުޅި ގޭތެރެ ސާފުކޮށްފަ އާމާލްއަށް ވެސް ނިދުނީ އެހާލަހުން. އަހަރެން ބޭސްދިނީމަ މައްޔު ހަމައަކަށް އެޅިއްޖެ. ބިރުވެރި ހުވަފެނެއް ފެނުނީކަމަށް ބުނީ. އެކަމަކު އޭނާއަށް އެ ފެންނަނީ އެރޭ ކަންތައްވީގޮތް." މަޒްހަރު ބުންޏެވެ.
"އަނެއްކާ މަޒްހަރު ބުނިންތަ އެއީ ހުވަފެނެއް ނޫނޭ." ކުއްލިއަކަށް ހާސްކަމާއެކު އާމާލްއަށް އަހާލެވުނެވެ.
"ނުބުނަން. އަހަންނަށް ރަނގަޅީވެސް އެ ހަނދާންތައް ދުވަހަކުވެސް އެނބުރި ނައީވިއްޔާ. ހިނގި އެއްވެސް ކަމެއް ނޭނގޭތީ މައްޔު އެހާ ހަމަޖެހިފަ އެ ހުންނަނީ. އަހަންނަށް އެ ދަރިފުޅު އެނގޭ. ހުރިހާކަމެއް އެނގިއްޖެނަމަ އޭނާއަށް ވާނޭ ގޮތެއް ހިތައް އަރުވާލަން ވެސް ދަތި." މަޒްހަރު ބުންޏެވެ.
"އެކުއްޖާ ވިސްނާކަން އަހަންނަށް އެނގޭ. އަހަރެމެންނަށް އެކަމެއް ނުހުއްޓުވޭނެ. އެ ހަނދާންތައް ކޮންމެ ވަގުތަކުވެސް އިޔާދަވެދާނެ. ޑަކްޓަރު ވެސް ބުނީ އެހެން." ފިރިމީހާއަށް ބަލަން އިނދެ އާމާލް ބުންޏެވެ. އެމީހުން ބޭނުންވިޔަސް އެގޮތަށް ކަންތައް ވެދާނޭކަމާމެދު އާމާލްގެ ޔަގީންކަމެއް ނެތެވެ.
"މީ މީހަކު ގަސްދުގައި ދިން ބޮނޑިއެއްތަ؟. މާޔަލްގެ ފުރާނަ ދުއްވާލަން... ފުލުހުންނަށް އެހިސާބުގައި ހުރި ކެމެރާ އިން ފެނުނީ އެންމެ މީހެއް. އޭނާ ވެސް ކިރިޔާ އެއްފަޅި އަރާފަ ހުރީ. ދެން އޭނާ އަޅައިގެން ހުރި ތޮފި ފެނުނީ. ރޭގަނޑުގަ ތޮތްޕެއް އަޅައިގެން ހުރުމުގެ ބޭނުމަކީ ކޮބާ. ފުލުހުންވެސް ހެކި ނުފެނުނީމަ ކަންފަސޭހަކޮށްލީ." ޚިޔާލުތަކަށް ގެއްލި އިނދެ މަޒްހަރަށް ބުނެވުނެވެ.
"އެވަރުގެ ދުޝްމިނެއް... މާޔަލްގެ ފުރާނަ ދުއްވާލާހާ... އަހަންނަށް ޤަބޫލެއްނުކުރެވޭ. އެހިސާބަށް ވިސްނުން ގެންދާކަށްނުވޭ. ފުލުހުން ދެއްކި ވާހަކަވެސް ޤަބޫލުކުރެވޭ. ﷲއަށް ޝުކުރުވެރިވަން އެކުއްޖާ ސަލާމަތްވީމަ. މާޔަލްގެ އަތުން ފުރާނައެއް ގެއްލިގެން ނުދިޔަކަމަށް ޓަކައި ވެސް ﷲއަށް ޙަމްދުކުރަން. ނަސީބެއް ރަނގަޅު ވިސްނޭ ބަޔަކަށް އެމީހުންވީކަން. އެހެންބައެއްނަމަ ފުރަތަމަވެސް އަންނާނީ އަހަރެމެންގެ ދަރިފުޅާ ދިމާކުރާން. ކުށްވެރިކުރާނީ މާޔަލް. އެކުއްޖާ ދިރިއުޅޭން ދަތިކުރީސް." ހަޔާތުގައި އައި އެންމެ ހިތްދަތިވި ވަގުތުކޮޅު ހަނދާންކުރަމުން އާމާލް ބުންޏެވެ.
