ޑރ. މުހައްމަދު ޖަމީލް އަހުމަދު

ހޯމް މިނިސްޓަރު ކޮބައިތޯ ސުވާލުކުރައްވައިފި

ޖަރީމާތައް އާންމުވެ ފެތުރިގެން ދިޔައިރު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކޮބައިތޯ ކުރީގެ ހޯމް މިނިސްޓަރު އަދި ނާއިބު ރަައީސްކަން ކުރެއްވި ޑރ. މުހައްމަދު ޖަމީލްް އަހުމަދު ސުވާލު ކުރައްވައިފި އެވެ.

ޖަމީލް، މި ސުވާލު ކުރެއްވީ އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކާއި ގުރޫޕް ހަދައިގެން އެފަދަ އަމަލުތައް ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވެފައި ވަނިކޮށެވެ. ވީޑިއޯތަކުގައި ނުފޫޒު ގަދަ ބޭފުޅުން ފެނިގެންދެއެވެ. އެކަމާއި ގުޅިގެން ފުލުހުން ވަނީ ތަހުގީގެއް ފަށާފައެވެ.

ކުރީން ހޯމް މިނިސްޓަރުކަންވެސް ކުރެއްވި ޖަމީލް ވިދާޅުވި ގޮތުގައި ޒިންމާ އުފުއްލެވުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބިރުގަނެގެން ނުވާނެ އެވެ. އަދި މި ފަދަ ޖަރީމާތައް އާންމުވެ ފެތުރިގެން ދިޔައިރު ފުލުހުން ކޮބައިތޯ ސުވާލު ކުރެއްވިއެވެ. އަދި ވިދާޅުވީ ފޯކަސް ގެއްލި ބާރުގަދަ ފަރާތްތަކާއިމެދު ފިޔަވަޅު ނޭޅިފައި އޮތުމަކީ ކަންބޮޑުވުމެކެވެ.

"މި ހިސާބަށް ހާލަތު ދިޔައިރު ވަޒީރު [އިމްރާން އަބްދުﷲ] ކޮބާ،" ޖަމީލް ސުވާލު ކުރެއްވިއެވެ.

އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯގައި ފެންނަނީ ނާޒިމް ކަން ޔަގީންވާ ކަމަށް ސޯޝަލް މީޑިއާގައި އެތައް ބަޔަކު ބުނަމުން ދަނިކޮށް އެ މައްސަލަ ފުލުހުން ވަނީ ބަލަން ފަށާފައެވެ. އަދި މިހާރު އޭނާގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓާފައެވެ. އާންމުވެފައިވާ ވީޑިއޯގައި ފެންނަނީ ނާޒިމް އާއި ބިދޭސީ ފިރިހެނަކު ގުޅުން ހިންގާ މަންޒަރު ކަމަށް ބުނެވެއެވެ.

އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ކަމަށް ބެލެވޭ މީހެއްގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއްގެ މައްސަލަވެސް ފެންމަތިވެފައެވެ. އެ މައްސަލަވެސް ފުލުހުން މިހާރު ދަނީ ބަލަމުންނެވެ. މީގެ އިތުރުންވެސް އިތުރު ބައެއް ވީޑިއޯ ވަނީ އާންމުވެފައެވެ.