ލައިފްސްޓައިލް

ބެކަމް، ރާނީއަށް އަލްވަދާއު ކިޔުމަށް ކިޔޫގައި 13 ގަޑިއިރު

އިނގިރޭސި ވިލާތުގެ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް، ރާނީ އެލިޒަބަތު || އަށް ފަހުގެ އަލްވަދާއު ކިއުމަށް 13 ގަޑިއިރަށް ވުރެ ގިނައިރު އާންމުންގެ ތެރޭގައި ވެސްޓްމިންސްޓާ ހޯލްއަށް ވަންނަ ކިއުގައި ހޭދަކޮށްފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ވަށައިގެން ތިބި ފޭނުންގެ ފަރާތުން ސަމާލުކަން ލިބެމުން ދިއުމުންވެސް އެއްވެސް މައްސަލައެއް ނުޖައްސާ، ޑޯނަޓްވެސް ބެކަމް ބެހި ކަމަށްވެ އެވެ.

ބެކަމް ބުނީ އޭނާ ދަންވަރު 2:00 ޖެހިއިރު ކިއުއަށް އެރީ އެ ގަޑީގައި ހަލަބޮލިވުމުގެ ބަދަލުގައި ހަމަހިމޭން ވާނެ ކަމަށް ހީކޮށެވެ.

ރާނީގެ ހަށިގަނޑު ބާއްވާފައި އޮތް ހޯލަށް ވަނުމުގެ ކުރިން ބެކަމް ރިޕޯޓަރުންނާ ވާހަކަދައްކަމުން ބުނީ ބެކަމް އާއި އޭނާގެ އާއިލާއަކީ އަބަދުވެސް އިނގިރޭސި ޝާހީ އާއިލާއަށް ސަޕޯޓްކުރާ ބައެއް ކަމަށެވެ. އޭނާގެ ކާފަ އާއި މާމަ ދުނިޔޭގައި ތިބިނަމަ، ރާނީއަށް އަލްވަދާއު ކިޔަން ބޭނުންވާނެ ކަމަށާއި މިއީ ހާއްސަކޮށް އެމީހުންނަށްޓަކައި ކުރި ކަމެއް ކަމަށެވެ.

ބެކަމް ވަނީ އޭނާ ފުޓްބޯޅަ ކުޅުނު ޒަމާނުގައި ރާނީ އެލިޒަބަތްއާ އެތައް ފަހަރަކު ބައްދަލުކޮށްފަ އެވެ.

"އަހަރެންގެ ހަޔާތުގައި އޯޑާ އޮފް ދަ ބްރިޓިޝް އެމްޕަޔާ ފަދަ ޝަރަފެއް ލިބި، އެކަމަނާއާ ބައްދަލުކޮށް ވާހަކަދައްކަން ކުޑަ ވަގުތުކޮޅެއް ލިބުމަކީ ވަރަށް ބޮޑު ނަސީބެއް،" ބެކަމް ބުނެފައިވެ އެވެ.

ބެކަމް އިތުރަށް ބުނީ ވަށައިގެން ބަލާލީމަވެސް ރާނީއާ މެދު ހިތްތަކުގައި އޮތް ލޯބި ފެނި، އެކަމަނާގެ ހާއްސަކަން ފެނިގެންދާ ކަމަށާއި މިއީ ހިތާމަވެރި ދުވަހަކަށް ވީނަމަވެސް، އެކަމަނާ ދޫކޮށްފައި ވަޑައިގެންނެވި ހަނދާންތައް ހަދުމަކުރުން މުހިއްމު ކަމަށެވެ.

މަންޒަރު ދުށް މީހުންނާއި މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި ބެކަމް، ރާނީގެ ސަންދޯކާ ދިމާއަށް ދަމުން ފެން ކަޅިވުމުން ލޮލާއި ނޭފަތް ފޮހެލި އެވެ.

ބެކަމް ފޭނުންނާ އެއްކޮށް ފޮޓޯ ފަދަ ތަކެތި ނަގާފައިވަނީ ރާނީއަށް އަލްވަދާއު ކިއުމަށް ފަހު އެވެ.

ބެކަމްއާ އެއްކޮށް ކިއުގައި މަޑުކޮށްގެން ތިބި މީހުން ވަނީ ބެކަމް އާންމުގެ ތެރޭގައި އެއްވެސް ބޮޑީގާޑަކާ ނުލައި ކިއުގައި މަޑުކުރުމުން އޭނާގެ ހިތްތިރި ކަމަށް ތައުރީފްކޮށްފަ އެވެ.