ވާހަކަ

އިޙްސާސްވޭ

( 5 ޖޫން 2022 އާ ގުޅޭ )

"މީނަ ބިޓެއް ނެގީތަ؟." މަރިޔަމް ކުއްލިއަކަށް އިނދެފައި އެންމެންގެ ކައިރީ އަހާލިއެވެ. މަލަކް ފޯނާ ހެދި އެވަރަކުން އުޅޭތަން ފެނިގެންނެވެ. ނުވިތާކަށް ފޯނު ރިންގުވާން ފެށުމުން އޭނާ އެކުވެރީން ދޫކޮށް އެކަހެރިވެލީއެވެ.

"ހެލޯ..." ހިސާބަކަށް ޖެހިލުންވެ ހުރެ މަލަކް ގޮވާލިއެވެ.

"ހެލޯ މަލާކް." އެ އިވުނީ ފިރިހެންވަންތަ އަޑެއްކަން ގައިމެވެ. ކަންފަތުގައި ފޯނު ޖައްސާލައިގެން ހުރި މަލަކްގެ ތުންފަތް ދެމިލިއެވެ. ފުރަތަމަ އިވުލުމުން ވެސް މަލަކްގެ ހިތް އަވަސްކުރުވައިފިއެވެ. ހަށިގަނޑުގެ ލޯލިތައް ކޮޅެއް ޖެހޭފަދަ އަސަރެއް ޔަގީނުން ވެސް އެ އަޑުގައި އެބަހުއްޓެވެ.

"މިވަގުތު ކޯލެއްގަ ހުރެވޭކަށްނެތް. މިގުޅީ ޔަގީންކޮށްލަދޭން. އޯކޭތަ ފަހުން ގުޅާލިޔަސް." އެއްޗެކޭ ނުބުނެވިފައި މަލަކް ހުއްޓާ އެ ޒުވާނާ ވާހަކަދެއްކިއެވެ. އެވަގުތު އިތުރު މީހެއްގެ އަޑު ފޯނުން އިވުނުހެން ވެސް މަލަކްއަށް ހީވިއެވެ.

"އައި ޑޯންޓް ޓޯކް ޓު ސްޓްރޭންޖާސް." ތުއިގޮތަކަށް މަލަކް ބުނެލިއެވެ. އެހިނދު އެ ޒުވާނާ ހީނލި އަޑު އިވުނެވެ. އެއާއެކު މަލަކްއަށް ތިރީތުންފަތުގައި ދަތް އަޅާލެވުނެވެ. އަޑުގައި ހުރި ހިތްގައިމުކަމެއްގެ ސަބަބުން މަލަކްގެ ހިތް އުއްކޮޅެއް ފަދައިން ވިރުގެން ދިޔަހެން ހީވިއެވެ. ހީނލާއިރު ވެސް ހާދަ ފިރިހެންވަންތައޭ މަލަކްގެ ހިތް ބުނެލައިފިއެވެ.

"ބާއި." ގިނަ ވާހަކަތަކެއް އެ ޒުވާނާ ނުދެއްކިއެވެ. ފޯނުކޯލު ކުރުކޮށްލުމުން މަލަކްގެ ހިތަށް ނުތަނަވަސްކަން ލިބުނެވެ. އޭނާ އެ ހުރީ އެއީ ކޮންމެ މީހަކަށް ވިޔަސް އިތުރަށް ވާހަކަދައްކާލާ ހިތްވެފައެވެ. މިވީ ގޮތުން ކާކުތޯ އެނގެން އޭނާގެ ހިތް ކުއްލިއަކަށް ކެތްމަދުވާން ފެށިއެވެ. ފޯނުކޯލު ކެނޑުމުން ވެސް ފޯނަށް ބަލަން އިރުކޮޅަކު އޭނާ ހުއްޓެވެ. އެއަށްފަހު މަލަކް އެނބުރިލީ އިށީންނަން ދާށެވެ. އޭރު ބެންޗުގައި ތިބި ހުރިހާ ރައްޓެހިންގެ ލޯތައް ވަނީ އޭނާއަށް އަމާޒުވެފައެވެ. ހަލުވިކޮށް އައިސް ކުރީން އިންތަނުގައި މަލަކް އިށީނެވެ.

"ޖުމާ ބުނެފި ރަޒާންއާ ރައްޓެހިވެގެންނޭ އަދިވެސް އުޅެނީ. އަހަރެން ހީކުރީ އެކަން ނިމުނީކަމަށް... އަނެއްކާ އެކަން ނިންމާނުލާ އެހެންކަމެއް ފެށީތަ." މަރިޔަމް ވަގުތުން ސުވާލުކުރިއެވެ. ރަޒާންދެކެ ފޫހިވެގެން މަލަކް ދެއްކި ވާހަކަތައް މަރިޔަމް ހަނދާން އެބަހުއްޓެވެ. އެ ވާހަކަތަކުން މަރިޔަމަށް ވިސްނިފައި އޮތީ ރަޒާންއާއެކު އޮތް ލޯބީގެ ގުޅުން މަލަކް ކުރިޔަށް ގެންދާން ބޭނުންނުވާކަމެވެ. ވީއިރު އެންމެ ދުވަހަކުވެސް އެ ގުޅުމުގެ ތެރޭ ހުންނާން މަލަކްއަށް ދަތިކަމަކަށްވާނޭކަމެވެ.

"ރަޒާން... އާގް!... ފޮގެޓް ހިމް. އެކަން ނިމިއްޖެޔޭ ހީކޮށްލާ. އެޔެއްނޫނޭ!. ސަމްތިންގް އިންޓަރެސްޓިން ހެޕެންޑް... ރޭގަ ޕާޓީގަ. ކާކުކަމެއް ނޭނގޭ... އެހެންވެ ވަކިން ބޮޑަށް އޭނާއާމެދު ކިއުރިއަސްވެއްޖެ...އެނގޭތަ..." ރަޒާންގެ ނަމާއެކު މަލަކްގެ މޫނަށް ފޫހި ވައްތަރެއް ޖައްސާލިއެވެ. ދެން އޭނާ ފެށި ވާހަކައާއެކު އެ ދެ ލޮލުން ތަފާތު ދިރުމެއް ފާޅުވެލިއެވެ. ގޮތް ނޭނގޭ ޒުވާނާއާ ބެހޭގޮތުން އެކުވެރީންނާ މަލަކް ޚިއްޞާކުރިއެވެ.

"އަޑު ކިތަންމެ ފިރިހެންވިޔަސް މީހާ ހުރެދާނެ ކޮންމެފަދަ ގޮތަކަށްވެސް. އިންސްޓަގްރާމުން، ފޭސްބުކްއިން... މިއިން އެއްވެސް ތަނަކުން ފެންނަ މީހަކަށް އަހަރެން އިތުބާރެއް ނުކުރާނަން. މޫނު ރީއްޗަށް މީހާ ހުންނާނޭ ގޮތެއް ނޭނގޭނެ. ފިލްޓާއަކާއި ނުލާ ފޮޓޯއެއް ނުނަގާނެ. ޕްރޮފައިލް ފޮޓޯގަ ގިނަފަހަރު އިންނަ ފޮޓޯއެއް އެކައްޗެއް ވެސް ނޭނގޭނެ. އަސްލު މީހާ ފެންނައިރު މިއެނގެނީ މީ ކިހާވަރެއްގެ މީހެއްކަން. މަ ސަލާން... މަލްއަށް ހެޔޮ ދޯ ކޮންމެ މީހަކަސް. ތިހެން އުޅެނިކޮށް ލަނޑެއް ލިބިދާނެ." މަރިޔަމްގެ ކަނާއަތް ފަރާތުގައި އިން ޔޫލީ ބުންޏެވެ.

"ޔޫލީ އެކަހަލަ އެކްސްޕީރިއެންސްއެއް ކުރެވުނީމަ އެބުނީ." ޖުމާ ބުންޏެވެ.

"މަ ހާދަ ކަޑަވީ ދުވަހެކޭ އެއީ. ވަރަށް އުންމީދާއެކީ މީޓުކުރާން އެއްބަސްވީ." މޫނުކުނިކޮށްގެން އިނދެ ޔޫލީއަށް ބުނެވުނެވެ.

އެކުވެރީންގެ ވާހަކަތަކުން މަލަކްގެ ހިތުގައި އުފެދެމުން އައި ޝައުގުވެރިކަމަށް ކުޑަ ވެސް ބަދަލެއް ނައެވެ. އެންމެންގެ ތެރޭ އިންއިރު ވެސް އޭނާއަށް ވިސްނެނީ ކަންފަތަށް އިވުނު އަޑާ މެދުއެވެ. އެއީ ކާކުބާއެވެ. އޭނާގެ ވާހަކައިން ދެ މީހުން ކުރީން ބައްދަލުވެފައި ހުރިހެން ހީވެއެވެ. އެކަމަކު މަލަކްގެ ހަނދާނުގައި އެ އަޑު ރައްކާކުރެވިފައި ނެތެވެ. އެހެންވާނީ ކިހިނެއް ހެއްޔެވެ. އެފަދަ ޖާދުވީ ފިރިހެންވަންތަ އަޑެއް މަލަކްއަށް ނޭނގެންވީ ކީއްވެ ހެއްޔެވެ.

* * * * *

އައިރިކްގެ އަތުގައި ހިފާލުމާއެކު ފަޒްނާ އާދޭސްކޮށްލިއެވެ. މަޑުމަޑުން އައިރިކްގެ ކޮނޑުގައި އޭނާ ފިރުމަމުން ވާހަކަދެއްކިއެވެ. ދަރިއަކައިގެން އުޅޭހާ އޯގާތެރިކަމާއި ލޯބި ފަޒްނާގެ ކޮންމެ ހަރަކާތެއްގައި ވިއެވެ.

"ދަރިފުޅަށް ތިހެންވީމަ މަންމަ ހާދަ ރުޔޭ. މިހާރު ހަމަޖެހިފައި ހުރިހެން ހީވިޔަސް އަދިވެސް ޝަބްނަމް ހަމައަކަށް ނޭޅޭ. ވަރުގަދަ އިމްތިހާނެއް ކުރިމަތިވެފަ މިވަނީ ހަމައެކަނި އައިރިކްއަށް އެކަންޏެއްނޫން. ދަރިފުޅުގެ ލޮލަށް ނުފެންނާތީ މަންމައާއި ބައްޕަ ވެސް އެކަމާ ހާދަ ފިކުރެއް ކުރެޔޭ. ކެތްކުރާންވާނެއެއްނު. ބައްޕަ ބުނުއްވިހެން އައިރިކްއަކީ މިގޭގެ އެންމެ ބަސްއަހާ ކުއްޖާ. އެކަހެރިވެގެން ނޫޅެ މީހުންގެ ތެރެއަށް ނުކުންނަން މަސައްކަތްކުރަންވާނެ. ގެއިން ބޭރަށް ނުކުންނާކަށް އެކަކުވެސް ނުބުނޭ... އެކަމަކު... މި ކޮޓަރިން ނުކުމެ އުޅެވޭނެއެއްނު. މީ ދަރިފުޅަށް އާ މާޙައުލެއްނޫން. ޢާއިލާއާއެކު ނާސްތާގައި ބައިވެރިވެ..."

"ލޮލަށް ފެންނަ މީހަކަށް އިޙްސާސް ވެސް ނުކުރެވޭނެ ލޮލަށް ނުފެނުނީމަ ވާގޮތެއް. އެކަކަށް ވެސް ނުވިސްނޭނެ." ކުއްލިއަކަށް އައިރިކް މިހެން ބުނެލިއިރު އެ އަޑުގައިވީ ހަރުކަށިކަމެވެ. އޭނާގެ ނަމުން ފަޒްނާ ގޮވާލިއެވެ.

"ހެޔޮނުވާނެ! ފަޒްނައްތަ މިތަނުން ދޭ. އެކަކުވެސް މިތަނަށް ނާދެބަލަ." ކުރިޔަށްވުރެ ވެސް އައިރިކްގެ އަޑު ގަދަވިއެވެ. މީހުން ހަމްދަރުދީވާވަރަކަށް އޭނާގެ ރުޅިވަނީ ހައްތަހާ ގަދައެވެ. ރަނގަޅު ނަސޭޙަތެއް ދިނަސް އެވެސް ހީވަނީ އޭނާއާ މެދެ ވާ ހަމްދަރުދީ ހެންނެވެ.

އައިރިކްގެ ގާތުން ފަޒްނާ ދުރަށް ޖެހިލިއެވެ. އޭނާ އާދޭސްކޮށް އަތުން ލަވައިދީގެން ކޮންމެވެސް ވަރަކަށް ހެނދުނުގެ ނާސްތާ އައިރިކް ކޮށްފިއެވެ. އެވަރުން ފަޒްނާ ހިތްހަމަޖައްސާލީއެވެ. ތަބަށް ހިފައިގެން އޭނާ ނުކުމެގެން ދިޔަކަން އައިރިކްއަށް އެނގުނެވެ. މޫނުގައި ދެއަތުން ފިރުމާލާފައި މާޔޫސްކަމުގެ ފުންނޭވާއެއް އޭނާ ދޫކޮށްލިއެވެ.

* * * * *

މެންދުރުގެ ވަގުތެވެ. ރެސްޓޯރެންޓެއްގެ މޭޒުދޮށުގައި އައިތަންއާއެކު ރަޒާ އިނެވެ. ދެ އެކުވެރީންގެ މެދުގައި ދެކެވެމުންދިޔައީ އަމިއްލަ ދިރިއުޅުމުގެ ވާހަކައެވެ. އައިތަންގެ ޒަވާޖީ ހަޔާތް ނިމުމަކަށް ގެންނަން ގަސްދުކުރާކަން އެކުވެރިޔާއާ އޭނާ ޚިއްޞާކުރިއެވެ. އެހެންވެ މިހާރު އޭނާ ވެސް ފާޑަކަށް މަންމަމެން ގެއަށް ބަދަލުވެގެންކަން އުޅެނީ ބުންޏެވެ.

"ރިއާ ކަމުނުދާންވީ ކީއްވެ. ތިދެމީހުން އެކީގަ ކިހާ ދުވަހަކު އުޅުނިން." ރަޒާއަށް ބުނެވުނެވެ.

"އޭނާއަށް އަހަރެން ފެންނަނީ ދެ ކަމެއް ބޭނުންވެގެން." ކަނާއަތުން ދެ އިނގިލި ދައްކާލަމުން އައިތަން ބުންޏެވެ.

"ސެކްސް އެންޑް މަނީ." އައިތަން ބުނި ގޮތުން ރަޒާ ހީނލިއެވެ.

"ކިހާ މުހިންމު ދެ ކަމެއް އެއީ... އަސްލު ތިއުޅެނީ އާކޮށްލާ ހިތުން ދޯ. ނީންނައިރު ވެސް ތި ދެ މީހުން އުޅުނީ އިނދެގެން އުޅޭ ބައެއްހެން. އެހެންވެ މިހާރު އެ އެކްސައިޓްމެންޓް ނެތުނީމަ ފޫހިވީ." ރަޒާ ހެދީ ސަމާސާއަކަށެވެ.

"ތެދަށް ބުނަންޏާ ވަރަށް ފީކަޅާކޮށް ފެށުނު ދިރިއުޅުމެއްމީ. ވިސްނުނީ އަދިކިރިޔާ. އަހަރެން އުފާކުރާން ކަލޭ ބޭނުންވި ކަހަލަ އަނތްބެއް ކަލެޔަށް ލިބުނީމަ." ޚިޔާލަކަށް ގެއްލި އިނދެ އައިތަން ބުންޏެވެ.

"ބޭނުންވާ ކަހަލަ ވައިފެއް ލިބުމަކުން ވަކި ދިރިއުޅުން ސްމޫތެއްނުވި. އަސްލު މައްސަލައަކީ މައިއެއްނޫން. ފެމެލީތެރޭގަ ދިރިއުޅުމަކީ މިހާ އުނދަގޫ ކަމަކަށް ވެދާނޭ އަހަރެން ހިޔެއްނުކުރަން. މައި ވަރަށް ރަނގަޅު. އޭނާގެ ފެމެލީ ވެސް ވަރަށް ނައިސް. ޓިއުން ދިމާނުވެގެން މިއުޅެނީ އަހަރެންގެ ސައިޑުން." ރަޒާ ބުންޏެވެ.

"ގެއިން ނުވެސް ކަނީތަ؟. އެހެންވެތަ ލަންޗް ޕެކެއް ރެޑީކުރާން ބުނީ." އައިތަން އަހާލިއެވެ.

"ނޫން. ޓޭކްއަވޭއަކަށް އޯޑަރު ދިނީ އަހަރެން ލަންޗަށް ނުކުންނާތީ މައިއާއި އޭނާގެ ސިސްއަށް މިއަދު ކާން ގެނެސްދޭނަމޭ ބުނެވިފަ އޮތީމަ. އެމީހުން ތިބޭނީ ފިހާރައިގަ. ދާން ވެސް ވީ. ވަގުތެއް ނެތެއްނު. އޮފީހަށް އަހަރެން ވައްޓާލަދެއްޗޭ." ރަޒާ ބުންޏެވެ.

"ދަންޏާ ހިނގާ. އަހަރެން ވެސް އޮފީހާ ދިމާއަށް ދެން ދާނީ." އައިތަން ބުންޏެވެ.

ދެ އެކުވެރީން ރެސްޓޯރެންޓުން ނުކުމެގެން އައިސް ޕާކުކޮށްފައި އޮތް ކާރަށް އެރިއެވެ. ރަޒާ ދާންވީތަން ބުންޏެވެ. އެއާއެކު އައިތަންއަށް ހީވީ ކުރީން އޭނާއަށް އަޑުއިވިފައިވާ ތަނެއްގެ ނަން ރަޒާ ބުނިހެންނެވެ. ނަމަވެސް ކުއްލިއަކަށް ހަނދާންވާގޮތެއް ނުވިއެވެ. ފަސޭހައިން ދެވޭނީ ކިހިނެއްކަން ރަޒާ ކިޔާ ދިނުމުން އައިތަންއަށް ދާންވީ މަންޒިލް އެނގިއްޖެއެވެ.

"ސްވީޓް ތޯންސް... މީތަ މައިގެ ފިހާރައަކީ." ކާރު މަޑުކޮށްލަމުން އައިތަންއަށް ބުނެވުނީ ހައިރާންކަމާއެކުއެވެ. ރަޒާގެ އަނބިމީހާއާ ބެހޭ ގޮތުން އައިތަންއަށް މާބޮޑު އެއްޗެއް ނޭނގެއެވެ. ކިރިޔާވެސް ކަންކަން އެނގެނީ ދޭތެރެއަކުން ރަޒާ ދައްކާލާ ވާހަކައަކުންނެވެ.

"މައިގެ މަސައްކަތެއްނޫން މީ. އޭނަ ސިސްޓާގެ... އެކްސިޑެންޓްވި ސިސްޓާ." ފަހު ބަސްތައް ރަޒާގެ ދުލުން ނުކުތީ އުނދަގޫ ގޮތަކަށެވެ. އައިތަންގެ މޫނުން ވެސް ކުއްލި ބަދަލުތަކެއް ފާޅުވެލިއެވެ.

"އޭނަ އެބައުޅޭތަ؟." އައިތަންއަށް އަހާލެވުނީ ގަޔާނުވެ އިން ފަދައަކުންނެވެ.

"ހޫމް... އަންނާނަން މި ހަވާލުކޮށްފަ." ރަޒާ ބުނެލިއެވެ.

"ދޮންތި. މިދިމާއަށް ހުއްޓި ކާރު އެބަފެނޭތަ؟." ކުޑަ ގަސްމުށިގަނޑެއްގެ ވެލި ބަދަލުކުރާން މަސައްކަތްކުރާ މޭޒުދޮށުގައި އިން މާޔަލް އަހާލިއެވެ. އޭރު މައިރާ ހުރީ މޭޒުގެ އަނެއްފަރާތުގައި ކޮޅަށެވެ.

"އެ ކާރު ކިހިނެއްވީ." ފިހާރައިގެ ބިއްލޫރި ބިތައް އަވަސް ނަޒަރެއް ދީފައި މައިރާ ބުންޏެވެ.

"އިއްޔެ ފެނުނު ކާރުހެން ހީވަނީ. ބުނީމެންނު މީހަކު މަރުވާން އުޅުނިއްޔޭ. އެމީހާ އައި ކާރު އެއީ. ދޮންތިއަށް އެނގޭތަ، ބޯފަޅައިގެން ގޮސްފަ ހުއްޓަސް އަދިވެސް އަހަރެންގެ ހަނދާން ވަރަށް ގަދަވާނެ." ޖޯކެއް ބުނެލި ފަދައިން މާޔަލް ހީނލިއެވެ. ނަމަވެސް އިސްޖަހާލައިގެން ހުރި މައިރާގެ މޫނުވަނީ މިލާފައެވެ. ކޮއްކޮއަކީ ހަނދާންގަދަ ކުއްޖެއްކަން މައިރާއަށް އެނގެއެވެ. ތަޢުލީމީ ހަޔާތުގައި ކޮއްކޮގެ އެ ކުޅަދާނަކަން މުޅި ޢާއިލާއަށް ވެސް ފާހަގަވިއެވެ. ހިތް ވެސް އެހާ އައްޔެވެ. އެއްޗެއް ހިތުދަސްކުރުމަކީ މާޔަލްއަށް ފެންފޮދެއް ބޯލުން ފަދަ ކަމެކެވެ. އެހެންނަމަވެސް މައިރާގެ ހިތަށް އަސަރުކުރީ މާޔަލް އަމިއްލައަށް ހަޔާތުން ދުވަސްތަކެއް ހަނދާންނައްތާލައިފަ ވާއިރު އެކަން އެ ކޮއްކޮއަށް ނޭނގޭތީއެވެ.

"ރަޒާބެ." ބޭރުގައި އޮތް ކާރުން ރަޒާ ފޭބުމުން ހައިރާންކަމާއެކު ކުއްލިއަކަށް މާޔަލް ބުނެވުނެވެ. އެހިނދު މައިރާގެ ނަޒަރު ވެސް ބޭރަށް ހުއްޓިއްޖެއެވެ.

ރަޒާގެ ފަހަތުން އައިތަން އަންނާނެއެކޭ އޭނާ ހިޔެއް ނުކުރެއެވެ. އެހެންވިޔަސް އޭނާ އައިތަން ނުހުއްޓުވައެވެ. އައިތަންއަށް ރަޒާގެ އަންހެނުން މައިރާ ވަކިކުރާން އެނގެއެވެ. އެހެންނަމަވެސް އޭނާއަށް ނޭނގެނީ މައިރާގެ ޢާއިލާއެވެ. އޭނާގެ ކޮއްކޮމެންނެވެ. އެ ޢާއިލާގައި ގާތްގަނޑަކަށް އެއްވަރުގެ ތިން އަންހެންކުދީންކަން ތިބެނީ ރަޒާ އެއްފަހަރު ބުންޏެވެ. އެންމެ ބޮޑު ސިހުމެއް އައިތަންއަށް ލިބުނީ އޭނާގެ ބޭބެގެ އެކްސިޑެންޓުގައި ޝާމިލުވި އަންހެންކުއްޖަކީ މާޔަލްކަން އެނގުމުންނެވެ. އިއްޔެ މެންދުރު އައިރިކްގެ ގާތުގައި ވާރޭ ތެރޭ ކުޑައެއް ހިފަހައްޓާލައިގެން އެ އަންހެންކުއްޖާ ހުރި މަންޒަރު އައިތަންގެ ލޯމަތިން ސިފަވެގެން ދިޔައެވެ.

"ޝީ... ޝީ އިޒް ދަ ވަން." އައިތަންގެ ހިތް ލަސްލަހުން ބުނެލިއެވެ.

"ހާއި!... ހަނދާން އެބަހުރިތަ؟." މާޔަލް އަތް ހޫރާލީ ފިހާރައަށް ވަދެ ހުރި އައިތަންއަށެވެ. އަތަށް ލައްވާފައި އޮތް އަންގި ބޭލުމަށްފަހު މޭޒުމަތީ ބާއްވާލިއެވެ. އައިތަންގެ މޫނުގައިވީ ހައިރާންކަން ތަރުޖަމާކުރާން މާޔަލްއަކަށް ނޭނގުނެވެ. އެހެންވެ އޭނާ ދެން ބަލާލީ މައިރާގެ ގާތުގައި ހުއްޓިލި ރަޒާ އަށެވެ.

"ރަޒާބެ ފްރެންޑެއްތަ؟." މާޔަލް އަހާލިއެވެ.

"އާން!... މީ މާޔަލް އެންޑް ހީ އިޒް..." ރަޒާ އުޅުނީ އައިތަން ތަޢާރަފް ކޮށްދޭށެވެ. އެކަމަކު އޭނާއަށް ފުރިހަމަ ނުކުރެވިގެން އުޅެނިކޮށް ހަމައެވަގުތު އައިތަންގެ ނަން މާޔަލް ކިޔާލައިފިއެވެ.

"އައި ނޯ. އަހަރުމެން އިއްޔެ ބައްދަލުވި. ކޮބާ ޔޫގެ ސުއިސައިޑަލް ބްރަދަރ." މާޔަލް ހެވިފައި ހުރެ އައިތަން ކައިރީ އަހާލިއެވެ. ކުރިއަށްވުރެ ވެސް އައިތަން އަޖައިބުވިއެވެ.

"ޔޫ... ޔޫ ޑިޑް ދެޓް ޓު ހިމް... ހައު..." އައިތަންގެ ޖަޒުބާތުތައް ހިތުތެރޭ ކެކިގަތެވެ. ދުލާ ހަމައަށް އެންމެ ލަފުޒެއް ވެސް ނައެވެ.

"މައި... ފަހުން ގުޅާނަން. ލަސްވެއްޖެ... ދަނީ އިނގޭ." ރަޒާ ނިކަން އަވަސް އަރުވާލިއެވެ. މައިރާގެ ނިތްކުރީގައި ބޮސްދީފައި އޭނާ އެނބުރިލިއެވެ. އައިތަންގެ ކޮނޑުގައި މަޑުމަޑުން ޖަހާލަމުން އަވަހަށް އޭނާ ގޮވައިގެން އެ ފިހާރައިން ރަޒާ ނުކުތީއެވެ.

"ރަޒާ..." ކާރަށް އަރައި ހުންގާނުބުރުގައި ދެއަތުން ހިފަހައްޓާލަމުން އައިތަން ގޮވާލިއެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުންދަނީ ކޮންފަދަ ތޫފާނެއްކަމެއް ރަޒާއަކަށް ނޭނގެއެވެ. މާޔަލް ފެނުމުން މިހާ ބޮޑު ސިހުމެއް އައިތަންއަށް ލިބޭނެއެކޭ ރަޒާ ހިޔެއްނުކުރެއެވެ. މާޔަލްއާއި އައިރިކްގެ އެކްސިޑެންޓްގެ ވާހަކައަކީ އެ ދެމެދުގައި ދެކެވޭ ވާހަކައެއް ނޫނެވެ. އެހެންނަމަވެސް އެއީ ދެ މީހުންނަށް ވެސް އެނގިފައި އޮތް ހަގީގަތެކެވެ. އައިތަންއަށް ނޭނގެނީ އެ އަންހެންކުއްޖާ ހުންނަ ގޮތާއި ކިޔާ ނަމެވެ.

"ސޮރީ... ތި ވިސްނަނީ ރިކްއާމެދުތަ." ރަޒާ އަހާލިއެވެ.

"އޭނާ ހިތައް އެއްޗެއް ވެސް ނާރާތަ؟. އެއޮއްބޮޑު އެކްސިޑެންޓްގަ... އޭނާއަށް އެއްވެސް ކަމެއް ނުވެ ސަލާމަތްވީތަ. އަހަރެންގެ ދޮންބެގެ ދެ ލޯ..." އައިތަންގެ އަޑުގައިވީ ޝަކުވާގެ އަސަރެވެ. މާޔަލްއަށް ކަމެއްނުވެ އޭނާގެ ބޭބެގެ ދިރިއުޅުން އަނދިރިވާންވީ ކީއްވެހެއްޔެވެ.

"ތި ހީކުރަނީ ގޯސްކޮށް. މާއްކޮ އަސްލު ވަރަށް ބަލި. އޭނާއަށް އެކަމުން ލިބުނު ޝޮކުގަ ހަނދާންނެތުނީ. އެގޭ މީހުން އުޅެނީ ވަރަށް ބަލައިގެން. އިރުއިރުކޮޅުން ނޭފަތުން ލޭ ފައިބާތީ އުޅޭނެ. ބައިވަރު ބޭސްތައް ކައި. އެންމެ ބޮޑު ގެއްލުމެއްވީ މާއްކޮގެ ބޮލަށް. އޭނާއަށް އެ އެކްސިޑެންޓަކީ ނުހިނގާކަމެއް. އެހެންވެ އެހާ ކެއާފްރީ މީހެއްހެން އެ ފެންނަނީ."

"ވަޓް!...." އައިތަންއަށް ޤަބޫލުކުރާން ދަތިވިއެވެ.

"އޭނާ ހަނދާނެއްނެތް... އެންޑް ޝީ ޑިޑިންޓް ނޯ ދެޓް." ރަޒާ މަޑުމަޑުން އަނެއްކާ ވެސް ބުނެލިއެވެ.

އިތުރަށް އެ ދެމެދުގައި އެ މައުޟޫޢުއަށް ވާހަކައެއް ނުދެއްކިއެވެ. ހިމޭންކަމުގައި އައިތަން އިނީ ފުން ވިސްނުމަކަށް ގެއްލިފައި އިންހެނެވެ. އައިތަން އޮފީހަށް ދިޔައީ ރަޒާގެ އޮފީސް ދޮށަށް އޭނާ ބާލާފައެވެ.

* * * * *

"އެގެއަށް ބަދަލުވާން އަހަރެން ބޭނުމީ." ދުފަމުން ރިއާ ވާހަކަދެއްކިއެވެ.

ތުނިތުނިކޮށް ވާރޭ ވެހުނަސް މޫސުމަށް ބެލުމެއް ނެތްކަން ސްޕައިސްހައުސްގެ ހިޔާކޮށްފައި އޮތް ހާމަފެންޑާގަ ހުރި މޭޒުތައް ދޮށުން ފެނެއެވެ. ހުސްކޮށް ހުރި އެންމެ މޭޒެއް ވެސް ނެތެވެ. އަޑުފަށްގަނޑު އެހާ ގަދައެވެ. ހަވީރުގެ އެ ވަގުތު އެ ތަނުގައި ގިނައީ އޮފީސްތައް ނިންމާފައި ސައިބޯން އަރާ ތިބި މީހުންނެވެ. ރިއާއާއި ނީޒާ ވެސް ތިބީ އޮފީސް ނިންމާފައި އައިގޮތަށެވެ.

"ދެން ބުނަންވީނު އެގެއަށް ބަދަލުވާން." ނީޒާ ބުންޏެވެ. އޭނާއަކީ ރިއާ ހުރިހާކަމެއް ޚިއްޞާކުރާ އެންމެ ގާތްކޮށް ގެންގުޅޭ އެކުވެރިޔާއެވެ.

"އަހަރެންގެ މަންމައާއި ބައްޕަގެ ޒާތްކޮޅު ވެސް ބޮޑީ. ހިތަށް އަރާ ކީއްވެބާއޭ އިތުރު ކުއްޖަކު ނުހޯދީ. ގައިމު އޭރުން އޭނާ ހުންނާނެއެއްނު އެމީހުން ބަލަން. އަހަންނަށް މިނިވަންކަން ލިބޭނެ ދޯ. މެރީކޮށްގެން އައިތަން ވެސް އަހަރެން އެގެއަކަށް ނުގެންދިޔަ. އެގޭގަ އުޅޭންޏާ އަހަންނަށް ނުޖެހޭނެ އެއްކަމެއް ވެސް ކުރާކަށް. އެގޭގަ ކޮންމެކަމެއް ކުރާން މަސައްކަތު މީހުން ތިބޭ." ހިތްހަމަނުޖެހުނު ވަރަކަށް ރިއާގެ މޫނުން އެކަން ފާޅުވަމުން ދިޔައެވެ.

"އޮފީހަށް ދަމުން ގޭގައި ކައްކަކާފައި ސާފުކޮށްކޮށްފައި މަށަކަށް ނޫޅެވޭނެ. އެއްޗެހި ދޮންނަން ޖެހޭތީ އަދި އެންމެ ފޫހިވަނީ. ބަންދު ދުވަހެއްގަ ވެސް ރެސްޓުކޮށްލެވޭކަށް ނޯންނާނެ. އައިތަން ވެސް އައިސް ބުނެދާނެ މިއަދު މިވެނި އެއްޗެއް ހަދާބަލަ، އެވެނި އެއްޗެއް ކާހިތްވެއްޖެ. ގޭގަ ނުކެއްކިޔަސް ކާހިތްވީމަ ބޭނުން އެއްޗަކަށް އޯޑަރުކޮށްލީމަ ފަސޭހައެއްނޫންތަ. މަވެސް ފަސޭހަގޮތް ބޭނުންވާނެ ދޯ. އޭނާގެ އަތުގައި ފައިސާނެތީއެއްނޫން." ރިއާއަށް ރުޅިއައިސްފަ އިންވަރުން ތުން ހަފައިގަތެވެ.

"އޭނާ އެއޮއް ޝާހީ މީހާއަށް ތިގޭގަ އުޅެވޭކަން. އަހަރެން ހީކުރީ އެކަހަލަ އާދައިގެ ދިރިއުޅުމެއް އައިތަންއަށް ކަމަކުނުދާނެކަމަށް." ނީޒާއަށް ބުނެވުނެވެ.

"އަހަރެންވެސް ހީކުރީ އެހެން. ރައްޓެހިވެގެން އުޅުންއިރު އުޅޭހެން ކީއްވެ މިހާރު ނޫޅެވެންވީ. އަހަންނަށް އަހަރެންގެ އަމިއްލަ ލައިފްގެ ކަންކަމަށް އެޖަސްޓް ނުވެވިގެން އުޅެނިކޮށް އޭނާ އެ އާދައިގެ ދިރިއުޅުމަށް އެޖަސްޓްވެއްޖެ." ރިއާ ބުންޏެވެ.

"އައިތަންދެކެ އަމަށަކު ލޯތްބެއްނޫންވިއްޔާ ތިވަނީ. އެހެންވީމަ ރުޅިގަދަވެފަ ވެސް އޭނާއާ ދުރަކަށް ރިއާއަކަށް ނުދެވޭނެ. އެކީގަ އުޅޭން ބޭނުމިއްޔާ ރިއާ ފޫހިވިޔަސް ޖެހޭނީ ޗޭންޖުވާން." ނީޒާގެ ޚިޔާލުގައި ރިއާއަށް އޮތް ހައްލު ބުނެދިނެވެ.

"ފައިސާވެރި ޢާއިލާއަކުން އައިސް ހުރި އެހާ ޒުވާން ރީތި... އެންޑް ހީ އިޒް ސޯ ގްރޭޓް އިން ބެޑް... އަދި ދިމާނުވޭ އެވަރުގެ ފިރިހެނަކާ. ދެން ކިހިނެއް އެކަހަލަ ދެވަނަ މީހަކު ހޯދާނީ. ބައެއްފަހަރު ރުޅިގަދަވެގެން ހަޅޭލަވައިގަނެވުނީމަ އަވަހަށް ރޮއެ އާދޭސްކުރަނީ ވެސް އަދި އައިތަން ގެއްލެން ބޭނުންނޫންވީމަ. ބައެއްފަހަރު ހިތައް އަރާ މަންމަމެން ދުނިޔޭގެ ނެތްނަމަ ކިހާ ރަނގަޅުވީސްހޭ." ރިއާ ބުންޏެވެ.

"ސާބަސް ރިއާ... ތިހެން ބުނަންވެދާނެތަ." މިފަހަރު ނީޒާއަށް ވެސް ރިއާ އެންމެފަހުން އެބުނި ވާހަކަ ބަލައިގަންނަން އުނދަގޫވީއެވެ.

"ނީޒާ. އެކަމަކު ކަޑައޭ... ރޭގަ ވެސް އަންނާނޭކަމަށް ހީކުރީ. ނާދޭ ނިދާކަށް. ހެނދުނު ގުޅީމަ ފޯނެއް ނުނަގާ. މެންދުރު ބްރޭކްގަ ގުޅީމަ ބިޒީކޮށްލާފަ ބުނީ މީޓިންއެއްގައޭ އިނީ. އަހަރެން ވެސް އޮފީސް ކަޓުވާފަ އޭނާ ހޯދަން ދުވާނީ ކިހިނެއް." ހިސާބެއްގެ ކަންބޮޑުވުން ރިއާގެ މޫނުން ފާޅުވެލިއެވެ.

"ގެއަށް ގޮސް ފުރަތަމަ ކޮޓަރި ހައްމަތަކުރޭ. ދެން އައިތަން ކައިރީ ރީތިކޮށް ވާހަކަދައްކާ. މަންމަމެންގެ ބަހަނާއެއް ދައްކައިގެން ވިޔަސް ގެއަށް އޭނާ ވެއްދޭތޯ ބަލާ. ރިއާ ޗޭންޖެއް އަތުވެއްޖެކަން ދައްކަން މަސައްކަތްކޮށްލާ... އެބައޮތް މޮޅުގޮތެއް." ވާހަކަދައްކަން އިނދެފައި ކުއްލިއަކަށް ޚިޔާލެއް އައިސްގެން ނީޒާ ދިއްލުނު ފަދައެވެ.

"އޭރުންނޯ." އެކުވެރިޔާގެ ޚިޔާލު އަޑުއަހާފައި ރިއާއަށް ބުނެވުނެވެ.

"ޔަގީނުން ވެސް އަންނާނެއެއްނު. އޭނާ އަދިވެސް ކެއާކުރޭ... ނޫންތަ." ނީޒާ ބުންޏެވެ.

* * * * *

އިރާކޮޅުގެ ވަގުތެވެ. ގަޑިތަކުން ހަތެއް ޖެހީއެވެ. އައިރިކް ހޯދަމުން އައިތަން އައިސް މަޑުކޮށްލީ މަސްފެންގަނޑު ކައިރީއެވެ. އެތާ ހުރި ގޮނޑީގައި އޭނާގެ ދޮންބެ އިނެވެ. މިފަހަރު ނަސީބަކުން އިނީ އަނދިރިއަކު ނޫނެވެ. އެ ދިމާ އަލިކުރާން ހުރި ހުރިހާ ބޮތްކެއް ވަނީ ދިއްލާފައެވެ. އައިތަން އައިސް އަތުގައި އޮތް ދެ ޖޯޑު އެތަނުގައި ހުރި ވަށް މޭޒުގެ މަތީ ބެހެއްޓިއެވެ.

"ކޮފީ ބޯންވީނު. އަހަރެން އެކަނި ފޫހިވެގެން މިއައީ. ދޮންބެއަށް ކުޑަކޮށް އުނދަގޫކޮށްލަން." އައިތަން ބުންޏެވެ.

