ޔޫއޭއީގެ އަބޫ ދާބީގައި މިދިޔަ ހަފުތާ ބަންދުގައި ބޭއްވި ބޮލީވުޑް ފިލްމުތަކަށް ދޭ އެވޯޑެއް ކަމަށްވާ އައިފާ އެވޯޑު ހަފުލާގެ ކުރީ ގޮނޑިބަރީގައި ސަލްމާން ޚާނާއި އަބީޝެކް ބައްޗަން ވަރަށް ކައިރި ކައިރީގައި ތިބެ ވާޙަކަ ދައްކަނިކޮށް ފެންނަ ފޮޓޯތަކާއި ވީޑިއޯތައް އާންމުވެ ފޭނުން ވަރަށް އުފާވެއްޖެ އެވެ.
މި ދެ އެކްޓަރުން އިށީނދެ ތިބި ދެ ގޮނޑީގެ ދެމެދުގައި އިނީ އެންމެ މީހެކެވެ. އެއީ ޔޫއޭއީގެ ކަލްޗާ، ޔޫތު، ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ވެރިޔާ ޝެއިޚް ނަހްޔާން ބިން މުބާރަކް ބިން ނަހްޔާން އެވެ.
މި ވީޑިއޯގައި ޝެއިޚް އާއެކު ސަލްމާނާއި އަބީޝެކް ވަރަށް އޮލަ ވާޙަކަތަކެއް ދައްކަމުން ދިޔަތަން ފެނެ އެވެ.
އަބީޝެކް އާއި ސަލްމާން ވާހަކަ ދައްކާ މަންޒަރު ފެނުމުން ފޭނުން އެހާ އުފާވީ މި ދެ އެކްޓަރުންގެ މެދުގައި އޮތް ޒަމާންވީ ރުޅިވެރިކަން ނިމުމަކަށް ގެނައިކަން އެނގުމުންނެވެ.
އަބީޝެކް ކައިވެނިކުރީ ސަލްމާންގެ ކުރީގެ ލޯބިވެރިޔާ އައިޝްވަރިޔާ ރާއީ އާއެވެ. އޭގެ ފަހުން އަބީޝެކް އާއި ސަލްމާން ވާހަކަ ދައްކާ ނޫޅޭކަމަށް ވެއެވެ.
ސަލްމާން އަބަދުވެސް އައިޝްވަރިޔާ ދެކެ ވަރަށް ލޯބިވާކަން އަބީޝެކް އަށް ވެސް އަދި އޭނާ ދަންނަ އެންމެންނަށް ވެސް އެނގެ އެވެ. އެހެންވެ އަބީޝެކް އާ އައިޝްވަރިޔާ ކައިވެނި ކުރުމުން އޭނާ ހުރީ އަބީޝެކް ދެކެ ވަރަށް ރުޅިއައިސްފަ އެވެ.
މިފަހަރުގެ އައިފާ އެވޯޑަށް ބޮލީވުޑް ތަރިން އަބޫ ދަބީއައިސް ފުރަތަމަ އޮތް ގްރީން ކާޕެޓް ހިނގާލުމުގައި ވެސް އަބީޝެކް ވަނީ އައިޝްވަރިޔާ ކައިރީގައި ހުރެފައި ސަލްމާން ފެނުމުން އޭނާ ކައިރިއަށް ގޮސް ސަލާން ކޮށްފަ އެވެ. މި ދެ އެކްޓަރުންގެ މެދުގައި އޮތް ރުޅިވެރިކަން ނިމުމަކަށް އައީ މި ސަލާމަށްފަހު ކަމަށް ބައެއް މީހުން ލަފާ ކުރެ އެވެ.
އަބީޝެކް އާއި ސަލްމާން ވާޙަކަ ދައްކަނިކޮށް ފެންނަ ވީޑިއޯ އަށް ކޮމެންޓުކުރަމުން އެކަކު ބުނީ މި ދެ މީހުން މި ދެއްކީ ހަރުދަނާ މީހުންގެ ހުންނަން ޖެހޭ ސިފަ ކަމަށެވެ. އަދި އެއް ފްރޭމަކުން ދެ މީހުން ފެނުމުން ވަރަށް އުފާވެއްޖެ ކަމަށެވެ.
ދެ ވަނަ މީހަކު ބުނީ މި މަންޒަރަކީ ވަރަށް މަދު ފަހަރަކު ނޫނީ ނުފެންނާނެ މަންޒަރެއް ކަމަށެވެ.