"މަރާ ހަނގުރާމަކުރަމުންދިޔައިރު އެނބުރި އަންނާނޭކަމުގެ ޔަގީންކަން ޑަކްޓަރުންނަށް ވެސް ނެތް. އެފަދަ ނާޒުކު ވަގުތެއްގައި ރަޙުމުގެ ކަންފުޅެއް ހުރި މީހަކަށްވިއްޔާ އައިސް ދިމާކުރާކަށް ނުކެރޭނެ. އެ ޢާއިލާ އަހަރެމެން ހޯދަން ނައީ އެހެންވެ. އެމީހުންނަށް ވެސް ރަނގަޅަށް އެނގޭތީ. އަހަރެމެންގެ ދަރިފުޅު އޮތީ މަރުގެ ތުންފަތްމަތީގަކަން. އަހަރެމެންނަށް އެމީހުންގެ ޚަބަރު ފުލުހުން ދިން ފަދައިން އެމީހުންނަށް ވެސް އޮތީ އަހަރެމެންގެ ޚަބަރު އޮޅުންފިލާފައި. ޢާއިލާ ކޯޅުންގަނޑަކަށްވުރެ ދަރިފުޅުގެ ފުރާނަ އެމީހުން ވެސް އިސްކުރީ. ފުލުހުން އެވަނީ އަހަރެމެންގެ މައްޔުގެ އިހުމާލެއް އެކަމުގައި ނެތޭ ބުނެފަ." އާމާލްގެ ވާހަކައާ ގުޅުވައި މަޒްހަރު ވާހަކަދެއްކިއެވެ.
ދެމަފިރިންގެ އަނގަ ބަންދުވީ ކޮޓަރިއެއް ހުޅުވިއްޖެކަން އެނގުމުންނެވެ. އެމީހުން ދައްކަން އެތިބީ އެންމެންގެ ކަންފަތައް އިވެން ޖެހޭ ފަދަ ވާހަކައެއް ނޫނެވެ. ގިނައިރެއްނުވެ ދެމަފިރިން ބަލަން ތިއްބާ އެމީހުންގެ ގާތަށް އަންނަތަން ފެނުނީ މަލަކްއެވެ. މަޒްހަރާއި އާމާލްގެ ކުރީންވީ ހާސްކަން ފަރުދާކޮށްލީ އެމީހުންގެ އާންމު އުޅުމަށް ރުޖޫޢަވަމުންނެވެ.
* * * * *
ހެނދުނުގެ ނާސްތާ ތައްޔާރުކުރާން ބަދިގޭގައި އުޅުނު ލިޔުޝާއަށް އެހީތެރިވާން މައިރާ އުޅެއެވެ. ރަޒާއާ އިނދެގެން އެގެއަށް މައިރާ އައިއިރު ގޭތެރޭގެ ހުރިހާ މަސައްކަތެއްގައި އުޅޭތަން ފެންނަނީ ލިޔުޝާއެވެ. އޭނާއަށް ފަސޭހަކޮށްލަދޭން އެ ގޭތެރެއިން އެކަކުވެސް ގާތްވެލާތަން ނުފެނެއެވެ. މައިރާ ފަދައިން ލިޔުޝާއަކީ ވެސް އެގެއަށް ބޭރުން އައިސް ހުރި އަންހެން ކުއްޖަކަށްވާއިރު އަޅާނުލާ ހުންނަން އޭނާއަށް ކެތްނުވީއެވެ. އެ ގޭގައި ގެންގުޅޭ މީހެކޭ ލިޔުޝާއެކޭ ތަފާތެއް ނެތެވެ. މަޑުމަޑުން ހުންނަ އެ އަންހެންކުއްޖާ ބާރަށް އެއްޗެކޭ ބުނާތީ މައިރާ އަޑެއް ނާހައެވެ.
