ބޮންޑެ އިބްރާހިމް ރަޝީދު

އިމްރާނަކީ ހަރުކަށި ފިކުރު އުފައްދާ މެޝިނެއް: ބޮންޑެ

Aug 31, 2022
3

ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަކީ ހަރުކަށި ފިކުރު އުފައްދާ މެޝިނެއް ކަމަށް ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ -- އެމްޑީޕީގެ މާފަންނު މެދު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.

ބޮންޑޭގެ ތުހުމަތުތަކާއި ފާޑުކިޔުންތައް މިނިސްޓަރު އިމްރާން އަށް އަމާޒުވީ ހަރުކަށި ފިކުރުގެ މީހުންނާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވަހީދު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި މައްސަލައަށް ބަހުސްކުރައްވަމުންނެވެ.

ބޮންޑޭ ވިދާޅުވީ މިއަދު ރާއްޖޭގެ ސިޔާސީ ކަންކަމުގައި އިސްކޮށް ތިއްބެވީ ބަޣާވާތް ކުރި ބައެއް ކަމަށެވެ. އިމްރާނާއި ހޯމް މިނިސްޓްރީގައި ސިޔާސީ ގޮތުން އިސްކޮށް ތިއްބެވީ އިތުރުފުޅު ހައްދަވާ ބޭފުޅުން ކަމަށް ތުހުމަތުކުރައްވަމުން ބޮންޑޭ ވިދާޅުވީ މަޖިލީހުގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައިވެސް އިމްރާން ބައެއްގެ ބޮލުގައި ތުހުމަތު އަޅުއްވާ ދެގޮތަށް ވާހަކަދެއްކެވި ކަމަށެވެ.

"އެމީހުންނަކީ ރަށު ތެރޭގައި ނުވަތަ ރައްޔިތުންގެ ކުރިމަތީގައި މިވެނި މީހަކު އަފްރާޝިމް ގަތުލުކުރީ މިވެނި ބައެކޭ ބުނެފައި އަނެއްކާ ދެވަނަ ފަހަރަށް އެއީ އެބައެއް ނޫނޭ އެހެން ބައެކޭ ކިޔާފައި ވާހަކަ ދެއްކި މީހުން މިހާރު އެތިބީ ހޯމް މިނިސްޓްރީގައި ހޯމް މިނިސްޓަރުކަން ކުރަން ތިބީ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅޭ މައްސަލަތައް ވެސް ހޯމް މިނިސްޓްރީން ބަލަމުން ނުދާ ކަމަށް ބޮންޑޭ ވިދާޅުވި އެވެ. ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގައި ވެސް ތަންފީޒު ކުރަންޖެހޭ ގާނޫނުތައް ތަންފީޒު ކުރަމުން ނުދާ ކަމުގައިވެސް ވިދާޅުވި އެވެ.

މިނިސްޓަރު އިމްރާން ހަވާލުވެވަޑައިގެން ހުންނެވި ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގަމުންދާ ޖަލުތަކުގައި ތިބި ގައިދީންނަށް މަސްތުވާތަކެތި ދޭ ކަމަށްވެސް ބޮންޑޭ ތުހުމަތު ކުރެއްވި އެވެ.

"މިހާރުވެސް ތިބި ޒުވާން ޖީލަށް މަސްތުވާތަކެތި ބޯންދީގެން ޖަލުތަކުގައި މި ހަރުކަށި ފިކުރު އުފައްދާ މެޝިނެއް ހޯމް މިނިސްޓަރަކީ މިހާރު. ހަރުކަށި ފިކުރު އުފައްދާ މެޝިނެއް އެއީ." އިމްރާނަށް ތުހުމަތުކުރައްވާ ބޮންޑޭ ވިދާޅުވި އެވެ.

ވަހީދު ހުށަހެޅުއްވި މައްސަލައިގައި މަޖިލީހުގެ ހެނދުނު ދަންފަޅީގައި ވާހަކަދެއްކެވި ގިނަ މެންބަރުން ވަނީ ހަރުކަށި ފިކުރު ނައްތާލުމަށާއި ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާ ކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން މައްސަލަތައް ހައްލުކުރުމަށް އެހެން ބަޔަކަށް ފުރުސަތު ދިނުމަށްވެސް ބައެއް މެންބަރުން ގޮވާލެއްވި އެވެ.