އަންނަ ބޮޑު އީދު ކުލަގަދަ ކޮށް ފާހަގަ ކުރާ ކ. މާފުށީގައި ފްލޯޓިން ވޯޓާ ޕާކެއް ހަދަން ކައުންސިލުން ނިންމައިފި އެވެ.
މާފުށީ ކައުންސިލުން ބުނީ ބޮޑު އީދުގެ ފުރަތަމަ ތިން ދުވަހު އެ ރަށުގެ ކުޑަކުދިންގެ ޕާކް ސަރަހައްދާ ދިމާލުގައި ވޯޓާ ޕާކެއް ހަދަން ނިންމާފައިވާ ކަމަށެވެ.
ގާތްގަނޑަކަށް 4500 އަކަފޫޓުގެ މި ވޯޓާ ޕާކު ހުރިހާ އުމުރު ފުރާތަކެއްގެ މީހުންނަށްވެސް ބޭނުން ކުރެވޭނެ ކަމަށް ކައުންސިލުން ބުނެ އެވެ. މި ޕާކު ހުޅުވާފައި ބަހައްޓަން ނިންމާފައިވަނީ އީދު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 16:00 އަށެވެ.
މާފުށީ ކައުންސިލުން ވަނީ ބޮޑު އީދުގައި ގިނަ ހަރަކާތްތަކެއް ހިންގަން ނިންމާފަ އެވެ. ކުންފުންޏެއް ކަމަށްވާ ލިކަމެކް އިން އިންތިޒާމުތައް ހަމަޖައްސަން ހަވާލުކޮށްފައިވާ މި އިވެންޓުގައި އީދުގެ ފަސް ދުވަހަށް ދެމިގެންދާނެ އެވެ. އެގޮތުން މި މުއްދަތުގައި 8000 މީހުން އެ ރަށަށް އަރާނެ ކަމަށް ކަންސިލުން ލަފާ ކުރެއެވެ.