އެކުވެރީންނާއެކު ކަސްރަތަށް ހިނގަން ނުކުމެފައި އެނބުރި ގެއަށް އިނާޔާ އައެވެ. އޭނާއާއެކު އެންމެ ގިނައިން ފެންނަ އަޒީޒާ ހުއްޓެވެ. އޭރު ގޭގެ ކާމޭޒުދޮށުގައި ރަޒާއާއި އިރުފާގެ ފިރިމީހާ ނަދީމު ސައިބޯން ތިއްބެވެ. މައިރާ ހުރީ ލިޔުޝާއާއެކު ސައިބޯން އަރާން މަޑުކޮށްގެންނެވެ.
"އައްޒަ، ސައިބޮއެގެން ދާންވާނީ." އިނާޔާ ބުނެލިއެވެ. އަދި އޭނާ އައިސް އަތުގައި އޮތް ކޮތަޅެއް ލިޔުޝާއަށް ދިއްކޮށްލިއެވެ. ދަރިފުޅަށް ކާންދޭން ހުރި ލިޔުޝާއަށް އޭގައި ހިފަން ދަތިވާނޭކަން ވިސްނިގެން މައިރާ އަވަސްއަވަހަށް މަންމަ ދިއްކޮށްގެން ހުރި ކޮތަޅުގަ ހިފައިފިއެވެ. ބަދިގޭ ކައުންޓަރު މަތީ ކޮތަޅު ބަހައްޓަމުން ކޯއްޗެއްތޯ މައިރާ ބަލާލިއެވެ. އޮތީ ކާއެއްޗެހި އަޅާ ޕްލާސްޓިކް "ފުޑްކޮންޓޭނަރު" އެވެ.
"މަންޖޭ... އަހަންނަށް ކޭކެއް އަޅައިދޭންވެއްޖެ." ކާމޭޒު ދޮށުގައި އިށީންނަމުން އަޒީޒާ ވާހަކަދެއްކީ މައިރާއާއެވެ.
"ކޮންކަހަލަ ކޭކެއް. އުފަންދުވަސް އަންނަނީތަ؟." މައިރާ އަހާލިއެވެ.
"އިއްޔެ މިގެއިން ގެންދިޔަ ކޭކު ހާދަ މީރޭ. އެކަހަލަ ރަތް ކޭކެއް އެޅޭނެތަ؟. އަހަރެންގެ ފިރާޝާއަށް މުޅި ކޯހުން އެއްވަނަ ލިބިގެން. އެކަން ގޭގަ ފާހަގަކޮށްލަން މި ރާވަނީ." ހެވި ދިއްލިފައި އިނދެ އަޒީޒާ ވާހަކަދެއްކިއެވެ. އެތަނުގައި އެވަގުތު ތިބި އެންމެންގެ ސަމާލުކަން އެ ވާހަކައަށް ހުއްޓުނެވެ.
"ކާކު ބޮޑުވެފައި މަސައްކަތް ބުރަވާވަރަކަށް އަގުބޮޑުވާނެ." މައިރާ ބުންޏެވެ.
"އަގު..." މިހެން ބުނަމުން އަޒީޒާ ބަލާލީ އިނާޔާއަށެވެ.
"ޢާއިލީ ރައްޓެހިކަމުގަ ޑިސްކައުންޓް އޮންނާނެ. ދެން ފަހުން އެވާހަކަ ދައްކާނީ. އެބަ އަންނަން." އިނާޔާ ހީވީ ކަމެއް މަތިއަޅައި ފޮރުވާން އުޅުނު ހެންނެވެ. އިތުރު ވާހަކަތަކެއް ދައްކަން ޖެހިދާނޭ ހީވުމުން އޭނާ ހަލުވިކޮށް ގޮސް ކޮޓަރިއަށް ވަނީއެވެ.
ރަޒާ ސައިބޮއެ ނިމުމުން އޭނާ ކޭ ތަށިތައް ނަގާފައި މައިރާ އައީ ކޮޓަރިއަށެވެ. ފިރިމީހާ އޮފީހަށްދާން ތައްޔާރުވާން ލޯގަނޑު ކުރިމަތީ ހުއްޓެވެ. މައިރާ އައިސް މަޑުކޮށްލީ ލޯގަނޑުގެ އެއްފަރާތުންނެވެ.
