ދެވަނަ ލަންކާއަށް ރާއްޖެވުން ހުއްޓުވަން ޖެހޭ އެންމެން އެކީ މަސައްކަތް ކުރަން ޖެހޭ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސައީދު މިހެން ވިދާޅުވީ ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް ހިންގާ ޓީއެމްއޭ ވިއްކާލުމުގެ މަސައްކަތް ފެށި ފެށުމާމެދު ކަންބޮޑުވުން ފާާޅުކުރައްވަމުންނެވެ. ސައީދު ވިދާޅުވި ގޮތުގައި ރާއްޖޭގައި ކޮށްފައިވާ ބޮޑެތި އިންވެސްޓްމަންޓުތައް ރާއްޖެ ދޫކޮށްދިޔުމާއި ވިއްކުން އާންމު ވެގެން ދިޔައީ ފަންނީ ބޭފުޅުން އަދި ޖަމާއަތްތަކުން ދޭ ލަފާ ރައީސް ސޯލިހަށް އެނގިވަޑައިނުގަތުމާއި އަޑު ނޭއްސެވެމުންނެވެ.
އަދި ވިދާޅުވީ ވިޔަފާރީގެ އިތުބާރެއް ރައީސަށް ނެތް ކަމަށެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތާމެދު ކަންބޮޑުވުން ފާޅު ކުރައްވާ ސައީދު ވިދާޅުވީ ދެވަނަ ލަންކާއަށް ރާއްޖެވުން ހުއްޓުވަން ޖެހޭ އަތު ގުޅާލަން ޖެހޭ ކަމަށެވެ. ސައީދު އެ އިޝާރާތް ކުރައްވަނީ އިގްތިސާދު މެނޭޖް ނުކުރެވި ލަންކާގެ ތާރީހުގައިވެސް މި ފަހުން ފެނުނު އެންމެ ބޮޑު އިގްތިސާދީ ކާރިސާ އެ ގައުމަށް ކުރިމަތިވެފައި އޮތް އޮތުމަށެވެ. ލަންކާގެ އިގްތިސާދު ހުއްޓި، ބޭރު ފައިސާ ލިބުން ދަތިވެ އަސާސީ އެތައް ހިދުމަތްތަކަކުންވެސް ލަންކާގެ ރައްޔިތުން ވަނީ މަހުރޫމް ވެފައެވެ.
ދުނިޔޭގެ ވިޔަފާރީގެ ހަބަރުތައް ގެނެސްދޭ މަޝްހޫރޫ ނޫސް -- ބުލޫމްބާގްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޓީއެމްއޭގެ މެޖޯރިޓީ ހިއްސާދާރު ކަމަށްވާ ކާލައިލް ގުރޫޕުން ގެންދަނީ 700 މިލިއަން ޑޮލަރަށް ކުންފުނި ވިއްކާލުމުގެ މަސައްކަތް ކުރަމުންނެވެ. އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ކާލައިލް އިން ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ގަތީ ޓީއެމްއޭ އިން ނަގާފައިވާ 4.7 ބިލިއަން ރުފިޔާގެ ލޯނުތައް ދެއްކުމަށް ކޮވިޑްގެ ތެރޭގައި ދަތިތަކެއް ދިމާވުމުން ލޯންތައް ދެއްކުމަށް ބަދަލުތަކެއް ގެނައުމަށްފަހު މިދިޔަ އަހަރު އެވެ.
ކާލައިލް އިން ޓީއެމްއޭ ވިއްކާލުމުގެ މަޝްވަރާތައް ކުރިއަށް ގެންދިޔަ ނަމަވެސް އެ ކުންފުނިން މަޝްވަރާކުރަމުންދާ އިންވެސްޓަރުންގެ މައުލޫމާތު އަދި ހާމަކޮށްފައެއް ނުވެ އެވެ. ޓީއެމްއޭގެ މެޖޯރިޓީ ހިއްސާދާރުންގެ ތެރޭގައި ޑޭވިޑްސަން ކެމްޕްނާ ކެޕިޓަލް މެނޭޖްމަންޓާއި ކިންގް ސްޓްރީޓް ކެޕިޓަލް މެނޭޖްމަންޓް ވެސް ހިމެނެ އެވެ.
ރާއްޖޭގެ 80 އަށް ވުރެ ގިނަ ރިސޯޓަށް ދަތުރުކުރާ ޓީއެމްއޭގެ ފްލީޓްގައި 56 ބޯޓު ހިމެނެ އެވެ.