އެމްޑީޕީ

އެމްޑީޕީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށައަޅަން ހުޅުވާލައިފި

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އަސާސީ ގަވާއިދަށް އިސްލާހު ހުށައަޅަން ފުރުސަތު ހުޅުވާލައިފި އެވެ.

އެ ޕާޓީން މިއަދު ބުނީ އެމްޑީޕީ ކޮންގްރެސް 2022 އަށް ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހެޅުއްވުމުގެ ފުރުސަތު މިއަދު ހުޅުވާލާ ކަމަށެވެ. އެ ފުރުސަތު ޖޫން މަހުގެ 30 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށްވެސް ބުންޏެވެ.

އިސްލާހު ހުށަހެޅުމަށް ހަމަޖެހިފައި ވަނީ ގޫގުލް ފޯމެއް ފުރައިގެންނެވެ. އެއް މާއްދާއަށްވުރެ ގިނަ މާއްދާއަށް ނުވަތަ އެއް އިސްލާހަށްވުރެ ގިނަ އިސްލާހު ހުށަހަޅާ ނަމަވެސް އިސްލާހު ހުށަހަޅުއްވާ މާއްދާ އެނގޭނެހެން އެއް ފޯމަކުން ހުށަހެޅުމަށް އެ ޕާޓީން ވަނީ އެދިފައެވެ. އަދި އިސްލާހުގެ ޕީޑީއެފް އަދި ވާޑް ފައިލްވެސް އެޓޭޗް ކުރުމަށް އެ ޕާޓީގެ އިއުލާނުގައި އެދިފައިވެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ނިމި ޕާޓީގެ މަގާމުތަކަށް މެންބަރުން އިންތިހާބު ކޮށްފައިވަނީ މިދިޔަ މަހު އެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވަޑައިގެންނެވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އެވެ. ފައްޔާޒު ވަނީ އެމްޑީޕީއަށް މުހިންމު ބަދަލުތަކެއް ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ.