ގޭގައި ތިބެގެން ފަސޭކަމާއެކު ފިތުރު ޒަކާތް ދެއްކޭނެ ލުއި ގޮތް ތަކެއް ދިރާގުން މިއަހަރު ވެސް ހަމަޖައްސައިފި އެވެ.
ދިރާގުން ބުނީ ކޮވިޑް-19 އާއި ގުޅިގެން ލޮކްޑައުން ކޮށްފައިވާއިރު ގޭގައި ތިބެގެން ފިތުރު ޒަކާތް ދެއްކޭނެ ގިނަ ގޮތް ތަކެއް މި ތައާރަފު ކޮށްފައިވާނެ ކަމަށެވެ. އެގޮތުން ދިރާގު ޕޭ މެދުވެރިކޮށް މި އަހަރު ވެސް ފިތުރު ޒަކާތް ދެއްކުމުގެ އިންތިޒާމު ހަމަޖައްސާފައިވެ އެވެ.
ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުމަށް އެކަމަށް ހާއްސަ ލިންކަ އަށް ފިތާލުމުން އަންނަ ބައިތަށް ފުރިހަމަ ކުރުމުން ޒަކާތް ދެއްކޭނެ ކަމަށެވެ. ނަމަވެސް ޒަކާތް ދެއްކޭނީ ދިރާގު ޕޭ އަދި މޮބައިލް ވޮލެޓްގައި ނުވަތަ އެކައުންޓުގައި ފައިސާ ހުރެގެންނެވެ.
ދިރާގުން އަލަށް ތައާރަފުކުރި "ނައު އެމްވީ" އެޕް މެދުވެރިކޮށް ވެސް ފިތުރު ޒަކާތް ދެއްކެ އެވެ. އެގޮތުން އެޕް ސްޓޯރު އަދި ޕްލޭ ސްޓޯރުން ހިލޭ މި އެޕް ޑައުންލޯޑް ކުރެ އެވެ. މި އެޕް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުމަށް، އެކަމަށް ކަނޑައަޅާފައިވާ ޓެބަށް ފިއްތާލުމަށްފަހު އޭގައި ހިމެނޭ ބައިތައް ފުރިހަމަ ކޮށްލުމުން މި އެޕް މެދުވެރިކޮށް އެ ކުންފުނީގެ ކަސްޓަމަރުންނަށް ފިތުރު ޒަކާތް ދެއްކޭނެ އެވެ. އެ އެޕް މެދުވެރިކޮށް ޒަކާތުގެ އިތުރުން، ސަދަގާތް ވެސް ދެއްކޭނެ އެވެ.
ދިރާގު ވަނީ މީގެ އިތުރުން އެހެން އަހަރު ތަކެކޭ އެއްގޮތަށް ޕްރިޕެއިޑް ކަސްޓަމަރުންނަށް އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފަ އެވެ. އެސްއެމްއެސް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުމަށް ގުޅަން ޖެހެނީ *454*5# އަށެވެ.
ދިރާގު ހިދުމަތްތައް މެދުވެރިކޮށް ޒަކާތް ބަލައިގަންނާނެ އެންމެ ފަހުގެ ތާރީހަކީ މި މަހުގެ 20 ވަނަ ދުވަހުގެ ހަވީރު 6:00 ގެ ނިޔަލަށެވެ.