ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ކެޕްޓަން ސުނިލް ޗެތްރީ ޖެހި ލަނޑުން 2-1އިން ޗެމްޕިއަން އަފްގާނިސްތާން ބަލިކޮށް ސާފް ސުޒުކީ ކަޕް އިންޑިޔާ ކާމިޔާބުކޮށްފި އެވެ.
މިއީ 1997 ވަނަ އަހަރު ބާއްވަން ފެށި މުބާރާތް އިންޑިޔާ ކާމިޔާބުކުރި ހަ ވަނަ ފަހަރެވެ. އަދި މިއީ 2013 ވަނަ އަހަރު އަފްގާނިސްތާން އަތުން ފައިނަލުގައި ބަލިވެ ތަށި ގެއްލުމުން އިންޑިޔާއިން އަފްގާނަށް ދިން ރަނގަޅު ރައްދެކެވެ.
މިރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖެހީ 70 ވަނަ މިނިޓްގައި އަފްގާނިސްތާނުގެ ޒުބައިރު އާމިރީ އެވެ. އެކަމަކު އޭގެ ދެ މިނިޓް ފަހުން ސުނިލް ޗެތްރީ ދިން ބޯޅައަކުން ޖޭޖޭ ލަލްޕެކޫލާ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކުރި އެވެ.
މި ފަހަރުގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތެރީ އެވެ. އޭނާ އަށް އިނާމެއްގެ ގޮތުން 10000 ޑޮލަރު ދީފައިވެ އެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖަހައިގެން މުބާރާތުގެ ރަންބޫޓު ގެންދިޔައީ އަފްގާނިސްތާނުގެ ހައިބަރު އަމާނީ އެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކީ ދިވެހިރާއްޖެ އެވެ. ރާއްޖޭގެ ފަރާތުން މި އިނާމާ ހަވާލުވީ ގައުމީ ޓީމުގެ ފިޒީޝަން އަދި އެފްއޭއެމުގެ ނޯމަލައިޒޭޝަން ކޮމިޓީގެ ވައިސް ޗެއާމަން އަހުމަދު ޝަކީބެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް ދީފައިވަނީ 50000 އެމެރިކާ ޑޮލަރެވެ. ދެ ވަނަ ޓީމަށް 25000 ޑޮލަރު އަދި ތިން ވަނަ ލިބުނު ދިވެހިރާއްޖެ އާއި ހަތަރު ވަނަ ސްރީލަންކާ އަށް 10000 ޑޮލަރެވެ.
އަފްގާނިސްތާން މީގެ ފަހުން މި މުބާރާތުގައި ވާދަނުކުރަން ނިންމާފައިވާއިރު މިއީ އެ ގައުމަށް ލިބުނު ވަރަށް ބޮޑު ނާކާމިޔާބީއެކެވެ. މުބާރާތުގައި މިހާތަނަށް ކޮންމެ މެޗެއް ތަފާތު ބޮޑުކޮށް ކާމިޔާބުކުރަމުން އުދުހިފައި އައި އަފްގާނިސްތާނަށް ވުރެ ހުރިހާ ގޮތަކުން ވެސް މޮޅަށް ކުޅުނީ އިންޑިޔާ އެވެ.
މެޗުގެ އިތުރު ވަގުތުގައި އަފްގާނިސްތާނުގެ ކޯޗު ޕީޓަ ސެގަޓް ބެންޗުން ވެސް ފޮނުވާލި އެވެ. އެއީ ޕެނަލްޓީ އޭރިޔާ ތެރެއިން އިންޑިޔާގެ ކުޅުންތެރިއެއްގެ އަތުގައި ޖެހުނު ކަމަށް އަފްގާން ކުޅުންތެރިން އެޕީލް ކުރި ނަމަވެސް ރެފްރީ އަޅާނުލުމުން އެކަމާ ހިތްހަމަނުޖެހުން ފާޅު ކުރުމުންނެވެ.
މދިޔަ ޑިސެމްބަރު 23 އިން މިއަދުގެ ނިޔަަލަށް އިންޑިޔާގައި ބޭއްވި މު މުބާރާތަށް ފަހު ދެން މި މުބާރާތް ދެން އޮންނާނީ 2017 ވަނަ އަހަރު އެވެ. މުބާރާތް ބާއްވާނެ ގައުމެއް އަދި ފައިނަލް ނުކުރެ އެވެ.