ކަރީނާ ކަޕޫރަކީ ބޮލިވުޑްގައި މަޝްހޫރު ބަތަލާ އެކެވެ. އެއާއެކު ކުޑަ ކުޑަ ދެ ފިރިހެންކުދިންގެ މަންމަ އެކެވެ. އިނގިރޭސި ރާނީ ތަހުތުގައި ރެނދަލިކުރެއްވިތާ 70 އަހަރު ފުރުން ފާހާގަ ކުރަން ދާދިފަހުން ޝާހީ އާއިލާއިން ބޭއްވި ޕްލެޓްނިމް ޖުބިލީ ހަރަކާތްތަކުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނީ ރާނީގެ މުނިމާމަ ދަރިފުޅު ޕްރިންސް ލުއިގެ ހަރަކާތްތަކަށެވެ.
އެ އިވެންޓުތަކުގައި ބައިވެރިވެ ވަޑައިގެން އެންމެ ކުރީ ގޮނޑިބަރީގައި އިންނަވައިގެން ޕްރިންސް ލުއި ވަނީ ބޮޑާ ހާކާ ވަރަށް ގިނަ ވައްތަރުތައް ޖައްސަވާފަ އެވެ. ކަރީނާ އަށް ލުއިގެ ހަރަކާތްތައް އެހާ ކަމުދިޔައީ އޭނާގެ ދަރިން ވެސް އުޅެނީ ޕްރިންސް ލުއި އުޅޭ ގޮތަށް ކަމަށް ވާތީ އެވެ.
އެއް ތަނެއްގައި މާ ގިނައިރު އިށީނދެގެން އިންނަން ޖެހުމުން ޕްރިންސް ލުއި ފޫހިވެގެން އޭނާގެ މަންމަ ކޭޓް އާ ދިމާލަށް ވައްތަރު ޖައްސައި އަދި ކޭޓް ވާހަކަ ދައްކަން ފެށުމުން އަނގަ މަތީ އަތް އަޅާތަން ފެންނަ ވީޑީއޯތައް މިހާރު ސޯޝަލް މީޑިއާގައި ވައިރަލް ވެފައި ވެއެވެ. އަދި އަޑުގަދަވާ ބައެއް ފަހަރު ކަންފަތްމަތީގައި އަތް އެޅުމާއި ލޯ މަތީގައި އަތް އަޅައި ބާރަށް ހަޅޭއްލަވާ މަންޒަރުތައް ވެސް މިހާރު އިންޓަނެޓުގައި ވައިރަލް ވެފައި ވެއެވެ.
މި ވީޑިއޯތަކުން ފެންނަ ޕްރިންސް ލުއިގެ އެކިއެކި ހަރަކާތްތައް ފެންނަ ފޮޓޯތަކަކާއެކު ކަރީނާ ޝެއާ ކުރި ޕޯސްޓުގައި މަންމައެއްގެ ހައިސިއްޔަތުން އެވަގުތު ކޭޓް އަށް ކުރެވޭނެ އިހްސާސްތައް އޭނާއަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށް ބުނެފައި ވެއެވެ.