ދިރާގު

ދިރާގުން އީދު ފާހަގަކުރަން ބޯކިބާ އަދި އީދު ހަދިޔާ ބަހައިފި

ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން މިއަދު ދިރާގުން ކުރިއަށް ގެންދިޔަ ދިރާގު އީދު ބޯކިބާ އަދި ދިރާގު އީދު ހަދިޔާއަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

ހެނދުނުގެ ނާސްތާއެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ދިރާގު އީދު ބޯކިބާ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މާލޭ އާޓިފިޝަލް ބީޗް އަދި ހުޅުމާލެ ސިންތެޓިކް ޓްރެކްގަ އެވެ.

މިއީ މާލޭގައި މާލެ ސިޓީ ކައުންސިލް އަދި ހުޅުމާލޭގައި އާބަންކޯއާ ގުޅިގެން ދިރާގުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މީގެ އިތުރުން އެހެނިހެން އަހަރުތަކެކޭވެސް އެއްފަދައިން ދިރާގުން ވަނީ ކުޑަކުދިންނަށް އަމާޒުކޮށް ދިރާގު އީދު ހަދިޔާ ގިފްޓް ޕެކެއްވެސް އީދު ނަމާދަށް ފަހު ބަހާފަ އެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައިވެސް ދިރާގުން ވަނީ މި ހަރަކާތް ކުރިއަށް ގެންގޮސްފަ އެވެ.

ދިރާގުގެ އެސިސްޓެންޓް މެނޭޖާ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވީ މިއަހަރުގެ ފިތުރު އީދު ފާހަގަކުރުމަށް ދިރާގުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ގިނަ ބަޔަކު ބައިވެރިވެ ޝާމިލްވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މިފަދަ އިޖުތިމާއީ ހަރަކާތްތަކުގެ ޒަރިއްޔާއިން އޯގާތެރިކަން ފެތުރުމާއި އިޖޫތިމާއީ ރޫހު އެކި ފަރާތްތަކުގެ މެދުގައި އާލާކުރުމަކީ ދިރާގުން އަބަދުވެސް ޚާއްސަ ސަމާލުކަން ދޭ ކަމެއް،" ޖައިޝާން ވިދާޅުވި އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އާންމުންނަށް ތަފާތު ގިނަ އިޖުތިމާއީ ހަރަކާތްތައް ގެނެސްދީ އެ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ މުއްސަނދިކޮށްދިނުމަށް ކަމަށްވެސް ދިރާގުން ބުނެފައިވެ އެވެ.