އިމްރާން އަބްދުﷲ

މަރުގެ ހުކުމް ތަންފީޒުކުރާނެ ކަމަކަށް ވިދާޅެއްނުވި

Jun 6, 2022
6

ޝަރުއީ ހުރިހާ މަރުހަލާއެއް ނިމިފައިވާ މަރުގެ މައްސަލަތައް ތަންފީޒު ކުރާނެ ކަމަކަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅެއް ނުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރުގެ މައްސަލަތައް ތަންފީޒު ކުރުމާ ގުޅޭގޮތުން މިނިސްޓަރު އިމްރާނާ ސުވާލުކުރެއްވީ އިދިކޮޅު ޕީޕީއެމްގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު އެވެ.

ތޯރިގުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މީގެ 895 އަހަރު ކުރިން ދިވެހިން އިސްލާމް ދީން ގަބޫލުކުރީ އިސްލާމް ދީނުގެ މަތިވެރިކަމާއި އިސްލާމީ ޝަރުއުގެ ފުރިހަމަކަން ތެދުހިތުން ގަބޫލުކޮށްގެން ކަމަށެވެ.

"ޝަރުއީ މަގާސިދުތަކާއި އަހްކާމްތައް ބާވާލެއްވިފައިވަނީ އިސްލާމިއްޔަތު އިންސާނިއްޔަތު ހިމާޔަތްކޮށް ހިފާލަތް ކުރުމުގެ މަތިވެރި މަގުސަދުގައި. އީމާންކަމުގެ ހަ ރުކުން ހިތުގެ އަޑިން ތެދުކޮށް ކަށަވަރުކޮށް އިސްލާމްކަމުގެ ފަސް ރުކުނަށް ފުރިހަމައަށް އަމަލުކޮށްފި މީހާ ނަވާތިލުލް އީމާނަކަށް އަރައިނުގަންނަހާ ހިނދަކު އޭނާ އެވަނީ އިސްލާމީ ޖަމާއަތުގެ ފުރިހަމަ ހިމާޔަތާއި ހިފާޔަތް ކަމުގެ ތެރޭގައި،" އިސްލާމް ދީނުގެ މަތިވެރިކަން ހާމަކޮށްދެއްވަމުން އިމްރާން ވިދާޅުވި އެވެ.

ތޯރިގު ކުރެއްވި ސުވާލު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މަރުގެ ހުކުމް ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ހުކުމް ތަންފީޒު ކުރުމަށް އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ހުރިހާ އިޖުރާއަތުތަކެއް ފުރިހަމަވާ ގައިދީންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމާ މެދު މިސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ؟ އެފަދަ ފަރާތްތަކުގެ ހުކުމް މިސަރުކާރުން ތަންފީޒުކުރާނެތޯ

މިނިސްޓަރު ވިދާޅުވީ ދިވެހިންނަކީ އިސްލާމް ދީން ގަބޫލުކުރި ފަހުން އިސްލާމީ ދައުލަތަކަށް ނިސްބަތްވާ މުސްލިމުން ކަމަށެވެ. އެހެންކަމުން އިސްލާމް ދީނުގެ އެންމެހާ ހުކުމްތައް އެއްވެސް އިސްތިސްނާއެއް ނެތި ގަބޫލުކޮށް އެއަށް ބޯލެނބުމަކީ ކޮންމެ އިސްލާމެއްގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ.

އޭގެފަހުގައި މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭގޮތުން އިމްރާން ވިދާޅުވީ މިސަރުކާރުން އަމަލުކުރާނީ ދެވަނަ ޖުމްހޫރިއްޔާގެ ފަހުން ވެރިކަން ކުރި ސަރުކާރުތަކުން އަމަލުކުރި ގޮތަށް ކަމަށެވެ. އަދި ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރާތާ ބައި ގަރުނު ވެއްޖެ ކަމުގައިވެސް ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކުން ނިންމާ މަރުގެ ހުކުމް ތަންފީޒުކުރުމާ ގުޅޭގޮތުން ވޭތުވެދިޔަ ބައިގަރުނެއްހާ ދުވަހު ދިވެހި ދައުލަތުން ގެންގުޅެމުން އަންނަ ސިޔާސަތަކީ އެކަމާ ގުޅޭ ގޮތުން މިހާރުވެސް އަމަލުކުރަމުން އަންނަ މޮރިޓޯރިއަމް ދެމެހެއްޓުން. މިއީ މިސަރުކާރުން އަލަށް އުފަންކުރި ސިޔާސަތެއް ނޫން. މިއީ ޒަމާނުއްސުރެ މިރާއްޖޭގައި އަމަލުކުރަމުން އައި ގޮތް
އިމްރާން އަބްދުﷲ | ހޯމް މިނިސްޓަރު

