މޯލްޑިވްސް ޕޮލިސް ސާވިސް

ފޭދޫގެ މަރުގެ މައްސަލައިގައި ކުޑަކުއްޖަކު ހައްޔަރުކޮށްފި

Jun 6, 2022
1

ސ. ފޭދޫގައި މީހަކު މަރާލުމުގެ ތުހުމަތުގައި 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި އެވެ.

އެ ކުއްޖާ ހައްޔަރުކުރަން އުޅުނު ވަގުތު އަމާންކަން ނަގާލަން އުޅުނު ދެ މީހަކު ވެސް ހައްޔަރުކޮށްފައިވެ އެވެ. އެއީ 18 އަހަރުގެ ދެ މީހަކާއި 29 އަހަރުގެ މީހެކެވެ. މީގެއިތުރުން ކޯޓު އަމުރެއްގެ ދަށުން 29 މީހަކު ވެސް ހައްޔަރުކޮށްފައިވެ އެވެ،

ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގުމުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ފޭދޫގެ 21 އަހަރުގެ ޒުވާނާ މަރުވީ މިމަހުގެ ދެވަނަ ދުވަހު އެވެ.

ހޮސްޕިޓަލްގެ އޮފިޝަލަކު އަވަސް އަށް ވިދާޅުވީ ހަމަލާދީފައިވަނީ ޒުވާނާގެ ބުރަކަށްޓަށް ކަމަށާއި ނަމަވެސް ޒަހަމް ފުންކޮށް ހުރުމުން މެޔަށް ވެސް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

ފުލުހުންގެ އޮފިޝަލަކު މީގެކުރިން ވިދާޅުވީ އައްޑޫގައި ހިނގަމުންދާ މާރާމާރީތަކާ މަސްތުވާތަކެއްޗާ ގުޅުން ހުރި ކަމަށް ބެލެވޭ ކަމަށެވެ.

ފޭދޫގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ވެސް ވަނީ މާރާމާރީ ހިންގާ 19 އަހަރުގެ ޒުވާނެއް ޒަހަމްކޮށްލާފަ އެވެ. އޭނާއަށް މިވަގުތު ފަރުވާ ދެމުންދަނީ މާލޭގަ އެވެ.