އައިރިކް މަޑުމަޑުން ވައަތް ހިއްލާލިއެވެ. އައިތަން އަވަހަށް މޭޒުމަތިން އެއްޖޯޑު ނަގައި އައިރިކްގެ އަތާއި ކައިރިކޮށްލިއެވެ. ވަތުތަށީގައި އައިރިކްގެ އިނގިލިތައް ޖެހުމުން ހިފަހައްޓާލިއެވެ. ދެން އަނެއްއަތުން ޖޯޑުގެ އަތްގަނޑު ހޯދަން އިނގިލިތައް ހަރަކާތްކޮށްލިއެވެ.

"ހޫނުވާނެ..." ޖޯޑު ހޫނުކަން އެނގޭތީ އައިތަންއަށް ބުނެވުނެވެ.

މޭޒުމަތީ ދެންހުރި ކޮފީ ޖޯޑު ހިފައިގެން އައިރިކްއާ ޖެހިގެން އައިތަން އިށީނެވެ. އާންމުކޮށް ކޮފީ ބޯ ގަޑިއަކަށް ނުވިޔަސް އައިރިކް އެ އިނީ ކޮފީއެއް ބޯން ބޭނުންވެފައެވެ. ނަމަވެސް މީހަކު ގާތުގައި ބުނާން ބޭނުންނުވެފައެވެ. އައިތަންއާ ދެބަސްވުމެއްނެތި ކޮފީޖޯޑު ޤަބޫލުކުރީ އެހެންވެއެވެ. ހަމައެއާއެކު އައިރިކްއާއެކު ވަގުތުކޮޅެއް ހޭދަކޮށްލަން އައިތަންގެ ސިކުނޑިއަށް ވިސްނުނީ ކޮފީއެއްގެ ބަހަނާއެވެ. އެގަޑިއަކީ އޭނާ ވެސް ކޮފީ ބޯނޭ ގަޑިއެއް ނޫނެވެ.

"އޮފީސް ކިހިނެއް؟. ބައްޕަ ދޯ ހުރިހާކަމެއްކުރަނީ. ސެރެމިކް ޝިޕްމަންޓް އަތުވެއްޖެތަ. ޗައިނާއިން އަންނަ ފަރުނީޗަރުގެ ކަންތައް ބެލިންތަ." އިރުކޮޅެއްގެ ހިމޭންކަމަށްފަހު އައިރިކް އަހާލިއެވެ. އަހަރުގެ މިހާތަނުގައި އޮފީސް ތެރޭގައި ކަންތައް ހުންނާނޭ ގޮތް އައިރިކްއަށް ލަފާކުރާން އެނގެނީއެވެ.

"އަހަރެން ހެލްޕްވަން." އައިތަން ބުނެލިއެވެ.

"ކަމެއްވީތަ؟ ރިއާ ކޮބާ؟." އެހެންޏާ އައިތަން އުޅޭގޮތާއި މިއަދު ތަފާތުވެއްޖެކަން އިޙްސާސްވުމާއެކު އައިރިކްއަށް އަހާލެވުނެވެ. އޭނާއަށް ކޮއްކޮގެ ސޫރަ ނުފެނުނަސް ކުޑަކޮށް އެ ދިމާއަށް އެނބުރިލެވުނެވެ.

"ނަތިންގް." މަޑުމަޑުން އައިތަން ބުނެލިއެވެ. އޭރު އޭނާގެ ނަޒަރު ހުރީ އައިރިކްގެ މޫނަށް ހުއްޓިފައެވެ. ކަމެއްނުވެޔޭ އޭނާ ބުންޏަސް އެއީ ދޮގެކެވެ. އޭނާ އެއިނީ މާޔަލްގެ ވާހަކަ ދައްކަން ބޭނުންވެފައެވެ. އެކަމަކު އެ އަންހެންކުއްޖާގެ ވާހަކަ ބުނަންވީކަމެއް ޔަގީންނުވެފައެވެ. ވާރޭގެތެރޭ މަގުމަތީ ހުއްޓާ އައިރިކް ހިފެހެއްޓީ އޭނާގެ ފެނުން ގެއްލެން މެދުވެރިވި އަންހެންކުއްޖާކަން ބުނާނީ ކިހިނެއްކަމެއް އައިތަންއަކަށް ނުވިސްނުނެވެ.

ލައިގެން އިން ސޯޓުގެ އަރިމަތީ ޖީބުގެ ތެރެއިން ކުއްލިއަކަށް ފޯނު ވައިބްރޭޓްވާން ފެށުމުން އައިތަން ސިހުނެވެ. ޚިޔާލުތައް އެއްފަރާތް ކުރަމުން އޭނާ ފޯނުނެގިއެވެ. އިސްކުރީނުގައިވި ނަން ފެނި ކޯލު ބިޒީކޮށްލީއެވެ.

"މިރޭ ޝަހާ އަންނަނީ ރަންކިޔަންތަ؟." ކައިވެނީގެ ތާރީޚެއް ކަނޑައަޅާކަމުގެ ޚަބަރު އިވިފައި އޮތުމުން އައިތަން އަހާލިއެވެ. ވަގުތުން އައިރިކްގެ ދެބުމަ ކައިރިވެލިތަން އޭނާ ދުށްޓެވެ. އެކަމާ ގުޅުވައި އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އައިތަންގެ ފޯނަށް މެސެޖެއް އައިކަމުގެ ހިލަންވިއެވެ.

"އަހަރެން ދާންޖެހިއްޖެ. ދޮންބެ ކޮފީ ބޯލާ." ފޯނަށް ބަލަން އިނދެފައި ކުއްލިއަކަށް ތެދުވިގޮތަށް އައިތަން ބުނެލިއެވެ. (ނުނިމޭ)