އިމްރާން ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭގޮތުން ނިމިދިޔަ ސަރުކާރުތަކުން އެކި ފަހަރު އެކި ތަނުގައި އެކި ގޮތަށް ވާހަކަ ދައްކަނީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ބުނި ނަމަވެސް އެ ސަރުކާރު ނިމިގެން ދިޔައިރު ވެސް މަރުގެ ހުކުމް ތަންފީޒު ކޮށްފައެއް ނުވެ އެވެ. އެކަމަށް އިޝާރާތް ކުރައްވާ އިމްރާން ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ވެސް މަރުގެ ހުކުމް ތަންފީޒު ކުރުމުގައި އަމަލުކުރީ ކުރީގެ ސަރުކާރުތަކުން އަމަލުކުރި ގޮތަށް ކަމަށެވެ.

މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭގޮތުން މިނިސްޓަރު އިމްރާން ސާފު ޖަވާބެއް ނުދެއްވުމުން މަޖިލީހުގެ އިދިކޮޅު މެންބަރުންނާއި އެހެން ޕާޓީތަކުގެ މަދު ބައެއް މެންބަރުން ވެސް ވަނީ މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭގޮތުން މިނިސްޓަރުގެ ސާފު ޖަވާބެއް ހޯއްދެވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފަ އެވެ. އިތުރު ސުވާލުކުރުމުގެ ވަގުތުގައި މެންބަރުންނަށް ލިބިވަޑައިގެންނެވި ފުރުސަތުގައި މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭ ގޮތުން ކުރެއްވި ސުވާލުތަކަށް ވެސް އަދި ނިޒާމީ މައްސަލަ ނަންގަވައިގެން އެ މައުލޫގައ މެންބަރުން ކުރެއްވި ސުވާލުތަކަށް ވެސް މިނިސްޓަރު ޖަވާބު ދެއްވުމަށް މަޖިލީހުގެ ރިޔާސަތުން ރައީސް މުހައްމަދު ނަޝީދު މިއަދު ފުރުސަތު ދެއްވާފަ އެއް ނުވެ އެވެ. ނަމަވެސް މިއަދުގެ ސުވާލާ ގުޅުން ނެތް ފުލުހުންނާ ގުޅޭ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައީސް ނަޝީދު ފުރުސަތު ދެއްވެވި އެވެ.

ރައީސް ނަޝީދު އެގޮތަށް އަމަލުކުރެއްވީ މެންބަރު ތޯރިގު ކުރެއްވި ސުވާލަށް މިނިސްޓަރު އިމްރާން ވަރަށް ފުރިހަމަ ޖަވާބެއް ދެއްވި ކަމަށް ވިދާޅުވުމަށްފަހު އެވެ. މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވުމަށް މަޖިލީހުގެ ރިޔާސަތުން ފުރުސަތު ނުދެއްވުމުން އިދިކޮޅު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުއާއި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވަނީ ރިޔާސަތުގެ މޭޒުކޮޅުގެ ކުރިމައްޗަށް ވަޑައިގެން ނުރުހުން ފާޅުކުރައްވާފަ އެވެ.

މަރުގެ މައްސަލަތައް ތަންފީޒު ކުރުމާ ގުޅޭގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސާފު ޖަވާބެއް މިއަދު ނުދެއްވެވި ނަމަވެސް އެމަނިކުފާނު މީގެކުރިން އިދިކޮޅު އެއް ލީޑަރުގެ ގޮތުގައި ހުންނެވިއިރު އިސްލާމީ ޝަރީއަތާ އެއްގޮތަށް މަރުގެ ހުކުމް ތަންފީޒު ކުރުމަށް ތަކުރާރުކޮށް ގޮވާލައްވާފައިވެ އެވެ.