ބޭރު ކުޅިވަރު

ޒިދާން އަމާޒަކީ މި ސީޒަނުގައި ރެއާލް އަށް ތައްޓެއް ހޯދައިދިނުން

މި ސީޒަނުގައި ތައްޓެއް ހޯދުމަކީ އޭނާގެ އަމާޒު ކަމަށް ރެއާލް މެޑްރިޑުގެ އާ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.

އޭނާ މިހެން ބުނީ އެންމެ ހަ މަހަށް ފަހު ކޯޗުކަމުން ރަފާ ބެނީޓޭޒް ވަކިކުރުމަށްފަހު މި ސީޒަނުގެ ނިޔަލަށް ޒިދާންއާ ޓީމު ހަވާލުކުރިކަން އެންގުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.

"އަހަރެން ބޭނުންވޭ މިއޮތް ފައްކާ ޓީމަށް ކޯޗުކޮށްދިނުމުގެ ފުރުސަތު އަހަންނަށް ދިނީތީވެ ކުލަބަށާއި ކުލަބުގެ ރައީސް ޝުކުރު އަދާކުރަން. މިއަދަކީ އަހަންނަށް ވަރަށް ހާއްސަ ދުވަހެއް. އަހަރެން ކުޅުންތެރިއެއްގެ ގޮތުގައި (ރެއާލް އަށް) ސޮއިކުރި ދުވަހަށްވުރެ މިއަދު އުފާވޭ. އަހަރެންގެ ހިތް ވަނީ ރެއާލް މެޑްރިޑާއެކު،" 2001 ވަނަ އަހަރު ދުނިޔޭގެ ރެކޯޑް ފީއަކަށް ރެއާލް އަށް ސޮއިކުރި ޒިދާން ބުންޏެވެ.

"އަހަރުމެންގެ މި އޮތީ ވަރަށް ރަނގަޅު ޓީމެއް. ދުނިޔޭގެ އެންމެ ރަނގަޅު ސަޕޯޓަރުން ތިބީ ވެސް މި ކުލަބުގައި. މި ސީޒަނުގައި ކޮންމެ ވެސް އެއްޗެއް (ތައްޓެއް) ކާމިޔާބު ކުރެވޭތޯ އަހަންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން. އެންމެ މުހިންމު ކަމަކީ މާދަމާ ޓީމާއެކު މަސައްކަތް ފެށުން،" ޒިދާން ބުންޏެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދާފައިވާ ޒިދާން އަކީ ފްރާންސްގެ ކުރީގެ ކެޕްޓަން އެވެ. އެ ގައުމަށް 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމަށް ފައިނަލް މެޗުގައި ބްރެޒިލް ކޮޅަށް ދެ ލަނޑު ޖެހީ ވެސް އޭނާ އެވެ. އޭގެ އިތުރުން 2000 ވަނަ އަހަރުގެ ޔޫރޯ ފްރާންސަށް ކާމިޔާބުކޮށްދީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލަށް ފްރާންސް ގެންގޮސްދިނުމުގައި ޒިދާންގެ ހިއްސާ ވަރަށް ބޮޑެވެ.

އޭނާ އަކީ 2002 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ރެއާލް މެޑްރިޑަށް ކާމިޔާބުކޮށްދޭން ލަނޑު ޖެހި ކުޅުންތެރިޔާ ވެސްމެ އެވެ. އޭގެ ފަހުން ފުރަތަމަ ފަހަރަށް 2014 ވަނަ އަހަރު ރެއާލް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިއިރު ޒިދާނަކީ އެއިރުގެ ކޯޗު ކާލޯ އެންޗެލޯޓީގެ އެސިސްޓެންޓް ކޯޗެވެ.