ރާއްޖޭގެ އިގްތިސާދީ ހާލަަތު ރަނގަޅުކޮށް ނާޒުކު ހާލަތުގައި އޮތް ދިވެހި ރިޒާވް ރަނގަޅު ކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ތައުރީފު ކޮށްފި އެވެ. އެ ޖަމާއަތުން ވަނީ ޖޫން މަހުގެ ފަހުކޮޅު ރާއްޖެއަށް ޒިޔާރަތެއް ކޮށް ރާއްޖޭގެ އިގްތިސާދީ ހާލަތު ވަޒަންކޮށްފައެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އިގްތިސާދީ ހާލަަތު ރަނގަޅު ކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް ރަނގަޅު ކަމަށެވެ. އެ ގޮތުން ޖީއެސްޓީ އާއި ޓީޖީއެސްޓީ ނަގާ ނިސްބަތް މަތިކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރަނގަޅު ނިންމެއް ކަމަށް ބުނެފައިވެއެވެ. އެ ނިންމުމުގެ ސަބަބުން އިގްތިސާދަށް ރަނގަޅު ކުރިއެރުންތަކެއް ލިބޭނެ ކަމަށްވެސް ބުނެފައިވެއެވެ.
އަދި އިގްތިސާދީ ކުރިއެރުންތަކުގެ ސަބަބުން މާލީ އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށްޓަކައި ބޭނުންވާ އިސްލާހުތައް އަވަހަށް ތަންފީޒު ކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް ބުނެފައިވެއެވެ. އެގޮތުން ރާއްޖޭގެ އާމްދަނީ އިތުރު ކުރުމާއި އާންމު ހަރަދުތައް ރަނގަޅަށް ބެލެހެއްޓުމާއި އިންޓަރެސްޓްގެ ބުރަ ކުޑަކުރަން ލުއި ނޫން ލޯނުތައް ލިމިޓްކުރުމާއި ސަބްސިޑީ އެންމެ ބޭނުންޖެހިފައިވާ ރައްޔިތުންނަށް ލިބޭނެ ގޮތަށް ސަބްސިޑީގެ ސިޔާސަތު ބަދަލު ކުރުން ފަދަ ކަންކަން ވަނީ ފާހަގަކޮށްފައެވެ.
"...2023 ވަނަ އަހަރު ފަތުރުވެރިކަމާއި ބޭރުގެ މުދަލާއި ހިދުމަތުގެ ޓެކްސްއިން 12 އިން 16 ޕަސެންޓަށް އަދި ހަ ޕަސެންޓުން 8 ޕަސެންޓަށް އިތުރު ކުރުމަށް ސަރުކާރުން ރާވާފައިވާ ކަންކަމަކީ އިގްތިސޯދަށް ކުރިއެރުން ގެނައުމަށް އަޅާފައިވާ މުހިންމު ފިޔަވަޅުތަކެއް،"
އައިއެމްއެފްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ބޭރުގެ ފައިނޭންސިންގެ ހަރަދުތައް އިތުރު ކުރަންވެސް މިފަދަ އިސްލާހުތައް އަވަހަށް ތަންފީޒުކުރުން މުހިންމު ކަމަށެވެ. މީގެ އިތުރުން ސަބްސިޑީ ދެމުން ދާ ގޮތަށް ބަދަލު ގެނެސް ހެޔޮ ގޮތަކަަށް އިސްލާހުކޮށް ސަރުކާރުގެ ބަޖެޓަށް އެސްއޯއީތައް ބަރޯސާވުން ކުޑަކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން އަވަހަށް ތަންފީޒުކުރުމަކީވެސް މާލީ ގޮތުން ކުރިމަތިވާ ދަތިތައް ކުޑަކުރުމަށް އެހީތެރިވެދޭނެ ކަންކަން ކަމަށެވެ.
ސަރުކާރުންދޭ ތެލުގެ ސަބްސިޑީ އެންމެ ބޭނުންޖެހިފައިވާ ރައްޔިތުންނަށް ލިބޭނެ ގޮތަށް ސަބްސިޑީގެ ސިޔާސަތު ބަދަލު ކުރުން މުހިއްމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވަނީ ވިދާޅުވެފައެވެ. މިނިވަން ދުވަހުގެ މުނާސަބަތުގަައި ގައުމާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވަނީ ސަރުކާރުންދޭ ތެލުގެ ސަބްސިޑީ އެންމެ ބޭނުންޖެހިފައިވާ ރައްޔިތުންނަށް ލިބޭނެ ގޮތަށް ސަބްސިޑީގެ ސިޔާސަތު ބަދަލު ކުރުން މުހިއްމު ކަމުގައި ތަކުރާރުކޮށް ވިދާޅުވިއެވެ.
އަދި މި ބަދަލު ތަފްސީލުކޮށް ތަންޒީމުކޮށް ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތް ސަރުކާރުން ފަށާފައިވާކަން ރައީސް ވަނީ އިއުލާނު ކުރައްވާފައެވެ. މިއީ ދުޅަހެޔޮ އިގްތިސާދީ އޮމާން ދުވެލީގެ ދެމެހެއްޓެނިވި މަގަށް ރާއްޖެ ވާސިލުވުމަށް މިވަގުތު ކޮންމެހެން އުފުލަން ޖެހޭ ބުރައެއް ކަަމަށް ރައީސްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުން ވަނީ ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތަ އަށް ބޮޑު ކުރަން ނިންމާފައެވެ. އަދި ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތަ އަށް ބޮޑު ކުރުމަށްވެސް ވަނީ ނިންމާފައެވެ. ރައްޔިތުންގެ މަޖިލީސް ހުޅުވެންވާއިރަށް އެ އިސްލާހުތައް ގާނޫނަށް ގެންނަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.