އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އިސްލާމްދީނަށް ވުރެ މުހިންމުވީ މަގާމުކަން މިއަދު ހާމަވެފައިވާ ކަމަށް ކުރީގެ ނާއިބު ރައީސް އަދި ހޯމް މިނިސްޓަރުކަން ކުރެއްވި ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޖަމީލް މިހެން ވިދާޅުވީ ޝަރުއީ ހުރިހާ މަރުހަލާއެއް ނިމިފައިވާ މަރުގެ މައްސަލަތައް މި ސަރުކާރުންވެސް ތަންފީޒު ނުކުރާނެ ކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ. ރައީސް ޔާމީންގެ ސަރުކާރުގައި މަރުގެ އަދަބު ދިނުމަށް ނިންމުމުން އެކަމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ އަދި އެއީ ވަރަށް ހިތްވަރު ގަދަ ނިންމުމެއް ކަަމަށް ވިދާޅުވެފައިވާ އިމްރާން މިއަދު ވަނީ އޭނާ ކުރީން ދެއްކެވި ވާހަކަތަކާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރުގެ މައްސަލަތައް ތަންފީޒު ކުރުމާ ގުޅޭގޮތުން މިނިސްޓަރު އިމްރާނާ ސުވާލުކުރެއްވީ އިދިކޮޅު ޕީޕީއެމްގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު އެވެ. މިނިސްޓަރު ވިދާޅުވީ ދިވެހިންނަކީ އިސްލާމް ދީން ގަބޫލުކުރި ފަހުން އިސްލާމީ ދައުލަތަކަށް ނިސްބަތްވާ މުސްލިމުން ކަމަށެވެ. އެހެންކަމުން އިސްލާމް ދީނުގެ އެންމެހާ ހުކުމްތައް އެއްވެސް އިސްތިސްނާއެއް ނެތި ގަބޫލުކޮށް އެއަށް ބޯލެނބުމަކީ ކޮންމެ އިސްލާމެއްގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ.
އޭގެފަހުގައި މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭގޮތުން އިމްރާން ވިދާޅުވީ މިސަރުކާރުން އަމަލުކުރާނީ ދެވަނަ ޖުމްހޫރިއްޔާގެ ފަހުން ވެރިކަން ކުރި ސަރުކާރުތަކުން އަމަލުކުރި ގޮތަށް ކަމަށެވެ. އަދި ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރާތާ ބައި ގަރުނު ވެއްޖެ ކަމުގައިވެސް ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކުން ނިންމާ މަރުގެ ހުކުމް ތަންފީޒުކުރުމާ ގުޅޭގޮތުން ވޭތުވެދިޔަ ބައިގަރުނެއްހާ ދުވަހު ދިވެހި ދައުލަތުން ގެންގުޅެމުން އަންނަ ސިޔާސަތަކީ އެކަމާ ގުޅޭ ގޮތުން މިހާރުވެސް އަމަލުކުރަމުން އަންނަ މޮރިޓޯރިއަމް ދެމެހެއްޓުން. މިއީ މިސަރުކާރުން އަލަށް އުފަންކުރި ސިޔާސަތެއް ނޫން. މިއީ ޒަމާނުއްސުރެ މިރާއްޖޭގައި އަމަލުކުރަމުން އައި ގޮތް،" އިމްރާން ވިދާޅުވިއެވެ.
އިމްރާންގެ އެ ވާހަކަތަކާއި ގުޅިގެން ޖަމީލް ވިދާޅުވީ ދީނަށް ވުރެ އިމްރާނަށް މަގާމު މުހިންމުވީ މިންވަރު މިއަދު ހާމަވެެއްޖެ ކަމަށެވެ. އަދި ވިދާޅުވީ ސުޕްރީމް ކޯޓުން ދަމަހައްޓާ މަރުގެ ހުކުމްތައް ތަންފީޒު ނުކުރުމުގެ ބާރު ސަރުކާރަކަށް ނޯންނާނެ ކަމަށެވެ. އަދި އެފަދަ މީހުން ޖަލުގައި ގެންގުޅެނީ ކޮން ގާނޫނަކުން ބާރު ލިބިގެންތޯ ސުވާލު ކުރެއްވިއެވެ. ޖަމީލް ވަނީ މަރުގެ ހުކުމް ފަރުލު ކުރައްވާފައިވާކަން ހަނދާންކޮށްދެއްވާ މާތްﷲގެ ހުކުމްފުޅުތަކަށް ގޮންޖައްސަވަނީތޯވެސް ސުވާލު ކުރައްވާފައެވެ.
