ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މިއަހަރަށް ކާޑާއި ތެލާއި ބޭސް ގަންނާނެ ފައިސާ އެބަހުރި: ރައީސް

މުޅި އަހަރަށް ކާޑާއި ތެލާއި ބޭސް ގަންނާނެ ފައިސާ އެބަހުރި ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދެއްވައިފި އެވެ. އެމަނިކުފާނު މިކަމުގެ ޔަގީންކަން ދެއްވީ މިއަދު އޮތް ނޫސްވެރިންގެ ބައްދަލްވުމުގައެވެ.

ރާއްޖޭގެ އިގްތިސާދު މެނޭޖް ނުކުރެވިއްޖެނަމަ ހާލަތު ގޯސްވެ އަވައްޓެރި ލަންކާ އޮތް ހާލަތަށް ހިނގައިދާނެ ކަމުގެ އިންޒާރު އިގްތިސާދީ ތަޖުރިބާކާރަކު ވަނީ ދެއްވާފައެވެ. ސްރީލަންކާ އޮތީ އިގްތިސާދީ ބޮޑު ކާރިސާއެއްގެ ތެރޭގައެވެ. އެ ގައުމުން ތެޔޮ ހުސްވެ ކާޑަށް ވަނީ ޖެހިފައެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ތިން އިރު ކާނެ ކާބޯތަކެތި ނުލިބިދާނެ ކަަމަށް އެ ގައުމުގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

ރާއްޖެއަށް އެފަދަ ހާލަތެއް ނެތް ކަމުގެ ޔަގީންކަން ރައީސް މިއަދު ވަނީ ދެއްވާފައެވެ. ވިދާޅުވީ ކުރިއަށް އޮތް ހުރިހާ މަސްތަކަށް ކާޑާއި ތެލާއި ބޭސް ގަންނާނެ ފައިސާ އެބަހުރި ކަމަށެވެ.

"އަޅުގަނޑު ތިބޭފުޅުންނަށް ޔަގީންކޮށް މި އަރުވަނީ ކާޑުގެ ބާވަތްތަކާއި ތެލާ ބޭސް ދަތިނުވެ ރާއްޖެއަށް މަހުން މަހަށް ގަނެވޭވަރަށް ފައިސާ ހުންނާނެ ކަމަށް. އެއީ ޖޫން މަސް ކަމަށްވިޔަސް، ޖުލައި މަސް ކަމަށްވިޔަސް އޮގަސްޓް، ސެޕްޓެންބަރު، އޮކްޓޫބަރު، ނޮވެންބަރު، ޑިސެންބަރު ކަމަށްވިޔަސް އެ ފައިސާ ހުންނާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވި ގޮތުގައި މިހާތަނަށް ޔޫސަބަލް ރިޒާވް އެންމެ ގިނައިން ހުރި އަހަރަށް މިއަހަރު ވާނެ އެވެ. އަދި އިގްތިސާދު މެނޭޖް ކުރުމަށް ސަރުކާރުން މިހާރުވެސް ވަނީ ފިޔަވަޅު އަޅުއްވަން ފައްޓަވާފައެވެ. އެ ފިޔަވަޅުތަކުގެ ނަތީޖާތައް ފެންނާނެ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ އިތުރު ފިޔަވަޅުތައް އަޅުއްވާ އިގްތިސާދު ފަހި ކުރައްވާނެ ކަމަށެވެ.

ރާއްޖެ ދަރަނިވެ ބަނގުރޫޓް ނުވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ. ރައީސް ވިދާޅުވީ ބޮންޑަކަށް ނުދައްކާ އޮތް 58 މިލިއަން ޑޮލަރު އިއްޔެ ދައްކާ ހަލާސްކޮށްފައިވާ ކަމަށާ ދެން އެންމެ އަވަހަށް ބޮޑު އަދަދެއް ދައްކަން އޮތީ 2026 ގައި ކަމަށެވެ. އެ އަހަރު 600 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް ވިދާޅުވިއެވެ.