ސަރުކާރުންދޭ ތެލުގެ ސަބްސިޑީ އެންމެ ބޭނުންޖެހިފައިވާ ރައްޔިތުންނަށް ލިބޭނެ ގޮތަށް ސަބްސިޑީގެ ސިޔާސަތު ބަދަލު ކުރުން މުހިއްމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގަައި ގައުމާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ އިގްތިސާދު މިއިން ދުވަހަކު ނުދާހާ ދަށަށް ދިޔަ ކަމަށާ މިކަމާ ގުޅިގެން އެޅި ފިޔަވަޅުތަކުގެ ސަބަބުން މި އަހަރު ނިމޭއިރު 2019 ގައި ހުރި މިންވަރަށް ރާއްޖޭގެ އިގްތިސާދު ގެންދެވޭނެ ކަމަށެވެ. އެހެން ނަމަވެސް މި ކާމިޔާބީގެ ހެޔޮ އަސަރު އެންމެ ރަނގަޅަށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހުރަސްތަކެއް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.
އެންމެ ޒަރޫރީ މުދަލާ ހިދުމަތުގެ އަގަށް ލޮޅުން ގެނުވާ ފަދަ ނާދިރު ހަނގުރާމައިގެ ހާލަތަކަށް ދުނިޔެ ފެތިފައިވާ ކަމަށް ވިދާޅުވެ ރަޝިއާ-ޔޫކްރޭން ހަނގުރާމައާއި ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދަށް ލޮޅުން އަރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. މި ހަނގުރާމައިގެ ސަބަބުން ހުރިހާ ގައުމަކަށް އޮތް ގޮންޖެހުންތަށް ދިވެހީންނާއިވެސް ކުރިމަތިވެއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޮވިޑްގެ ގެއްލުމުން އަރައިގަތުމަށް އެޅުނު ފިޔަވަޅު ތަކުގެ ހެޔޮ އަސަރާ ރަޝިޔާ-ޔޫކްރޭން ހަނގުރާމައިގެ ނޭދެވޭ އަސަރުގެ ސަބަބުން މުދަލާއި ހިދުމަތުގެ އަގު އިންތިހާއަށް އުފުލިފައިވާ ކަމަށް ވިދާޅުވިއެވެ.
"ރަޝިޔާ–ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގާ މުދަލުގެ އަގު އިންތިހާއަށް އުފުލިއްޖެ. ނަމަވެސް އޭގެ އަސަރު އެހެން ބައެއް ގައުމުތަކުގެ ރައްޔިތުންނަށް ކުރާ ވަރާ ގާތަށްވެސް އަދި ދިވެހިންނަކަށް ނުކުރޭ. ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ބޮޑުވި ވަރާ ކައިރިއަށްވެސް ރާއްޖޭގައި ތެލުގެ އަގަށް ބަދަލެއް ނުގެންނަން. ސަބަބަކީ އޭގެ ހަގީގީ ބުރަ ސަރުކާރުން އުފުލަމުންދާތީ،" ރައީސް ވިދާޅުވިއެވެ.
މިނާޒުކު ދަނޑިވަޅު ރާއްޖޭގެ އިގުތިސާދުގެ ހަމަ ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުން ކޮންމެހެން މުހިންމު ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި ރައްޔިތުންނަށް ލިބިދެވޭ ހިދުމަތްތަކަށް އަރާ ބުރުލާ އަންނަ ގުޑުން ކުޑަކުރުމަށް މަސައްކަތް ކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމުން އެކަން ސަރުކާރުން ކުރަމުން ގެންދާ ކަމަށް ވިދާޅުވިއެވެ.