ދީނަށް ވުރެ އިމްރާނަށް [ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ] މަގާމް މުހިންމުވީ މިންވަރު މިއަދު ހާމަވެެއްޖެ. މާތްالله ގެ ހުކުމަށް ގޮންޖެހީތޯ. ސުޕްރީމް ކޯޓުން ދަމަހައްޓާ މަރުގެ ހުކުމްތައް ތަންފީޒު ނުކުރުމުގެ ބާރު ސަރުކާރަކަށް ނޯންނާނެ. އެމީހުން ޖަލުގައި ގެންގުޅެނީ ކޮން ގާނޫނަކުން ބާރުލިބިގެންޑރ. މުހައްމަދު ޖަމީލް އަހުމަދު | ކުރީގެ ނާއިބު ރައީސް
އިމްރާން ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭގޮތުން ނިމިދިޔަ ސަރުކާރުތަކުން އެކި ފަހަރު އެކި ތަނުގައި އެކި ގޮތަށް ވާހަކަ ދައްކަނީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ބުނި ނަމަވެސް އެ ސަރުކާރު ނިމިގެން ދިޔައިރު ވެސް މަރުގެ ހުކުމް ތަންފީޒު ކޮށްފައެއް ނުވެ އެވެ. އެކަމަށް އިޝާރާތް ކުރައްވާ އިމްރާން ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ވެސް މަރުގެ ހުކުމް ތަންފީޒު ކުރުމުގައި އަމަލުކުރީ ކުރީގެ ސަރުކާރުތަކުން އަމަލުކުރި ގޮތަށް ކަމަށެވެ.
މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭގޮތުން މިނިސްޓަރު އިމްރާން ސާފު ޖަވާބެއް ނުދެއްވުމުން މަޖިލީހުގެ އިދިކޮޅު މެންބަރުންނާއި އެހެން ޕާޓީތަކުގެ މަދު ބައެއް މެންބަރުން ވެސް ވަނީ މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭގޮތުން މިނިސްޓަރުގެ ސާފު ޖަވާބެއް ހޯއްދެވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފަ އެވެ. އިތުރު ސުވާލުކުރުމުގެ ވަގުތުގައި މެންބަރުންނަށް ލިބިވަޑައިގެންނެވި ފުރުސަތުގައި މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭ ގޮތުން ކުރެއްވި ސުވާލުތަކަށް ވެސް އަދި ނިޒާމީ މައްސަލަ ނަންގަވައިގެން އެ މައުލޫގައ މެންބަރުން ކުރެއްވި ސުވާލުތަކަށް ވެސް މިނިސްޓަރު ޖަވާބު ދެއްވުމަށް މަޖިލީހުގެ ރިޔާސަތުން ރައީސް މުހައްމަދު ނަޝީދު މިއަދު ފުރުސަތު ދެއްވާފަ އެއް ނުވެ އެވެ.
އަމިއްލަފުޅަށް އެދިވަޑައިގެން ހޯމް މިނިސްޓަރު ކަމަށް ވަޑައިގެންނެވި އިމްރާން އަބްދުﷲ، އެ މަގާމަށް ވަޑައިގެންނެވި ފަހުން ކުރީން ވަކާލާތު ކުރައްވަމުން އައި އެތައް ކަމެއް ވަނީ ދޫކޮށްލައްވާފައެވެ. އަމިއްލަފުޅު ދިރިއުޅުއްވުމުގައި ގެންގުޅުއްވި ގޮތްތައްވެސް ވަނީ ބަދަލު ކުރައްވާފައެވެ. އެކަންކަމާއި ގުޅިގެން އޭނާއަށް ވަރަށް ބޮޑު ފާޑުކިޔުމެއް އޮވެއެވެ. އަދި އެކި މައްސަލަތަކުގައި ތަފާތު އެކި ގޮތްގޮތަށް އެވަގުތަކު ހުންނަވާ ސިޔާސީ ވިސްނުމަކާއި އެއްގޮތަށް ވާހަކަ ދައްކަވާތީވެސް އާންމުންގެ ވަރަށް ބޮޑެތި ފާޑުކިޔުން އިމްރާނަށް އަމާޒުވެއެވެ. ހާއްސަކޮށް ދީނީ އިލްމުވެރިއަކަށް ހުންނަވާ އެފަދަ ވާހަކަތައް ދައްކަވާތީ އާންމުން ވަރަށް ރުޅިވެރިކަމާއެކު އިމްރާނަށް ބަސް ރައްދު ކުރެއެވެ.