"އަހަރެންވީ މަންމަގެ ރައްޓެހިންނަށްވީމަ ފައިދާއެއް ނުވާހެން މަސައްކަތްކުރާންތަ؟." މައިރާއަށް ބުނެވުނެވެ.
"އެއްވެސް މަސައްކަތެއް ފައިދާއެއް ނުވާހެން ނުކުރެވޭނެ. މައިއަށް ފެންނަގޮތެއް ތިކަމުގަ އޮތީ. މަންމަ ބުންޏަސް މައިއަށް ގެއްލުންވާނަމަ އެގޮތައް އެކަން ކުރާކަށް ނުޖެހޭނެ." ރަޒާ ބުންޏެވެ.
ހެނދުނުހެނދުނާ ޝަކުވާއިން ދުވަސް ފެށޭކަށް މައިރާ ނޭދެއެވެ. އެހެންވިޔަސް ކައިވެނި ކުރިފަހުން ކޮންމެ ދުވަހެއްމެ ދަނީ އެފަދަ ގޮތަކަށެވެ. ކެތްކުރެވޭނީ ކިހާ ދުވަހަކުކަމެއް ނޭނގެއެވެ. އޭނާގެ ބޮލުގައި ހުންނަ ނުފިލާ ރިހުމަކަށް ޢާއިލާގެ މައްސަލަތައް ވެއްޖެއެވެ.
* * * * *
ފާޚާނާ ތަށްޓައް ގުދުވެ އޮވެ މާޔަލް ހޮޑުލަނީއެވެ. ބޭސްކައިގެން ނިދައިފިނަމަ ހެނދުނު ހޭލެވުމުން އެގޮތަށް އޭނާއަށް ހޮޑުލެވެއެވެ. އޯކަށް ދެމުން ހުއްޓުމުން އޭނާ ހިންދެމިލިއެވެ. ކޯ ދޮވެލާފައި ފެންވަރަން ތައްޔާރުވެލިއެވެ. ލޯގަނޑަށް ބަލާލައި އޭނާ އިސްތަށިގަނޑު ހިއްލާލިއެވެ. ބޮލުގެ ފުއްކިބައިގަ ބާލާފައި ހުރި ހިސާބުގައި އިސްތަށިފެޅިޔަސް ދިގުވާން އަދި ދުވަސްތަކެއް ނަގާނޭކަން އެނގެއެވެ.
"އެހާ ތަނަށް ދިގުވާނެ ކަންނޭނގެ." މާޔަލައަށް ބުނެވުނެވެ. އޭނާގެ ޚިޔާލުގައިވީ ކައިވެންޏެވެ. ތިން މަސް ފަހުން ކައިވެނި ކުރެވޭއިރު އޭނާގެ އިސްތަށިގަނޑު އިހު އޮތްގޮތަށް ބަދަލުވާން މާޔަލް އެދެއެވެ.
މަޑު ދަނބުކުލައިގެ ރޯބްގައި މާޔަލް ފާޚާނާއިން ނުކުތެވެ. ފެންވަރާލުމުން އޭނާގެ ސިކުނޑިއަށް ވެސް ތަޒާކަން ލިބިއްޖެއެވެ. ރީތިވާ މޭޒުކައިރީ އިނދެ ކުޑަ ތުވާލި ކޮޅުން އިސްތަށިގަނޑު މަޑުމަޑުން ހިއްކިއެވެ. ކޮޓަރިތެރެއަށް މާޔަލްގެ ނަޒަރު ހިންގާލެވުނެވެ. ބިއްލޫރި ވާޒްއަށް ޖަހާފައި ހުރި ވިއްސާރަދުނީގެ ކުލަތައް ހިމެނޭ ފިނިފެންމާތައް ލޮލުގައި އަޅައިގަތެވެ. ކޮޓަރީގައި ހުރި ސޯފާ ގޮނޑިމަތީ ނުކަނޑާ ހުރި ޕާރުސަލްތައް ހުއްޓެވެ. ރޭގައި ފެނުނު ހުވަފެނުގެ މަތިން ކުއްލިއަކަށް މާޔަލް ހަނދާންވިއެވެ. އޭނާއަށް ހޭލެވުނީ އެހާ ލަހުންނެވެ. އޮފީހަށް ދަމުން އިވާން އާންމުކޮށް ގުޅާނެއެވެ. އޮފީސް މީހުންނާއެކު ސަޔަށް ނުކުމެފައި ސްނެޕް ކުރާނެއެވެ. ފޯނު ހޯދަން މާޔަލް އަވަސްވެލިއެވެ. ރޭގައި ޗާޖަށް ޖެހިގޮތަށް އެނދުގެ އަރިމަތީ ކަބަޑުގެ މަތީ ފޯނު އޮތެވެ. ޗާޖަރު ވާގަނޑު ނައްޓާލުމާއެކު ފޯނު ހިފައިގެން އެނދުއަރިމަތީ މާޔަލް އިށީނެވެ. އޭނާއަށް ހީވީ ރަނގަޅަށެވެ. އިވާންގެ ކޯލު މިސްވެފައި ހުއްޓެވެ. އޭނާ މެސެޖު ވެސް ކޮށްފައި ހުއްޓެވެ.
"ޔެސް ލަވް. ހާދަ ވަރަކަށް ތިނިދާލީ." މާޔަލް ގުޅުމުން ކޯލު ނެގިގޮތަށް އިވާން ބުންޏެވެ.
"އިވާން ރަނގަޅުތަ؟." މާޔަލް އަހާލިއެވެ.
"އާން. ސަޔަށް ގޮސްފަ ދެންމެ މިއައީ." އިވާން ބުންޏެވެ.
"ބަލައިގެން އުޅެއްޗޭ. އެހާ ބާރަށް ނުދުއްވައްޗޭ." މާޔަލްއަށް ބުނެވުނެވެ.
"މާޔަލް. ކިހިނެއްވީ. ކަމަކާ ހާސްވެފަ ހުރިހެން ހީވޭ. ރޭގަ ކަމެއްވީތަ؟." މާޔަލް އެހެންޏާ ނުބުނާ އެއްޗެއް ބުނީމާ އިވާން ސުވާލު އުފެދުނެވެ.
"ބިރުވެރި ހުވަފެނެއް ފެނުނީ. އެއީ ތެދަކަށްވާކަށް ބޭނުމެއްނޫން. އިވާންއަށް ކަމެއްވާތީ ފެނުނީ... އެހާ ބައިވަރު ލޭ... ހީވީ ހަމަ އަސްލެއްހެން. ވަރަށް ބިރުގަތް. ބިރުގަތްވަރުން ހާސްވެގެން މާބޮޑަށް ބޮލުގަ ރިއްސަންފެށީ. އެހެންވެ ބޭސް ކައިގެން ފަހުން ނިދުނީ." މާޔަލްގެ ވާހަކަތަކާއެކު ތަފާތު ހިމޭންކަމެއް އިވާނަށް ވެރިވިއެވެ. ކުރިމަތީގައި ނުހުއްޓަސް އެކަން މާޔަލްއަށް ފާހަގަވިއެވެ. އޭނާ އިވާނަށް ގޮވާލީ ޖަވާބެއް ނައީމައެވެ.
"ބިރު ހުވަފެނުގެ ވާހަކަ ދައްކާކަށް ނުވާނެ. އެކަމާ ދެން ނުވިސްނައްޗޭ." އިވާން ކުއްލިއަކަށް ބުނެލިއެވެ.
"ޕްރޮމިސް މީ. އިވާން ބަލައިގެންކަން އުޅެނީ." މާޔަލްއަށް ބުނެވުނެވެ.
"އަދިވެސް ތިވިސްނަނީއޭ... ޔެސް އައި ޕްރޮމިސް. ތި ލޯބިގަނޑު ހާސްވާވަރުކަމެއް ނުކުރާނަން. ސައިބޮއެފިންތަ؟. އަދި ހޭލީ ދޯ." އިވާން ވާހަކައިގެ މިސްރާބު ބަދަލުކޮށްލިއެވެ.