"އެންމެ ފުރަތަމަ ކަމަކީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުން. މިގޮތުން ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ރިކަރަންޓް ހަރަދުތައް ކުރާ މިންވަރު މަހުން މަހަށް މި އަންނަނީ ހިފަހައްޓަމުން. ސީދާ ބަޖެޓުން ކުރިއަށް ގެންދަން ކަނޑައަޅާފައިވާ ބައެއް ޕްރޮޖެކްޓްތައް ފެށުން މި ވަގުތަށް ވަނީ މަޑުޖައްސާލާފައި. ހަމައެއާއެކު ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށްޓަކައި ސިޔާސަތުތަކަށް ބަދަލު އެބަ ގެންނަން،"
ރައީސްގެ ވާހަކަފުޅުގައި ތެލުގެ ސަބްސިޑީއަށް ،ބަޖެޓްގައި އަންދާޒާކުރި އަދަދު އެތަށް ގުނައަކުން މަތިވެއްޖެ ކަމަށް ވިދާޅުވިއެވެ. މި އަހަރަށް ބަޖެޓް ކުރެވުނު ތެލުގެ ސަބްސިޑީގެ ޖުމްލަ އަކީ 341.5 މިލިއަން ރުފިޔާ ކަމަށާ ނަމަވެސް މި ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އެތައް ގުނައެއް މައްޗަށް ދިއުމުގެ ސަބަބުން ނިމިދިޔަ ޖޫން މަހުގެ ނިޔަލަށް ޖުމްލަ 910.3 މިލިއަން ރުފިޔާ ތެލުގެ ސަބްސިޑީއަށް އެކަނި ހަރަދު ވެއްޖެ ކަމަށެވެ. އަދި މިހާރު ލަފާ ކުރެވޭ ގޮތުން މިއަހަރުގެ ނިޔަލަށް މި ހާލަތުގައި ދާނަމަ ޖުމްލަ 1.95 ބިލިއަން ރުފިޔާ ތެލުގެ ސަބްސިޑީއަށް ސަރުކާރުން ހަރަދު ކުރަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
"ސަރުކާރުން ތެލަށްދޭ ސަބްސިޑީ އަމާޒު ކުރަނީ މައިގަނޑު ދެ ކަމަކަށް. ފުރަތަމަ ކަމަކަށް ރައްޔިތުން ބޭނުންކުރާ ހަކަތަ ނުވަތަ ކަރަންޓްގެ އަގު ބޮޑުވިޔަ ނުދީ ހިފެހެއްޓުމަށްދޭ ސަބްސިޑީ. މި ސަބްސިޑީ މިހާތަނަށް ދެމުން އައި އުސޫލު އިސްލާހު ކުރަންޖެހޭ. ތެލުން ސަބްސިޑީދޭ އަނެއް ދާއިރާ އަކީ މަސްވެރިންނަށް ބޭނުންވާ ތެޔޮ. ދިގުލަމުންދާ މި ހަނގުރާމައިން ދެން އަތުވެދާނެ ހުރިހާ ހާލަތަކަށް ވިސްނާ ތިބުމަކީ ކުރަން ޖެހޭ ކަމެއް. މިއީ މި ހާލަތާ ގުޅޭ ގޮތަށް އިގްތިސާދީ ސިޔާސަތަށް ބަދަލު ގެންނަން ޖެހޭ ވަގުތު،" ރައީސް ވިދާޅުވިއެވެ.
ސަރުކާރުންދޭ ތެލުގެ ސަބްސިޑީ އެންމެ ބޭނުންޖެހިފައިވާ ރައްޔިތުންނަށް ލިބޭނެ ގޮތަށް ސަބްސިޑީގެ ސިޔާސަތު ބަދަލު ކުރުން މުހިއްމު ކަމުގައި ރައީސް ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި މި ބަދަލު ތަފްސީލުކޮށް ތަންޒީމުކޮށް ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތް ސަރުކާރުން ފަށާފައިވާކަން ރައީސް މިއަދު ވަނީ އިއުލާނު ކުރައްވާފައެވެ. މިއީ ދުޅަހެޔޮ އިގްތިސާދީ އޮމާން ދުވެލީގެ ދެމެހެއްޓެނިވި މަގަށް ރާއްޖެ ވާސިލުވުމަށް މިވަގުތު ކޮންމެހެން އުފުލަން ޖެހޭ ބުރައެއް ކަަމަށް ރައީސް ވިދާޅުވިއެވެ.