* * * * *
މާޔަލްގެ ކޯލު ނިންމާލާފައި އަތުގައި އޮތް ފޯނުގައި ބާރަށް އިވާނަށް ހިފަހައްޓާލެވުނެވެ. އެ މޫނުމަތިން ހިސާބެއްގެ ނުތަނަވަސްކަން ފާޅުވެލައިފިއެވެ. ދެބުމަކައިރިކޮށްލައިގެން އިވާނަށް އިދެވުނީ ފުން ވިސްނުމެއްގައެވެ.
"މާޔަލް ހަނދާންވަނީތަ؟. އެހެންވެއްޖެއްޔާ..." އިވާންގެ ހިތް އޭނާގެ ގާތުގައި ވާހަކައެއް ބުނަން އުޅުނެވެ. އޮފީސް މޭޒުގައި އުޅަންބޮށިކޮޅު ވިއްދާލުމާއެކު މުއްކަވާލި އަތްތިލަ ގެނެސް ފިއްތާލި ތުންފަތުގައި ޖައްސާ ބާރުކޮށްލިއެވެ. އަމިއްލަ ހިތަށް ވެސް އޭނާ ހުރަސް އެޅީއެވެ. އެ ހިތް ބުނާން އުޅޭ ވާހަކަ ފުރިހަމަ ކުރާން ފުރުޞަތު ނުދީ އެއީ އިވާން އަޑު އަހަން ނޭދޭ ވާހަކަތަކެއް ވީމައެވެ. މާޔަލްގެ ހަނދާންތައް އަނބުރާ އަންނާކަށް އިވާން އެއްގޮތަކަށް ވެސް ބޭނުމެއްނޫނެވެ. އޭނާއާއި މާޔަލްގެ ކައިވެނި ނުކުރެވެނީސް އެއިން އެއްވެސް ހަނދާނެއް އިޔާދަވާން އޭނާއަށް ފުރުޞަތު ދެވޭނީ ކިހިނެއް ހެއްޔެވެ.
"ޝިޓް!..." މުއްކަވާލައިގެން އިން އަތްތިލަ ތުންފަތާ ދުރުކޮށްލުމާއެކު ގެނެސް އިވާންގެ ނިތްކުރީގައި ތަޅާލިއެވެ. މާޔަލްގެ ހަނދާންތައް އިޔާދަވާން އޭނާ ނޭދެނީ އެކަމުގައި ސަބަބެއް އޮވެގެންނެވެ. އޭނާއަށް ކުރީގެ މާޔަލްއަށްވުރެ މިހާރުގެ މާޔަލް މާބޮޑަށް ވެސް ކަމުދެއެވެ. މިހާރު އެ ދެމެދުގައި އޮތް ގުޅުން ވެސް ގާތްވެއްޖެހެން އިވާނަށް އިޙްސާސް ކުރެވެއެވެ. އޭނާއަށް ހަޤީޤީ ކާމިޔާބުގެ އިޙްސާސް ކުރެވޭނީ އޭނާގެ ހައްޤަކަށް ހުރިހާ ގޮތަކުން މާޔަލް ވީމައެވެ. އެ ދުވަސް ވެސް މިހާރު ދުރެއްނޫނެވެ.
"މެރީ ނުކުރިޔަސް ރަންކިޔަން ބުނަންވީ ކަންނޭގެ. އޭރުން ތްރީ މަންތްސް ހަމަވާއިރަށް އަވަހަށް މެރީ ކުރެވޭނެ." އިވާންގެ ސިކުނޑި ރަނގަޅު ޚިޔާލެއް އޭނާއަށް ދިނެވެ.
* * * * *
"ތީ ކާކު؟ ކިހިނެއް މި ނަންބަރު ލިބުނީ." ކޮލެޖްގެ ބްރޭކް ގަޑީގައި ރައްޓެހިންނާއެކު ނުކުމެ ބެންޗުގައި އިން މަލަކް ނިކަން އަވަހަށް މެސެޖު ލިޔެ ފޮނުވާލިއެވެ.
ރޭ ޕާޓީއިން ފެށިގެން އޭނާއަށް ގޮތް ނޭނގޭ މެސެޖުތަކެއް އަންނަނީއެވެ. ހެނދުނުގެ ސަލާމްކޮށް ބާއްޖަވެރި ދުވަހަކަށް އެދި މެސެޖުކޮށްފައި އޮތެވެ. އެމީހަކަށް މަލަކް ކޮލެޖަށް ދާކަން އެނގެއެވެ. އެނޫނަސް މަލަކްގެ ދިރިއުޅުމާ ބެހޭ ގޮތުން އެމީހަކަށް ވަރަށް ގިނަ އެއްޗެހި އެނގޭހެން އޭނާއަށް ހީވެއެވެ.
"ނަންބަރެއް ހޯދުމަކީ އެހާ އުނދަގޫކަމެއްނޫން. އަހަރެން މީ ކާކުކަން އެނގޭނެ. ބޭނުންތަ ބަލަން." މަލަކްގެ މެސެޖު ލިބުމާއެކު އެ މީހަކު ވަގުތުން ރައްދު ފޮނުވިއެވެ.
"އަހަރެމެން ކުރީން ދިމާވިތަ. ރޭގަ ޕާޓީއަށް އައިން ދޯ. ކީއްވެ މީޓުނުކުރީ. ކޮންނަމެއް ކިޔަނީ." މަލަކް އަހާލިއެވެ. އެއީ ކޮންމެ މީހެއް ނަމަވެސް އޭނާގެ މެސެޖުތަކާމެދު މަލަކްގެ ހިތުގައި ޝައުގުވެރިކަން އުފެދިއްޖެއެވެ.
"ބައްދަލުކުރާން ކެރޭނެތަ؟. ފަހަރެއްގަ މަލަކްއަށް އަހަރެން ކަމުނުގޮސްދާނެ ފެނުނީމަ." އެމީހާ މެސެޖުކުރިއެވެ.
"ތީ އަންހެނެއްތަ ނޫނީ ފިރިހެނެއްތަ؟" އިރުކޮޅަކު ވިސްނަން އިނދެފައި މަލަކް ލިޔެލިއެވެ. އޭނާގެ އެ ސުވާލަށް ޖަވާބައެއް ނައެވެ.
"ތި ފޯނު ބާއްވާފަ މަރީ މިއޮއްދައްކާ ވާހަކައެއް އަޑު އަހާބާ." އެކުވެރީންނާއެކު ބެންޗުގައި އިށީނިއްސުރެ މަލަކް ފޯނަށް ގެއްލިފައި އިންނަކަން ފާހަގަވެ މަލަކްގެ ކޮނޑުގައި ޖުމާ ޖެހިއެވެ.
"ދައްޔާން ފެނުނީ. ފުރަތަމަ މަށަށް ނުވެސް އެނގުނު. ކުރިޔަށްވުރެ ދިގުވެފަ ހުރީ. ބޮޑީ ބިލްޑު ވެސް މިހާރު ކުރޭ ކަންނޭނގެ. އޭނާ ހާދަ ފިރިހެނޭ. މޮޔަވާވަރުވޭ. ވަރަށް ސްޓައިލިޝްކޮށް ހުރީ. ހީވަނީ ވާހަކަފޮތަކުން ނުކުމެ ހުރި ސެކްސީ ބޭޑް ބޯއީއެއްހެން." ފޮނިފޮނި ހުވަފެނެއްގެ ވާހަކަ ދައްކާފަދައިން މަރިޔަމް ބުނެލިއެވެ. މަލަކްގެ ފޯނު ރިންގުވާން ފެށީ ހަމައެވަގުތެވެ.
"މީނަ ބިޓެއް ނެގީތަ؟." މަރިޔަމް ކުއްލިއަކަށް އިނދެފައި އެންމެންގެ ކައިރީ އަހާލިއެވެ. މަލަކް ފޯނާ ހެދި އެވަރަކުން އުޅޭތަން ފެނިގެންނެވެ. ނުވިތާކަށް ފޯނު ރިންގުވާން ފެށުމުން އޭނާ އެކުވެރީން ދޫކޮށް އެކަހެރިވެލީއެވެ.
"ހެލޯ..." ހިސާބަކަށް ޖެހިލުންވެ ހުރެ މަލަކް ގޮވާލިއެވެ. (ނުނިމޭ)